ENGLISH
05 ޖުލައި 2025
ދިވެހިންނަށް ފަހި ދިރިއުޅުމަކަށް ދުވެލި ހަލުވިކޮށްލައިފި
01 ޑިސެމްބަރު 2024
|
މުޅި އާއިލާ އެކުގައި ކައިވަތެއްވަރުގެ ތަންކޮޅެއްގައި ނިދައި ކައިބޮއެ ހަދާ، އެތައް އާއިލާ އެއް މާލެ ސަރަހައްދުގައި ދިރިއުޅެމުން ގެންދެ އެވެ. ބަހައިގެން، ގޯތިން ލިބޭނެ ބިން ކޮޅެއްގެ އިންތިޒާރުގައި، ބޮޑު އާއިލާ އެކީ ދިރިއުޅުން ހިއްސާ ކުރަމުންދާ ކުދި އާއިލާތައް ރައްރަށުގައި ތިބިކަން ވެސް ސަރުކާރަށް އެނގެ އެވެ.
އަސާސީ ބޯހިޔާވަހި ކަމަށް ބޭނުން ވެފައިވާ ފަރާތްތަކަށް އެކަން ހާސިލު ކޮށްދިނުމުގެ މަސައްކަތް، ސަރުކާރުން ޖާމިނު ކޮށްފައިވާ ކުންފުންޏަކީ ފަހި ދިރިއުޅުން ކޯޕަރޭޝަނެވެ. ވަކި ރައްޔިތަކު ތަފާތު ކުރުމެއް ނެތި އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް އާއި ބައެއް މުވައްޒަފުން، އެ ކުންފުނިން އިމާރާތްކުރާ ހައުސިން ޔުނިޓްތަކެއް ބައްލަވާލައްވަނީ -- ފޮޓޯ/ އެފްޑީސީ
ރައްޔިތުންގެ އުންމީދާ ގުޅިފައިވާ އަސާސީ ބޯހިޔާވަހިކަމުގެ މަސައްކަތް ގާތްގަނޑަކަށް ހުއްޓިފައި އޮއްވާ، އެފްޑީސީ ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ރައީސް މުޙައްމަދު މުޢިއްޒު ހަވާލު ކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް އާ އެވެ. ޝަކީލް ވިދާޅުވީ މީގެ އެއް އަހަރު ކުރިން އޭނާ އޮފީހާ ހަވާލުވެ ވަޑައިގަތް އިރު، އެފްޑީސީ ގައި އަސާސީ ސިފަތައް ވެސް ފުރިހަމަ ނުވާ ކަމަށާއި، ޕްރޮޖެކްތައް ވެސް އޮތީ ވަރަށް ބޮޑަށް މަޑުޖެހިފައި ކަމަށެވެ.
"އަޅުގަނޑު ހަވާލުވި އިރު، ކުންފުންޏެއްގެ ހައިސިއްޔަތުން އެންމެ އަސާސީ ކަންކަން ވެސް، މިސާލަކަށް ވަކިވަކި ޑިޕާޓްމަންޓުތަކުގެ މެންޑޭޓުތައް އެފަދަ ކަންކަން ވެސް ކުރެވިފައި ނެތް. އިދާރީ ގޮތުން ވެސް ކުރަން ޖެހޭ މިހަކަލަ ބައިވަރު ކަންކަންކޮށް ކުންފުނި ހިންގުން މިހާރު ވަނީ ވަރަށް ބޮޑަށް ހަރުދަނާ ކޮށްފައި،" ޝަކީލް ވިދާޅުވި އެވެ.
ޝަކީލްގެ މާލިމީ ކަމުގެ ދަށުން އެފްޑީސީ އަކީ މިއަދު ފުލީ ޑިޖިޓަލައިޒް ކުންފުންޏެކެވެ. އޭގެ ސަބަބުން ކުންފުނި ހިންގުމުގެ ހަރަދު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށާއި އަމާޒަކީ ކުންފުނީގެ ހިންގުމުގެ ހަރަދު އަމިއްލަ އަށް ދެކޮޅު ޖައްސައިގެން ކުރިއަށް ދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހަތަރު ހާސް ހައުސިން ޔުނިޓް އެޅުމަށް ހުޅުމާލޭގެ ފޭސް ދޭއްގައި އެފްޑީސީ އިން ހިންގަމުން ގެންދިޔަ ދެ ޕްރޮޖެކްޓް، މި ދައުރު ފެށުނުއިރު އޮތީ ބަނޑުޖަހައިފަ އެވެ. ޝަކީލް ވިދާޅުވި ގޮތުގައި ދެ ކުންފުންޏަކާ ހަވާލުކޮށްގެން އަޅަމުންދިޔަ ޓަވަރުތަކުގެ މަސައްކަތް ކުރިން މަޑުޖެހިފައި އޮތީ، ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ އޭރުގެ ސަރުކާރުން ދޫނުކޮށް އޮތުމުގެ ސަބަބުންނެވެ. އިންޑިޔާގެ އެގްޒިމް ބޭންކުން ޕްރޮޖެކްޓަށްވާ ފައިސާ ދޫކުރަން ރޭވިފައި އޮތީ، ސަރުކާރުން ދައްކަން ޖެހޭ 15 ޕަސެންޓް ދެއްކުމުންނެވެ.
"އެ 15 ޕަސެންޓަށްވާ ފައިސާ މިދިޔަ ދައުރުގައި ނުދައްކާ އެއްކުރަމުން އެއްކުރަމުން ގެންގޮސްފައި އޮތީމަ، ޕެންޑިން ޕޭމަންޓުގެ ގޮތުގައި ކޮންޓްރެކްޓަރުންނަށް ނުދައްކާ ހުރި ފައިސާގެ އަދަދު ވަނީ 178 މިލިއަނަށް އަރާފައި. އަޅުގަނޑުމެން ހަވާލުވި އިރު އޮތީ ހުރިހާ ކަމެއް، ބޮއްސުން ލައިގެން ގޮސްފައި،" ޝަކީލް ވިދާޅުވި އެވެ.
ދިވެހިންނަށް ފަހި ދިރިއުޅުމެއް ހޯދައި ދިނުމަށް ދުވެލި އަވަސް ކުރުމަށް އެފްޑީސީން ކުރި މަސަކަތުގެ ސަބަބުން، ހައުސިން ޔުނިޓްތަކުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ޝަކީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިން 22 މަސް ދުވަހުގެ ތެރޭގައި 216 ޝީޓު އެޅުނުއިރު، މިހާރު ފަސް މަސް ދުވަހުގެ ތެރޭގައި 231 ޝީޓު އަޅާ ނިންމާފައިވެއެވެ. ޝަކީލް ވިދާޅުވީ ކުރިއާ މިހާރުގެ ފޮޓޯތައް އަޅައިބަލައިލުމުން، އެކަން ޔަގީންވާނެ ކަމަށެވެ.
"މިދިޔަ ދައުރުގައި ޖުމްލަ 22 މަސް ދުވަހު މަސައްކަތް ކުރެވުނު އިރު އަޅުގަނޑުމެންނަށް މި ފެންނަނީ މުޅި ޕްރޮޖެކްޓުގެ ޖުމްލަ 38 ޕަސެންޓު މަސައްކަތް ކުރެވިފައި ވާތަން. އެއާ ހިލާފަށް އަޅުގަނޑުމެން ވަނީ، މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އިތުރު 47 ޕަސެންޓް މަސައްކަތް ކޮށްފައި،" އޭނާ ވިދާޅުވި އެވެ. "ޑރ. މުޢިއްޒުގެ ސަރުކާރުން ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި މިދިޔަ ސަރުކާރުން 22 މަސް ދުވަހުގެ ތެރޭގައި ކުރި މަސައްކަތަށްވުރެ އިތުރު މަސައްކަތް ވަނީ ކޮށްފައި."
އަސާސީ ބޯހިޔާވަހި ކަމަށް އޮތް ބޮޑު ޑިމާންޑަށް ކޭޓާ ކުރުމަށްޓަކައި، މަޑުވެގެން 13،000 ހައުސިން ޔުނިޓްގެ މަސައްކަތް، އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ފެށުމަށް އެފްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ކުންފުނިން ބުނީ ތިން ކުންފުންޏަކާއެކު ފްރޭމް ވޯކް އެއްބަސްވުމުގައި ސޮއިކޮށް، އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މި އަހަރު ތެރޭގައި ވާނީ ބޭރުގެ ތިން ކުންފުންޏަކާއެކު ފްރޭމް ވޯކް ތިން އެއްބަސްވުމެއްގައި ސޮއިކުރެވިފައި. އޭގެ ތެރެއިން ފުރަތަމަ އެއްބަސްވުމުގެ ދަށުން ތިން ހާސް ހައުސިން ޔުނިޓްގެ ޕްރޮޖެކްޓެއް. އޭގެ ފަހުން އިތުރު ދެ ޕްރޮޖެކްޓެއްގައި ވަނީ ސޮއި ކުރެވިފައި. އެއީ ދިހަހާސް ހައުސިން ޔުނިޓް،" ޝަކީލު ވިދާޅުވި އެވެ.
އެފްޑީސީގެ ވިސްނުން ހުރީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އަސާސީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށެވެ. އެއީ ސަރުކާރުގެ ޑީސެންޓްރަލައިޒް ވިސްނުމާ އެއްގޮތަށް، މަޝްރޫރުތައް ރޭވުމަށެވެ.
"މި ސަރުކާރަކީ ރައްޔިތުން ތަފާތު ކުރާނެ ސަރުކާރެއް ނޫން. ރައީސްގެ ވިސްނުންފުޅު ހުންނެވީ މުޅި ރާއްޖޭގެ، މާލެ ސަރަހައްދުގެ ރައްޔިތުންނަށް އެކަންޏެއް ނޫން. ބޯހިޔާވަހި ކަމަށް ބޭނުންވެފައިވާ ހުރިހާ ރައްޔިތުންނަށް މި ފަސް އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަ ދާއިމީ ޓޯޓަލް ސޮލިއުޝަނެއް ފޯރުކޮށްދިނުން،" ޝަކީލް ވިދާޅުވި އެވެ.
އެފްޑީސީން އަމާޒަކީ ސަރުކާރުން ލޯނުގެ ބުރަ އުފުލަން ނުޖެހޭނެ ގޮތަށް، ހެޔޮ އަގެއްގައި ދެމެހެއްޓެނިވި ސިޔާސަތެއްގެ ދަށުން، ފަހި ބޯހިޔާވަހި ކަމެއް ދިވެހިންނަށް ހޯދައި ދިނުމެވެ.