ENGLISH
20 ނޮވެމްބަރު 2025
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، މޫސާ އަންވަރަށް އެރުވުން
11 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ގ. ބަރޯސާ، މޫސާ އަންވަރަށް އަރުވައިފި. މޫސާ އަންވަރަށް މި ޢިއްޒަތް އަރުވާފައިވަނީ، ޒުވާނުންގެ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގަ. އައްޑުއަތޮޅު މީދުއަށް އުފަންވެވަޑައިގަތް މޫސާ އަންވަރު ޞިއްޙީ ދާއިރާއާ ގުޅިވަޑައިގެންނެވީ، އައްޑުއަތޮޅު ގަމުގައި އިނގިރޭސީން ތިބި ދުވަސްވަރު، ގަމުގައި ހުރި ރީޖަނަލް މެޑިކަލް ސެންޓަރުގެ ތަރުޖަމާނެއްގެ ހައިސިއްޔަތުން. އެ ވަޒީފާގައި ހުންނަވައިގެން ދާއިރާއިން ލިބެންހުރި ތަމްރީންތައް މޫސާ އަންވަރު ހޯއްދަވަން ފެއްޓެވި. އަދި އެއަށްފަހު، ދަތުގެ ފަރުވާއިން ފެށިގެން އޮޕަރޭޝަން ތިއޭޓަރުގެ މަސައްކަތްތައްވެސް މޫސާ އަންވަރު ކުރެއްވި. ގަމުގެ ރީޖަނަލް މެޑިކަލް ސެންޓަރުގައި ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، އާރް.އޭ.އެފް އިން ދެއްވި އޭ.އޯ.ސީ.ގެ ކޮމެންޑޭޝަން 1975 ވަނަ އަހަރު މޫސާ އަންވަރަށް ލިބިވަޑައިގެންފައިވޭ. އިނގިރޭސީން އައްޑުއަތޮޅު ގަމުން ފޭބުމާއެކު، 1977 ވަނަ އަހަރު، އޭރުގެ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުގެ އެދިވަޑައިގަތުމަކަށް މާލެ ވަޑައިގެން މޫސާ އަންވަރު، ދައުލަތުގެ ޚިދުމަތާ ގުޅިވަޑައިގަތް. ޚިދުމަތް ފެއްޓެވީ، އެލައިޑް ހެލްތު ސަރވިސަސް ޓްރޭނިންގ ސެންޓަރުގެ ޕްރެކްޓިކަލް ނަރސް ޓީޗަރުކަމުގެ ވަޒީފާ އާއި ސެންޓްރަލް ހޮސްޕިޓަލްގައި ދަތުގެ ފަރުވާވެސް ދެއްވުމުގެ ޚިދުމަތުން. މޫސާ އަންވަރު، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވޭ. އޭގެތެރެއިން 30 އަހަރަށްވުރެ ގިނަ ދުވަސް، ހޭދަކުރެއްވީ ދައުލަތުގެ ޚިދުމަތުގަ. މޫސާ އަންވަރު، ދައުލަތުގެ ވަޒީފާއިން ރިޓަޔަރ ކުރެއްވީ، 23 ޖުލައި 2009 ގަ.