ENGLISH

24 ނޮވެމްބަރު 2025

Advertisement

ބޮޓްސްވާނާ އިންޓަރނޭޝަނަލް: ރިވައިވަލް އަށް ރިހި މެޑެލަކާއި ލޯ މެޑެއްޔެއް

24 ނޮވެމްބަރު 2025

|

މުޙައްމަދު އަދުހަމް

"ބޮޓްސްވާނާ އިންޓަރނޭޝަނަލް 2025" ބެޑްމިންޓަން މުބާރާތުގައި ވާދަކޮށް، ރާއްޖޭގެ ރިވައިވަލް ސްޕޯޓްސް އިން ރިހި މެޑަލަކާއި، ލޯ މެޑެއްޔެއް ހާސިލްކޮށްފިއެވެ.

ބޮޓްސްވާނާގައި މި މަހުގެ 20 އިން 23 ގެ ނިޔަލަށް ކުރިއަށްދިޔަ މުބާރާތުގައި ރިވައިވަލް ސްޕޯޓްސް އަށް ނިސްބަތްވާ ރާއްޖޭގެ ފާތިމަތު ނަބާހާ ޢަބްދުއްރައްޒާޤު އާއި އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤުގެ ޕެއާ ވަނީ އަންހެން ޑަބަލްސް އިވެންޓުގައި ވާދަކޮށް ރިހި މެޑެލް ހާސިލްކޮށްފައެވެ.

މި އިވެންޓްގެ ފައިނަލުގައި ދެކުނު އެފްރިކާގެ އެމީ އެކަމަން އާއި ޖޮހާނިޓާ ޝޯލްޓްޒްގެ ޕެއާ އަތުން ރާއްޖޭގެ ނަބާ އާއި ނަބީގެ ޕެއާ ބަލިވީ 2-1 ސެޓުންނެވެ. އެގޮތުން، މި މެޗުގެ ފުރަތަމަ ސެޓުގައި 21-19 އިން ނަބާ އާއި ނަބީގެ ޕެއާ ކުރިހޯދާފައިވަނިކޮށް، ދެކުނު އެފްރިކާގެ ޕެއާއިން މެޗު ކާމިޔާބުކުރީ 21-13 އަދި 21-15 އިން ސެޓުތައް ގެންގޮސްގެންނެވެ.

މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓްގެ ސެމީ ފައިނަލުގައި ރާއްޖޭގެ ޙުސައިން ޒަޔާން ޝަހީދު ޒަކީ އާއި ނަބާގެ ޕެއާ ވަނީ ވާދަކޮށް، ލޯ މެޑަލް ހޯދާފައެވެ. މި އިވެންޓްގެ ސެމީގައި ޒަޔާން ޒަކީ އާއި ނަބާގެ ޕެއާ އަތުން ދެކުނު އެފްރިކާގެ ރޮބަޓް ސަމާސް އާއި އެމީ އެކަމަންގެ ޕެއާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. އެއީ، 21-15، 21-12 އިންނެވެ.

މިއީ މިދިޔަ މެއި މަހު ދުނިޔޭގެ ބެޑްމިންޓަންގެ މައި ޖަމްޢިއްޔާ، ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑްކުރުމަށްފަހު، އޭގެފަހުން މިދިޔަ ސެޕްޓެންބަރު މަހު ބީޑަބްލިއުއެފް އިން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް ސަސްޕެންޝަނަށް ލުއި ދިން ފަހުން އެފަދަ މުބާރާތެއްގައި ރިވައިވަލް ސްޕޯޓްސް އިން ވާދަކުރި ދެވަނަ ފަހަރެވެ.

މީގެކުރީން، ރިވައިވަލް އިން ވަނީ މި މަހުގެ 13 އިން 16 ގެ ނިޔަލަށް ޒެމްބިއާގައި ކުރިއަށްދިޔަ ބެޑްމިންޓަން މުބާރާތުން ރަން މެޑަލަކާއި، ރިހި މެޑެއްޔެއް ހާސިލްކޮށްފައެވެ.

ރިވައިވަލް އަށް ދެން އޮތީ މި މަހުގެ 27-30 އަށް ދެކުނު އެފްރިކާގައި ބާއްވާ އަކުއާސްޕްރިންގްސް ސައުތު އެފްރިކާ އިންޓަރނޭޝަނަލް މުބާރާތެވެ.

ކިޔުންތެރިންގެ ހިޔާލު