ENGLISH

14 އޮކްޓޯބަރު 2025

Advertisement

ބޮޑު ތިން ބައްޔެއް ނައްތާލި ފުރަތަމަ ގައުމަކަށް ރާއްޖެ ވެއްޖެ

13 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ބޮޑު ތިން ބައްޔެއް ނުފެތުރޭ ފުރަތަމަ ގައުމަކަށް ދިވެހި ރާއްޖެވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިއަދު އިޢުލާންކޮށްފި އެވެ.

ސިއްހީ ދާއިރާއިން މި ބޮޑު ކުރިއެރުން ރާއްޖެ އިން ހޯދާފައި ވަނީ މައިންގެ ގައިން ތުއްތު ދަރިފުޅަށް ހެޕަޓައިޓިސް ބީ ނުފެތުރޭ ގައުމަކަށް ރާއްޖެ ވެއްޖެކަން ޑަބްލިއުއެޗްއޯ އިން މިއަދު އިއުލާން ކުރުމާ ގުޅިގެންނެވެ. މީގެ ކުރިން 2019 ވަނަ އަހަރު ވަނީ މައިންގެ ގައިން ތުއްތު ދަރިފުޅަށް އެޗްއައިވީ އަދި ސިފިލިސް ނުފެތުރޭ ގައުމަކަށް ރާއްޖެވެފައިވާކަން އިޢުލާންކޮށްފަ އެވެ. އެހެންކަމުން ދިވެހި ރާއްޖެ މިވަނީ މި ބޮޑު ތިން ބަލި ނުފެތުރޭ ފުރަތަމަ ގައުމަކަށްވެފައިވާކަން ޑަބްލިއުއެޗްއޯ އިން ހާމަކޮށްފަ އެވެ.

މިއީ އާންމު ޞިއްޙަތު ކުރިއަރުވައި، ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުން ނުވަތަ ޕްރިވެންޓިވް ހެލްތުކެއަރއަށް އަދުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއްވެސް މެއެވެ. އަދި މިއީ ސަރުކާރާއި، ޞިއްޙީ ދާއިރާގެ ޕްރައިވެޓް ޚިދުމަތްތެރިންނާއި، މަދަނީ ޖަމިއްޔާތަކާއި ބައިނަލްއަޤުވާމީ ބައިވެރިން ގުޅިގެން ހިންގުނު ސްކްރީން ކުރުމުގެ ހަރަކާތްތަކާއި، ފަންނީ އެހީ ފަދަ ޚިދުމަތްތައް ފޯރުކޮށްދެވިފައިވާކަން އަންގައިދޭކަމެއްކަން ޑަބްލިއު.އެޗް.އޯއިން ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހި ރާއްޖެ އިން ހޯދި ކާމިޔާބީއާ ގުޅިގެން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވެފައި ވަނީ މިއީ ސަރުކާރުން އެކަމަށް ދިން ސަމާލުކަމާއި ޅަފަތުގައި ތުއްތު ކުދިންގެ ސިއްހަތަށް ދެމެހެއްޓެނިވި ގޮތުގައި އިންވެސްޓް ކުރުމުގެ ނަތީޖާ ކަމަށެވެ. އަދި ދިވެހި ރާއްޖޭގެ ތާރީޚީ މި ކާމިޔާބީއަކީ އެހެން ގައުމުތަކުން ވެސް މި ލަނޑުދަނޑި ހާސިލް ކުރުމަށް ލިބުނު ހިތްވަރެއް ކަމުގައި ގެބްރެޔެސުސް ފާހަގަކުރައްވާފައިވެ އެވެ. 

މުޅި ދުނިޔެ އަށް ބަލާއިރު މައިމީހާގެ ހަށިގަނޑުން، އެތައް މިލިއަން ތުއްތު ކުދިންނަށް ބަލި ފެތުރެއެވެ. ދެކުނު އިރުމަތީ އޭޝިއާ އަށް އެކަނި ބެލިކަމުގައި ވިޔަސް މިދިޔަ އަހަރު ވަނީ މާބަނޑު އިރު 23،000 މީހަކަށް ސިފިިލިސް އަދި އޭގެ ތެރޭން ވިހޭއިރު 8000 ކުދިންނަށް އެ ބަލިޖެހިފަ އެވެ. އަދި 25،000 މާބަނޑު މީހަކަށް ވަނީ ތުއްތު ދަރިފުޅު އެޗްއައިވީ އަށް ޕޮޒިޓިވް ނުވުމަށްޓަކައި ފަރުވާ ދޭން ޖެހިފަ އެވެ. މި ސަރަހައްދުގެ 42 މިލިއަން މީހުންނަށް ވަނީ ހެޕަޓައިޓިސް ބީ ޖެހިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު