ENGLISH

14 އޮކްޓޯބަރު 2025

Advertisement

ތަޖިކިސްތާން އަތުން ބަލިވިޔަސް ރާއްޖޭން ދެއްކި ހިތްވަރަށް ތައުރީފު ޙައްޤު

14 އޮކްޓޯބަރު 2025

|

މުޙައްމަދު އަދުހަމް

ތަޖިކިސްތާނާ ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ޕީއެސްއެމް ނިއުސް

އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ކުޅުނު މެޗުގައި ދިވެހިރާއްޖޭން ތަޢުރީފު ޙައްޤު ހިތްވަރުގަދަ ކުޅުމެއް ދެއްކިނަމަވެސް، ތަޖިކިސްތާން އަތުން 3-0 އިން ބަލިވެއްޖެއެވެ.

މިއީ މިދިޔަ 733 ދުވަހުގެ ތެރޭގައި ގަލޮޅު ރަސްމީ ދަނޑުގައި ޤައުމީ ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. ޤައުމީ ޓީމު އެންމެ ފަހުން ގަލޮޅު ދަނޑުގައި ވާދަވެރި މެޗެއް ކުޅުނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބަންގްލަދޭޝްއާ ދެކޮޅަށް ވޯލްޑް ކަޕް ކޮލިފައިންގައެވެ. އެ މެޗުން ރާއްޖެ ވަނީ ބަންގްލަދޭޝްއާ 1-1 އިން އެއްވަރުވެފައެވެ.

މިއަދުގެ މެޗެއް ނިކުތްއިރު ރާއްޖެ އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ސަސްޕެންޝަނުގެ ސަބަބުން އިބްރާހިމް އައިސަމް އަށް މެޗުގައި ނުކުޅެވުމެވެ. އޭނާގެ ބަދަލުގައި މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ތަޖިކިސްތާނުން ވަނީ ލީޑުނަގައިފައެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ރާއްޖޭގެ މުޙައްމަދު އިރުފާން އަތުގައި ބޯޅައިން ޖެހުމުން ލިބުނު ޕެނަލްޓީ ޕަރްވިޒަން އުމަރްބައެވް ފޮނުވާލުމުން ރާއްޖޭގެ ގޯލްކީޕަރު، މުޙައްމަދު ފައިސަލް މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ތަޖިކިސްތާންގެ މަނުޝެރް ސަފަރޯވް ގޯލްގެތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިން ގޯލެކެވެ.

ރާއްޖޭގެ ނިހާން (ކ) ތަޖިކިސްތާންގެ ދެ ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްސީ

އޭގެފަހުން، މެޗުގެ 25 ވަނަ މިނެޓުގައި ރާއްޖޭގެ އަހުމަދު އައިހަމް އަމިއްލަ ހާފުތެރެއިން ހޯދި ބޯޅައެއް ހިފައިގެންގޮސް ތަޖިކިސްތާންގެ ހަތަރު ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށްފަހު ގޮސް ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ 34 ވަނަ މިނެޓުގައި ތަޖިކިސްތާންގެ ލީޑު ފުޅާކޮށްދިނީ މަބަޓްޝައޭވް ޝެރްވޯނީ އެވެ. މިއީ އެ ޓީމުގެ އަމިރްބެކް ޖުރަބޮއޭވް ދިން ބޯޅައެއްގެ އެހީގައި މަބަޓްޝައޭވް ކާމިޔާބުކުރި ގޯލެކެވެ. މި ގޯލާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 އިން ތަޖިކިސްތާން ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގައި ވެސް ރާއްޖޭ ޓީމަށް ލިބުނު ފުރުޞަތެއްގައި ޕެނަލްޓީއޭރިޔާ ބޭރުން އައިހަމް ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ރާއްޖޭގެ އައިހަމް ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. --ފޮޓޯ: ޕީއެސްއެމް ނިއުސް

ތަޖިކިސްތާނުން މެޗުގައި ޖެހި ތިންވަނަ ލަނޑު، 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް މަބަޓްޝައޭވް އެވެ.

މި މެޗުން ހޯދީ މޮޅާއެކު ތަޖިކިސްތާން ވަނީ ކޮލިފައިންގެ އެންމެ ކުރީގައި ފިލިޕީންސްއާ އެއްވަރަށް ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައެވެ. ފިލިޕީންސަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި ޓިމޯ ލެސްޓޭ އޮތްއިރު، ރާއްޖެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބިއެވެ.

ކޮލިފައިންގައި ރާއްޖެ އަށް ދެން އޮތީ އަންނަ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ފިލިޕީންސާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. އެއަށްފަހު، ކޮލިފައިންގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ އަހަރުގެ މާރިޗް މަހު ނިކުންނާނީ ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު