ENGLISH
19 އޭޕްރީލު 2025
ރާއްޖޭގެ ޖައްވު ނުސާފުވުން: ހޭލުންތެރިކަން އިތުރުކޮށް، އަމަލީ ފިޔަވަޅުތަކެއް މުހިންމު
04 ޑިސެމްބަރު 2024
|
ޖައްވުނުސާފު ދުވަހެއްގައި ނަގާފައިވާ ފޮޓޯއެއް
ދިވެހިރާއްޖެއަކީ ސާފު ގޮނޑުދޮށްތަކާއި ބިއްލޫރި ފަދަ ސާފު މޫދާއި ކަނޑުތަކަށް މަޝްހޫރު ޤައުމެއް ނަމަވެސް، މިހާރު ދަނީ ލޯމައްޗަށް ފެންނަން ނުހުންނަ، އެހެންނަމަވެސް ވަރަށް މުހިންމު މައްސަލައަކާ ކުރިމަތިލަމުންނެވެ. އެއީ ވައިގެ ފެންވަރު ދަށްވުން ނުވަތަ ޖައްވު ތަޣައްޔަރުވުމެވެ.
2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ދިވެހިރާއްޖޭގެ މާޙައުލުގެ ވައިގެ ފެންވަރު ވަނީ "މެދުމިނުގެ" ގޮތުގައި ދަރަޖަ ކުރެވިފައެވެ. މިއީ ތިމާވެށި ރައްކާތެރި ކުރުމަށް އިތުރު ސަމާލު ކަމެއް ދޭންޖެހިފައި ވާކަން ދައްކުވައިދޭ ކަމެކެވެ. މި "މެދުމިނުގެ" ދަރަޖައިން ދޭހަކޮށް ދެނީ ވައި ނިސްބަތުން ރައްކާތެރި ނަމަވެސް، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނޭވާލުމުގެ ބަލިތައް ހުރި މީހުންނަށް އޭގެ އަސަރު ކޮށްފާނެ ކަމެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އޮފިޝަލުން ވިދާޅުވެފައި ވަނީ ވައިގެ ފެންވަރު ދަށްވެފައިވަނީ ބަންގާޅު ކަނޑުން އަންނަ އިރުމަތީ ވައިން އުފުލައިގެން އަންނަ ކުނޑި އާއި ދުމުގެ ސަބަބުން ކަމަށެވެ. އާންމުކޮށް ސާފު ދުވަހެއްގައި ހުޅުމާލޭގައި 10 ކިލޯ މީޓަރަށް ފެންނަ ހިސާބުން ވަނީ މީގެ ކުރިން އެވްރެޖްކޮށް 4 ކިލޯ މީޓަރަށް ދަށްވެފައެވެ. ވައިގެ ފެންވަރު އެންމެ ގޯސްކޮށް އޭރު ހުރީ ހދ. ކުޅުދުއްފުށި ސިޓީ އާއި، ލ. އަތޮޅާއި އަދި ޅ. ނައިފަރުގައެވެ. މި ރަށްތަކުގައި ވައިގެ ފެންވަރު ވަނީ ނުރައްކާތެރި މިންވަރަކަށް ދަށް ވެފައެވެ.
އިންޑޮނޭޝިއާ ހިމެނޭ ގޮތަށް ދެކުނު އޭޝިއާގެ ގައުމުތަކުގެ ޖަންގަލީގައި އަލިފާން ރޯވުމާއި ދަނޑުވެރިކަމުގެ ބޭނުމަށް އަލިފާން ރޯކުރުން ފާހަގަ ކޮށްލެވެ އެވެ. ވައިގެ ސަބަބުން ކުދި މާއްދާތައް (ޕީއެމް 2.5) އެތައް ހާސް ކިލޯ މީޓަރު ދުރަށް ދަތުރުކޮށް، ހިންދު ކަނޑުގެ ސަރަހައްދުގެ ވައިގެ ފެންވަރަށް އަސަރު ކުރުވައެވެ. މީގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނެއެވެ. މިކަންކަމުގެ އަސަރު ރާއްޖެއަށް ވެސް ކުރެއެވެ.
ރާއްޖޭގެ ވައިގެ ފެންވަރު " މެދު މިނުގެ" ދަރަޖާގައި
ނޮވެމްބަރު މަހުގެ ތެރޭގައި ވައިގެ ފެންވަރަށް އައި ބަދަލުތައް ފާހަގަކުރެވުނެވެ. އައިކިއުއެއަރ އިން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ގިނަ ދުވަސްތަކުގައި ވައިގެ ފެންވަރު ހުރީ "ރަނގަޅު" ފެންވަރެއްގައެވެ. އެއީ ޞިއްޙަތަށް ކުޑަ ނުރައްކަލަކަށް ހުށަހެޅޭ މިންގަނޑެކެވެ. ނަމަވެސް، ބައެއް ދުވަސްތަކުގައި "މެދުމިނު"ގެ ފެންވަރަށް ބަދަލުވެފައި ވާއިރު، މަހުގެ އެންމެ ފަހު ދުވަސްތަކުގައި ވައި ތަޣައްޔަރުވުން އިތުރުވެ، ނޮވެމްބަރު 29 ވަނަ ދުވަހު ވައި އެންމެ ތަޣައްޔަރު ވެފައި ވާކަން ފާހަގަ ކުރެވުނެވެ. އެ ދުވަހު ވައި ނުސާފުވި މިންވަރު ވަނީ PM2.5 ގެ މިންވަރުން 55.7 µg/m³ އަށް އަރާފައެވެ. މިކަމުގެ ނުރައްކާތެރިކަން ބޮޑުވަނީ ވައިގައި އެކުލެވޭ ކުދި ޒައްރާތައް ފުއްޕާމެ އާއި ލެއާ ހަމައަށް ވަދެ، ދުރު މުއްދަތުގައި ޞިއްޙަތަށް ނޭދެވޭ އަސަރުތަކެއް ކުރުވާތީއެވެ.
ނޮވެމްބަރު މަހުގައި ރާއްޖޭގައި ވައިގެ ފެންވަރު ހުރިނެތް ގޮތް ދައްކައިދޭ ތާވަލް
ދުޅަހެޔޮ ވައިގެ ފެންވަރު ހުރި ކަމަށް ދުނިޔެއިން ފާހަގަ ކުރެވިފައި ވަނީ ފިންލޭންޑް، އެސްޓޯނިއާ، ޕިއުޓޯ ރިކޯ، އޮސްޓްރޭލިއާ، ނިއުޒީލޭންޑް، ބަރމިއުޑާ، ގްރެނޭޑާ، އައިސް ލޭންޑް، މޮރިޝަސް އަދި ފްރެންޗް ޕޮލިނީޝިއާ އެވެ.
ކޮންމެ އަހަރަކު މިލިއަން އަދަދެއްގެ މީހުން ވައި ތަޣައްޔަރުވުމާ ގުޅުން ހުރި ޞިއްޙީ މައްސަލަތަކުގެ ސަބަބުން މަރުވެއެވެ. ނޮވެމްބަރު މަހު ބީއެމްޖޭގައި ޝާއިޢު ކުރެވުނު ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި ފޮސިލް ފިއުލްގެ ސަބަބުން ވައި ތަޣައްޔަރުވުމުގެ ސަބަބުން ދުނިޔޭގައި ކޮންމެ އަހަރަކު 5.1 މިލިއަން މީހުން މަރުވެއެވެ. އަދި ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި މާޙައުލާއި ގޭތެރޭގައި ވައި ތަޣައްޔަރުވުމުގެ އަސަރުތަކުގެ ސަބަބުން އަހަރަކު 6.7 މިލިއަން މީހުން މަރުވެއެވެ.
މި ސަރަޙައްދުގައި އެންމެ ބޮޑަށް ވައި ތަޣައްޔަރު ޤައުމަކީ އިންޑޮނޭޝިއާއެވެ. 2022 އާ އަޅާބަލާއިރު އިންޑޮނޭޝިއާގައި ވައި ތަޣައްޔަރުވުން ވަނީ 20 އިންސައްތަ އިތުރުވެފަ އެވެ. ރިޕޯޓުގައިވާ ގޮތުން، އިންޑޮނޭޝިއާ، ވިއެޓްނާމް އަދި ތައިލެންޑްގެ ބައެއް ސިޓީތަކުގައި ވައި ތަޣައްޔަރުވުމުގެ މިންވަރު ވަނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ޕީ.އެމް 2.5 ގެ މިންގަނޑަށްވުރެ 10 ގުނައަށްވުރެ އިތުރުވެފައެވެ.
ގޮންޖެހުންތަކާއި ހައްލުތައް:
ދިވެހިރާއްޖެއަށް ދިމާވާ ޚާއްޞަ ގޮންޖެހުންތަކުގެ ތެރޭގައި އާބާދީ ކުޑަވެ، ރަށްތައް ވަކިވަކިން ހުރުމާއި، އިމްޕޯޓާއި ފަތުރުވެރި ކަމަށް ބަރޯސާވުމުގެ ސަބަބުން ވައި ތަޣައްޔަރުވުން ހިމެނެއެވެ. މޫސުމީ ޙާލަތްތަކާއި ކުނި މެނޭޖްކުރާ ގޮތްތަކުން ވެސް ވައިގެ ފެންވަރަށް އަސަރުކުރެއެވެ. މިކަންކަމަށް ހައްލު ހޯދުމަށްޓަކައި؛
1. އުޅަނދުފަހަރުން ބޭރުކުރާ ދުމުގެ މިންވަރު މަދުކުރުން
2. އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުން
3. ކުނި މެނޭޖްކުރާ ނިޒާމުތައް ހަރުދަނާކުރުން ފަދަ ދެމެހެއްޓެނިވި އާދަތައް އާލާކުރުން
4. އެއްފަހަރު ބޭނުންކޮށްލާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުން
5. ހަކަތައިގެ ޒަމާނީ މަޝްރޫޢުތަކަށް އިސްކަންދިނުން
6. ސާފުތާހިރުކަމަށް އަމިއްލަ ފަރުދުންގެ ހިއްސާ އިތުރުކުރުން
މިފަދަ ފިޔަވަޅުތަކުން ވައިގެ ފެންވަރު ރަނގަޅު ކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
ވައިގެ ފެންވަރާ ގުޅޭ ޓްރެންޑްތައް ދެނެގަތުމަކީ އަޅުގަނޑުމެން ނިންމާ ނިންމުންތަކަށް މަޢުލޫމާތު ފޯރުކޮށް ދިނުމަށް ވަރަށް މުހިންމު ކަމެކެވެ. ކޮންމެ ދުވަހެއްގެ ވައިގެ ފެންވަރުގެ މިންގަނޑުތައް ބެލުމާއި، ވައި ތަޣައްޔަރު ވެފައިވާ ވަގުތު ތަކުގައި ބޭރުގައި ހިންގާ ޙަރަކާތްތައް މަދުކުރުން ފަދަ ކުދިކުދި ފިޔަވަޅުތަކުން ޞިއްޙަތު ރައްކާތެރި ކުރެވިދާނެއެވެ. ތިމާވެށީގެ ޙައްޤުވެރިޔާ ގްރެޓާ ތުންބަރގް ވިދާޅުވި ފަދައިން، "މޫސުމީ ކާރިސާއަކީ ޞިއްޙީ ކާރިސާއެއް ވެސްމެއެވެ." ވައިގެ ފެންވަރު ރަނގަޅުކުރުމުން ރައްޔިތުންގެ ދުޅަހެޔޮކަން ރައްކާތެރި ކުރެވޭނެ އެވެ.
މިކަމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނެ އެއްކަމަކީ ފަރުދީ ޒިންމާ އުފުލުމެވެ. އައިކިއުއެއަރގެ ވެބްސައިޓް މެދުވެރިކޮށް ރާއްޖޭގެ ޖައްވުގެ ނުސާފުކަމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ލިބެން ހުންނާނެއެވެ. އެގޮތުން:
1. ޖައްވު ނުސާފުވުން އޮރެންޖް ކުލައިގައި ހުންނަ ދުވަސްތަކުގައި ކުޑަކުދިން، އުމުރުން ދުވަސްވީ ފަރާތްތައް، މާބަނޑު މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތައް ބޭރަށް ނިކުތުން މަދުކުރަން ޖެހެއެވެ.
2. ބޭރަށް ކޮންމެހެން ނިކުންނަން ޖެހިއްޖެ ޙާލަތެއްގައި ރައްކާތެރިވުމަށް މާސްކް ބޭނުންކުރުން ވަރަށް މުހިންމެވެ.
3. ގޭގައި އެއަރ ޕިއުރިފަޔަރ ފަދަ ވަސީލަތްތައް ބޭނުން ކޮށްގެން ވައި ނުސާފުވުމުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކުން ރައްކާތެރި ވެވިދާނެ އެވެ.
ވައިގެ ފެންވަރު ރަނގަޅު ކުރުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް ޒިންމާއެކެވެ. ސަރުކާރާއި، އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކުން މިކަމަށް އަހަންމިއްޔަތުކަން ދީ، އެކުގައި މަސައްކަތް ކޮށްގެން، އަޅުގަނޑުމެންގެ ޤައުމުގެ ވައިގެ ފެންވަރު ރަނގަޅުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ދިރިއުޅެވޭނެ މާޙައުލެއް ޤާއިމު ކުރެވޭނެ އެވެ.