ENGLISH

23 އޮކްޓޯބަރު 2025

Advertisement

އޭޝިއަން ޔޫތު ގޭމްސް 2025: ރާއްޖޭގެ ދިދަ އުފުލައިދޭނީ ލަހުފާން އާއި ދީމާ

22 އޮކްޓޯބަރު 2025

|

މުޙައްމަދު އަދުހަމް

އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލައިދޭން ހަމަޖެއްސި ހޭންޑްބޯޅަ ޓީމުގެ ކެޕްޓަން، ލަހުފާން އާއެކު ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު (ކ) ފޮޓޯއަކަށް ހުއްޓިވަޑައިގެން. --ފޮޓޯ: އެމްއޯސީ

ބަހުރެއިންގެ މަނާމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް ރަސްމީކޮށް ފެށުމަށް މިރޭ ބާއްވާ ހާއްސަ އިވެންޓްގައި ރާއްޖޭގެ ދިދަ ވިހުރުވާލާނެ އެތުލީޓުންގެ ގޮތުގައި ހޭންޑް ބޯޅަ ޓީމުގެ ކެޕްޓަން، ލަހުފާން ޝަހީމް އާއި ބީޗް ވޮލީ ކުޅުންތެރިޔާ އައިޝަތު ދީމާ ނަދީމް ހަމަޖައްސައިފިއެވެ.

ޔޫތު ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރިއަށްދާ ހާއްސަ މާޗްގައި ރާއްޖޭގެ ދިދަ އުފުލާލާނެ ފްލެގް ބެއަރާސްއާ މިއަދު ރަސްމީކޮށް ދިދަ ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އެވެ. ދެ އެތުލީޓުންނާ ވެސް ވަޒީރު ދިދަ ހަވާލުކޮށްދެއްވީ ޓީމް ހޮޓެލްގައި ބޭއްވި ހާއްސަ އިވެންޓްތަކެއްގައެވެ.

ފްލެގް ބެއަރާސްއާ ބައްދަލުކުރައްވާ ވަޒީރު ރާފިޢު ވަނީ، ގޭމްސްއެއްގައި ރާއްޖޭގެ ދިދަ ވިހުރުވާލަން ލިބޭ ފުރުޞަތަކީ ޝަރަފުވެރި ފުރުޞަތެއް ކަމަށާއި، އެކަމަށް ދެ އެތުލީޓުންނަށް ވެސް މަރުހަބާ ވިދާޅުވެފައެވެ. އަދި، ދެ އެތުލީޓުންނާ ބައްދަލުކުރައްވާ ވަޒީރު ވަނީ، ރާއްޖެ ތަމްސީލުކުރުމުގައި އަބަދުވެސް ހިތްވަރާއެކު މަސައްކަތް ކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން، ވަޒީރު ވަނީ، ޒުވާން އުމުރުގައި ރާއްޖެ ތަމްސީލުކުރަން އެތުލީޓުންނަށް ލިބުނު ފުރުޞަތުތަކުގައި އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުން ހިފުމަށާއި، ރާއްޖޭގެ ބެޖު މޭމަތީގައި ޖަހައިގެން ކުޅޭ ކުޅުމުގައި ޤައުމު ފަހުރުވެރިވާނެ މަސައްކަތެއް އަބަދުވެސް ކޮށްދެއްވުމަށް އެތުލީޓުނަށް ހަނދާން ކޮށްދެއްވާފައެވެ.

އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލައިދޭން ހަމަޖެއްސި ބީޗް ވޮލީބޯޅަ ކުޅުންތެރިޔާ، ދީމާ އާއެކު ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު (ކ) ފޮޓޯއަކަށް ހުއްޓިވަޑައިގެން. --ފޮޓޯ: އެމްއޯސީ

ފްލެގް ބެއަރާސްއަށް ދިދަ ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު އަދި އޭޝިއަން ޔޫތު ގޭމްސްގެ ޗެފް ޑި މިޝަން މުރުޝިދާ އަބްދުލް މަންނާން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ އިވެންޓްގައި އެމްއޯސީގެ ރައީސް، އަބްދުއްސައްތާރު ވިދާޅުވީ، އެތުލީޓުންނާ ގާތަށް ކުޅިވަރު ވަޒީރު ވަޑައިގެންނެވުމަކީ ނުހަނު އުފާކުރައްވާ ކަމެއް ކަމަށާއި، ގޭމްސްގައި މިހާތަނަށް އެތުލީޓުން ދައްކަމުންދާ ހިތްވަރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މިރޭ އޮންނަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ އެތުލީޓުންނާއި އޮފިޝަލުން، ވެސް ފެނިގެންދާނެއެވެ. މި ފަހަރުގެ ޔޫތު ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތު މިރޭ ފެށޭނީ ރާއްޖެ ގަޑިން 8:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު