ENGLISH
15 އޮކްޓޯބަރު 2025
ފޯކައިދޫ ކައުންސިލާ ރައީސް ބައްދަލު ކުރެއްވުން
14 އޮކްޓޯބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ށ. ފޯކައިދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި. މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ ފޯކައިދޫ ކޮމިއުނިޓީ ސެންޓަރުގަ. މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފަ. އެގޮތުން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތާއި، ރައްޔިތުންނާ އަދި ފަތުރުވެރިން ބޭނުންކުރުމަށް މޫދަށް އެރޭނެ ދެ ސަރަހައްދު ތަރައްޤީކޮށްދެއްވުމަށާއި ރަށުގެ މަގުތައް ހައްދަވައިދެއްވުމަށް މެންބަރުން ވަނީ އެދިވަޑައިގެންފަ. މީގެ އިތުރުން ރަށުން އަލަށް ގޯތި ދޫކޮށްފައިވާ ސަރަހައްދަށް ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ލިބޭނެގޮތް ހަމަޖައްސަވައި ދެއްވުމަށާއި، ސްކޫލްގެ އޮފީސް އިމާރާތާއި އެހެނިހެންވެސް، ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށް މެންބަރުން އެދިވަޑައިގެންނެވި.