ENGLISH

17 ނޮވެމްބަރު 2025

Advertisement

ރާއްޖޭގެ ޓެނިސް ޓީމު ހޯދި ފަޚުރުވެރި ކާމިޔާބީއަށް ހޫނު މަރުހަބާއެއް

17 ނޮވެމްބަރު 2025

|

މުޙައްމަދު އަދުހަމް

ރާއްޖޭގެ އަންހެން ޓެނިސް ޓީމަށް މަރުހަބާ ދެންނެވުން. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ބިލީ ޖީން ކިންގ ކަޕް 2025 ގެ ގްރޫޕް ތިނެއްގެ ޕްރޮމޯޝަން ޕްލޭއޮފްގައި އޭޝިއާ/އޯޝެނިއާ ޒޯން ބީގައި ވާދަކޮށް، ފަޚުރުވެރި ކާމިޔާބީއެއް ހާސިލްކުރި ރާއްޖޭގެ އަންހެން ޓެނިސް ޓީމު މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އެ މުބާރާތުގައި ވާދަކޮށް ރާއްޖޭން ވަނީ ރަނަރަޕް މަޤާމު ހޯދައިފައެވެ.

ރާއްޖޭގެ އަންހެން ޓެނިސް ޓީމު ރޭ ރާއްޖެ އައުމުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ޓީމަށް މަރުހަބާ ދެންނެވީ، ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމިރާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް، މުޙައްމަދު ޢަބްދުއްސައްތާރު އެވެ. ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) ގެ ނައިބު ރައީސް، އިގްނާޒް މަންސޫރާއި އެ އެސޯސިއޭޝަނުގެ ސެކެޓްރީ ޖެނެރަލް ޔޫސުފް ރިޒާ ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ ޓެނިހުގައި މިހާތަނަށް ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީކަން ފާހަގަ ކުރައްވާ ވަޒީރުވަނީ އެކަމަށްޓަކައި ކުޅުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

ޓެނިސް ޓީމާ ބައްދަލުކުރައްވާ ވަޒީރު ވިދާޅުވީ، ދެން އޮންނަ މުބާރާތެއްގައި ގުރޫޕް 2 އަށް ރާއްޖެއަށް ދެވިދާނެކަމުގެ އުންމީދު ކުޅުންތެރިން ދެއްކި ހިތްވަރުން ލިބިއްޖެ ކަމަށާއި މި މުބާރާތުގައި ހޯދި ކާމިޔާބީއާ މެދު ފަޚުރުވެރިވާ ކަމަށެވެ.

ރާއްޖޭގެ އަންހެން ޓެނިސް ޓީމާ ވަޒީރު ރާފިޢު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

މީގެއިތުރުން، ޓެނިހުގެ ކުރިއެރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށާއި އެހެންކަމުން ކުރިޔަށް އޮތްތަނުގައި ޓެނިހުގައި ވެސް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ބިލީ ޖީން ކިންގ ކަޕް 2025 ގައި ވާދަކުރި ރާއްޖޭގެ އަންހެން ޓެނިސް ޓީމުން ވަނީ، ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، މޮޅު ކުޅުމެއް ދައްކާފައެވެ. މުޅި މުބާރާތުގައި ވެސް އެ ޓީމަށް ނާކާމިޔާބުވީ ފައިނަލުގައި ލާއޯސްއާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. އެ މެޗުން ލާއޯސް މޮޅުވީ 2-1 އިންނެވެ.

މުބާރާތުގެ ފޯމެޓުގައިވާ ގޮތުން، ބައްރުތަކަށް ނިސްބަތްވާ ގައުމުތައް އެކި ރީޖަންގެ ޒޯންތަކަށް ބަހާލާފައިވާއިރު، ކޮންމެ ރީޖަނެއްގެ އެއްވަނަ ގްރޫޕަކީ އެންމެ މަތީ ޑިވިޝަނެވެ. ހަތަރުވަނަ ގްރޫޕަކީ އެންމެ ދަށް ޑިވިޝަނެވެ. 

މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ އަންހެން ޓެނިސް ޓީމުގައި ހިމެނެނީ؛ އާރާ އާސަލް އާޒިމް، ނަބާ ނިޝާން، ނަޔާރާ އުސާމާ އަލީ އާއި ޢާއިޝަތު ކަރިން ސައިޒާންއެވެ. 

ކިޔުންތެރިންގެ ހިޔާލު