ENGLISH

15 ނޮވެމްބަރު 2025

Advertisement

ރާއްޖެ އާއި ފަލަސްތީނުގެ ޒުވާން ޓީމު ކުޅޭ ދެވަނަ މެޗު މިރޭ؛ އަދިވެސް ސްވެނިއަރ ޓިކެޓް ގަނެގެން އެހީވުމުގެ ފުރުޞަތު އެބައޮތް

15 ނޮވެމްބަރު 2025

|

މުޙައްމަދު އަދުހަމް

ދިވެހިރާއްޖެ އާއި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން. ފޮޓޯ: އެފްއޭއެމް

ދިވެހިރާއްޖެ އާއި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމާ ދެމެދު ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ ދެވަނަ މެޗުގެ ސްވެނިއަރ ޓިކެޓް ގަނެގެން އެހީތެރިވުމުގެ ފުރުޞަތު އަދިވެސް ވަނީ ހުޅުވާލެވިފައެވެ.

ހަނގުރާމައިގެ ސަބަބުން ފަލަސްތީނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، އެ ގައުމުގައި ފުޓްބޯޅަ އަލުން ދިރުވާ އާލާކުރުމަށް އެހީތެރިވުމުގެ ގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިސްނަގައިގެން ރާއްޖެއާ ފަލަސްތީނުގެ ޒުވާން ޓީމު ބައްދަލުކުރާ އެކުވެރިކަމުގެ މެޗުގެ ސްވެނިއަރ ޓިކެޓް ދަނީ ވިއްކަމުންނެވެ.

ސްވެނިއަރ ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކުން އެފްއޭއެމްގެ 7507006 ނަންބަރަށް ވައިބަރ ނުވަތަ ވަޓްސްއަޕް މެދުވެރިކޮށް މެސެޖްކުރުމުން ޓިކެޓް ލިބެންހުރި ނަމަ އެކަން އެފަރާތަކަށް އެންގުމުން، ޓިކެޓްގެ ފައިސާ އެފްއޭއެމްގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރުމުން ޓިކެޓް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

މި ކަމަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ނައިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފުވެސް ވަނީ ސްވެނިއަރ ޓިކެޓް ބައްލަވައިގެންފައެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ގައުމީ ބޭންކާއި، ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ކުލަބުތަކުގެ ފަރާތުން ވެސް މިކަމަށް ބޮޑު ތަރުހީބެއް ވަނީ ދީފައެވެ.

ފަލަސްތީނުގެ ޒުވާން ޓީމާ އެކު ރާއްޖެ ކުޅޭ މެޗަށް ކުޅިބަލަން ހިލޭ ވަނުމުގެ އިންތިޒާމް ހަމަޖައްސާފައިވީ ނަމަވެސް ފަލަސްތީނުގެ ފުޓްބޯޅަ އަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދެ ކެޓަގަރީއަކުން ރަމްޒީ ޓިކެޓް ވިއްކަން އެފްއޭއެމުން ވަނީ އިއުލާންކޮށްފަ އެވެ. އެއީ ޕްލެޓިނަމް ކެޓަގަރީ އާއީ ގޯލްޑް ކެޓަގަރީ އެވެ. ޕްލެޓިނަމް ކެޓަގަރީގެ ޓިކެޓެއް ވިއްކާނީ 1،000ރ. އަށެވެ. ޕެލެޓިނަމް ކެޓަގަރީން ޓިކެޓް ގަންނަ ފަރާތްތަކަށް ހަމަޖައްސާފައި ވަނީ ވީއައިޕީ އާއި ރޮސްޓްރަމް އެވެ. އެ ކެޓަގަރީން ވިއްކާނީ ޖުމުލަ 50 ޓިކެޓެވެ.

ޖުމުލަ 200 ޓިކެޓް ވިއްކާ ގޯލްޑް ކެޓަގަރީއަކީ ރޮސްޓްރަމް ވަށައިގެން އޮންނަ ގޮނޑިބަރި ސަރަހައްދުން މެޗު ބެލުމުގެ ފުރުސަތު ލިބޭ ކެޓަގަރީ އެވެ. އެ ކެޓެގަރީން ޓިކެޓް ވިއްކާނީ 500ރ. އަށެވެ.

އެފްއޭއެމުން ބުނީ މި މެޗުތަކުގެ ޓިކެޓް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައި ވަނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްތީނުގެ ފުޓްބޯޅަ އަލުން ދިރުވައި ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ގޮތުން ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ކަމަށެވެ. 

ފަލަސްތީނުގެ ޒުވާން ޓީމު ރާއްޖޭގައި ތިބުމާއި ކެއުމުގެ ހުރިހާ ޚަރަދެއް ވެސް ހަމަޖައްސާފައި ވަނީ ދިވެހި ސަރުކާރާއި އެފްއޭއެމުންނެވެ.

ފަލަސްތީނުގެ ޒުވާން ޓީމާ ދެކޮޅަށް ރާއްޖޭން ކުޅެން ހަމަޖެހިފައިވާ އެކުވެރިކަމުގެ ދެ މެޗުގެ ތެރެއިން ކުޅުނު ފުރަތަމަ މެޗުގައި މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ރާއްޖެ ބަލިވީ 6-0 އިންނެވެ. މި ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ މެޗު އޮންނާނީ މިރޭ 8:30 ގައި ގަލޮޅު ރަސްމީ ދަނޑުގައެވެ.


ކިޔުންތެރިންގެ ހިޔާލު