ENGLISH
17 ނޮވެމްބަރު 2025
ރިވައިވަލް އިން އެނބުރިއައީ ވަރުގަދަކޮށް؛ ޒެމްބިއާ މުބާރާތުން ރަން މެޑަލަކާއި ރިހި މެޑެއްޔެއް
17 ނޮވެމްބަރު 2025
|
ރިވައިވަލް ސްޕޯޓްސްގެ ޒަޔާން ޒަކީ (ކ)، ނަބާ (މ) އާއި ނަބީ.
ޒެމްބިއާ އިންޓަރނޭޝަނަލް ބެޑްމިންޓަން ސީރީޒްގައި ވާދަކޮށް ރިވައިވަލް ސްޕޯޓްސް އިން ރަން މެޑަލަކާއި، ރިހި މެޑެއްޔެއް ހާސިލްކޮށް، ރަނގަޅު އެނބުރިއައުމަކުން ފަށައިފިއެވެ.
މިއީ މިދިޔަ މެއި މަހު ދުނިޔޭގެ ބެޑްމިންޓަންގެ މައި ޖަމްޢިއްޔާ، ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑްކުރުމަށްފަހު، އޭގެފަހުން މިދިޔަ ސެޕްޓެންބަރު މަހު ބީޑަބްލިއުއެފް އިން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް ސަސްޕެންޝަނަށް ލުއި ދިން ފަހުން އެފަދަ މުބާރާތެއްގައި ރިވައިވަލް ސްޕޯޓްސް އިން ވާދަކުރި ފުރަތަމަ ފަހަރެވެ.
ޒެމްބިއާގައި މި މަހުގެ 13 އިން 16 ގެ ނިޔަލަށް ކުރިއަށްދިޔަ މުބާރާތުގައި ރިވައިވަލް ސްޕޯޓްސް އަށް ނިސްބަތްވާ ރާއްޖޭގެ ހުސެއިން ޒަޔާން ޝަހީދު ޒަކީ އާއި ފާތިމަތު ނަބާހާ ޢަބްދުއްރައްޒާޤުގެ ޕެއާ ވަނީ މިކްސް ޑަބަލްސް ފައިނަލުގައި މިސްރުގެ އިއްޒަތު ކަރީމް އާއި ނޫރު އަޙްމަދުގެ ޕެއާ ސީދާ ދެ ސެޓުން ބަލިކޮށްފައެވެ.
މި މެޗުގެ ސެޓުތައް ޒަޔާން އާއި ނަބާ ގެންދިޔައީ، 21-18، 22-20 އިންނެވެ.
މީގެކުރީން، ޒަޔާން އާއި ނަބާގެ ޕެއާ ވަނީ، 2019 ގައި ޕާކިސްތާންގައި ކުރިއަށްދިޔަ މުބާރާތުން ރަން މެޑަލް ހޯދައި، މިދިޔަ އަހަރުގެ ބޮޓްސްވާނާ މުބާރާތުން ރިހި މެޑެލް ހާސިލްކޮށްފައެވެ.
މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓްގައި ވާދަކޮށް ރާއްޖޭގެ ނަބާ އާއި އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤްގެ ޕެއާ ވަނީ ރިހި މެޑެލް ހޯދައިފައެވެ.
ނަބާ އާއި ނަބީގެ ޕެއާ ވަނީ ފައިނަލުގައި ދެކުނު އެފްރިކާގެ އެމީ އެކަމަން އާއި ޖޮހަނީޓާ ޝޮލްޓްޒް އަތުން ބަލިވެފައެވެ. މި މެޗުގެ ސެޓުތައް ދެކުނު އެފްރިކާގެ ޕެއާ ކާމިޔާބުކުރީ 21-16 ، 14-21 އިންނެވެ.
މިއީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ނަބާ އާއި ނަބީގެ ޕެއާ ކާމިޔާބުކުރި 13 ވަނަ މެޑެއްޔެވެ. އޭގެތެރޭގައި، ހަތަރު ރަން މެޑެލް، ހަތަރު ރިހި މެޑެއްޔާއި ފަސް ބްރޯންޒް މެޑެލް ހިމެނެއެވެ.
ރިވައިވަލް އަށް ދެން އޮތީ މި މަހު 20-23 އަށް ކުރިއަށްދާ ބޮޓްސްވާނާ އިންޓަރނޭޝަލް މުބާރާތާއި، މި މަހުގެ 27-30 އަށް ދެކުނު އެފްރިކާގައި ބާއްވާ އަކުއާސްޕްރިންގްސް ސައުތު އެފްރިކާ އިންޓަރނޭޝަނަލް މުބާރާތެވެ.