ENGLISH

09 ނޮވެމްބަރު 2025

Advertisement

ކުލަގަދަ ރަސްމިއްޔާތަކާއެކު އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ފަށައިފި

08 ނޮވެމްބަރު 2025

|

މުޙައްމަދު އަދުހަމް

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: އެމްއޯސީ

ސަޢޫދީ ޢަރަބިއްޔާގެ ރިޔާދްގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ކުލަގަދަ ރަސްމިއްޔާތަކަށްފަހު ފަށައިފިއެވެ.

ރޭ ބޭއްވި މި ރަސްމިއްޔާތުގައި ވަނީ، އެންމެ ފުރަތަމަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ސަޢޫދީ ޢަރަބިއްޔާގައި ބޭއްވިއިރުގެ އުސްއަލިތަކެއް ދައްކާލައިފައެވެ.

މި އަހަރުގެ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓުގެ ފަރާތުން ރޭގެ ފެށުމުގެ ރަސްމިއްޔާތުގައި ޤައުމީ ދިދަ އުފުލައިދިނީ އެންމެ ފަހުގެ ޤައުމީ ޓޭބަލް ޓެނިސް ޗެމްޕިއަން، އައިޝަތު ރަފާ ނާޒިމް އާއި ޤައުމީ ފެތުންތެރިއެއް ކަމަށްވާ، އިމްއާން އަލީ އެވެ. 

ރަފާ އާއި އިމްއާން ވަނީ މީގެކުރީން ބޭއްވި ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކުގައި ޤައުމު ތަމްސީލުކޮށް، ރަނގަޅު ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި މި ދެ ކުޅުންތެރިން ވެސް ޤައުމީ ދިދަ އުފުލުމުގެ ޝަރަފު ހޯދި ފުރަތަމަ ފަހަރެވެ.

މި މަހުގެ 7 އިން ފެށިގެން 21 ގެ ނިޔަލަށް ކުރިއަށްދާ މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭން ވާދަކުރަނީ، ހޭންޑްބޯޅަ އާއި އެތުލެޓިކްސްގެ އިތުރުން ފެތުމާއި ޓޭބަލް ޓެނިސްގެ އިވެންޓުގައެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ މި ފަހަރުގެ ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަން އަކީ، މުޙައްމަދު ޖައުޝަން ޝަރީފް އެވެ. އަދި، ޑެޕިއުޓީ ޗެފް ޑި މިޝަން އަކީ މަރިޔަމް ޝައުފާއެވެ. ރާއްޖޭގެ ކޮންޓިންޖެންޓުގައި 73 މެންބަރުން ހިމެނެ އެވެ.

ރާއްޖޭން އެންމެ ފަހުން ބައިވެރިވެފައިވަނީ 2022 ވަނަ އަހަރު ތުރުކީގެ ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައެވެ. އެ ފަހަރުގެ ގޭމްސްގައި ރާއްޖޭން ބައިވެރިވީ، ޓީޓީ އާއި ފެތުމުގެ އިތުރުން ބާސްކެޓްބޯޅަ ތުރީއޮންތުރީ އަދި އެތުލެޓިކްސް ގައެވެ. އެ އަހަރުގެ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމު ވަނީ ލޯ މެޑެލް ހާސިލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު