ENGLISH
22 ނޮވެމްބަރު 2025
ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމަށް އުޒްބެކިސްތާނުގެ ކޯޗެއް ގެންނަން ނިންމައިފި
22 ނޮވެމްބަރު 2025
|
ޤައުމީ ފުޓްސަލް ޓީމުގެ ކޯޗުކަމަށް ހަމަޖައްސަން ނިންމި ފާރޫކް ޒަކިރޯވް.
އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކަށް ޚާއްޞަ ފުރަތަމަ ފުޓްސަލް މުބާރާތަށް ތައްޔާރުވާ، ރާއްޖޭގެ ޤައުމީ ފިރިހެން ފުޓްސަލް ޓީމުގެ ހެޑް ކޯޗުކަމަށް އުޒްބެކިސްތާނުގެ ތަޖުރިބާކާރު ކޯޗު ފާރޫކް ޒަކިރޯވް ހަމަޖައްސަން ނިންމައިފިއެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު މީޑިއާތަކާ ޙިއްޞާކުރި ނޫސްބަޔާނުގައި ބުނީ، އެފްއޭއެމްގެ އެކްސްކޯއިން ޒަކިރޯވް ރާއްޖޭގެ ފުޓްސަލް ޓީމުގެ ކޯޗުކަމަށް ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.
ޒަކިރޯވްއަކީ މިވަގުތު އުޒްބެކިސްތާނުގެ ޤައުމީ އަންހެން ފުޓްސަލް ޓީމުގެ ހެޑް ކޯޗުގެ އިތުރުން އުޒްބެކިސްތާނުގެ ފުޓްސަލް ލީގުގައި ވާދަކުރާ ނެފްޗީ ފުޓްސަލް ކްލަބުގެވެސް ހެޑް ކޯޗެވެ.
އެފްއޭއެމްއިން ބުނިގޮތުގައި، ޒަކިރޯވް ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމާ ރަސްމީކޮށް ޙަވާލުވާނީ ޑިސެމްބަރު 1 ވަނަ ދުވަހެވެ. އޭނާއަށް އެފްއޭއެމުން ދެނީ ތިން މަސްދުވަހުގެ އެއްބަސްވުމެވެ. ޑިސެމްބަރުގައި ފަށާ ޒިންމާ ޒަކިރޯވް އަދާކުރާނީ 2026 ޖަނަވަރީ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެ މުއްދަތުގައި ފިރިހެން ފުޓްސަލް ޓީމަށް ކޯޗުކަން ކޮށްދިނުމުގެ އިތުރުން، ރާއްޖޭގެ ޤައުމީި އަންހެން ފުޓްސަލް ޓީމުގެ ތަމްރީނުތައް ދިވެހި ކޯޗުންނާއެކު ކުރިއަށްގެންދާނީ ވެސް ޒަކިރޯވްގެ ބެލުމުގެ ދަށުން ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.
އުޒްބެކިސްތާނަކީ ދުނިޔޭގެ ފުޓްސަލްގައި ރޭންކުކޮށްފައިވާ 139 ގައުމުގެ ތެރެއިން 19 ވަނައިގައި އޮތް ގައުމެވެ. އޭޝިއާ ފުޓްސަލްގައި އުޒްބެކިސްތާނަކީ 4 ވަނައިގައި ރޭންކުކުރެވިފައި ޤައުމެވެ.
ޒަކިރޯވްވަނީ މީގެކުރިން 2001 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް އުޒްބެކިސްތާނުގެ ގައުމީ ފުޓްސަލް ޓީމަށް ކުޅެފައެވެ. އަދި، ކޯޗެއްގެ ގޮތުގައި މިއަހަރު ޗައިނާގައި އޮތް އަންހެނުންގެ ފުޓްސަލް އޭޝިއަން ކަޕަށް އުޒްބެކިސްތާން ކޮލިފައިކޮށްދީ އެމުބާރާތުގައި ޒަކިރޯވް ވަނީ ޓީމަށް އިރުޝާދުދީފައެވެ.
އެފްއޭއެމުން ބުނީ، ޒަކިރޯވް ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުގެ ކޯޗުކަމާ ޙަވާލުވާނީ، މިހާރު ކޯޗުކޮށްދެމުން އަންނަ ނެފްޗީ ކްލަބާއި އުޒްބެކިސްތާނުގެ އެސޯސިއޭޝަނާ މަޝްވަރާކުރެވި ޚާއްޞަ ހުއްދައެއްގެ ދަށުން ކަމަށެވެ.
ދެކުނު އޭޝިއާގެ ޤައުމުތަކަށް ބާއްވާ ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް އޮންނާނީ އަންނަ އަހަރުގެ ޖަނަވަރީ 13 އިން 26 އަށް ތައިލެންޑުގައެވެ.
މުބާރާތުގައި ރާއްޖޭގެ ފިރިހެން އަދި އަންހެން ފުޓްސަލް ޓީމު ވެސް ވާދަކުރާނެއެވެ.
ރާއްޖޭގެ އިތުރުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާއެވެ. މުބާރާތް ކުޅޭނީ ލީގު ފޯމެޓުގައި، އެއްވަނަ ހޯދާ ޤައުމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ.