ENGLISH
17 ޖޫން 2026
ރާއްޖެ އެތެރެކުރަން އުޅުނު 1،000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފި
17 ޖޫން 2026
|
އެންމެ މަޤްބޫލު
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1,000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖްތަކަކާއި ވޭޕް ކުރަން ބޭނުންކުރާ ޑިވައިސްތަކެއް މާލޭ ކޮމާޝަލް ހާބަރުން އަތުލައިގަނެފި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.
ކަސްޓަމްސް އިން ހާމަކުރި ގޮތުގައި، މިއީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ހިލާފު ތަކެތި ހުރިކަމަށް ތުހުމަތުކުރެވިގެން ހިންގި ހާއްސަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ޖުމްލަ 1,108 ވޭޕް ކާޓްރިޖްގެ އިތުރުން 27 ވޭޕް ޑިވައިސް އަތުލައިގަނެފައިވެއެވެ.
މި ތަކެތި ފޮރުވާފައި ހުރީ، ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓްތަކުގެ ތެރޭގައެވެ. ކަސްޓަމްސް އިން ބުނި ގޮތުގައި އަތުލައިގަތް ވޭޕް ކާޓްރިޖްތަކުގެ އަގު 380,000 ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭއިރު، ވޭޕް ޑިވައިސްތަކުގެ އަގު 20,000 ރުފިޔާއަށް ވުރެ ބޮޑުވާނެއެވެ.
މި މައްސަލަ ކަސްޓަމްސް އިން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މީގެކުރިން ވެސް ވަނީ މިފަދަ ޝިޕްމަންޓުތައް އަތުލައިގެންފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް ރާއްޖެ އެތެރެކުރަން އުޅުނު 10,800 ވޭޕް ކާޓްރިޖް ކަސްޓަމްސް އިން އަތުލައިގަތެވެ. އެ ފަހަރު އަތުލައިގަތް ތަކެތީގެ މަގުމަތީ އަގު 3.7 މިލިއަން ރުފިޔާއަށް އަރައެވެ.
ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ވޭޕް އެތެރެކުރުމާއި، ބޭނުންކުރުމާއި ވިޔަފާރިކުރުމަކީ ބޮޑެތި ޖޫރިމަނާތަކެއް އަންނަ ކުށްތަކެކެވެ. އެގޮތުން ގާނޫނުގައި ވަނީ އެކަމަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅައިފައެވެ.