ENGLISH
17 ޖޫން 2026
ޕީސީބީ ރައީސް ނިޒާރަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް
17 ޖޫން 2026
|
މުހައްމަދު ނިޒާރު.
އެންމެ މަޤްބޫލު
ރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސަކަށް އައްޔަންކުރައްވާފައިވާ މުހައްމަދު ނިޒާރަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ޕީސީބީގެ ރައީސްގެ މަގާމަށް ނިޒާރު އައްޔަނުކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި ގއ. ދެއްވަދޫ ދޭލިޔާގެ، މުޙައްމަދު އަނަސް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މިއަދު އޮތް މިއަހަރުގެ ދެ ވަނަ ދައުރުގެ ތިން ވަނަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު، ޕީސީބީގެ ރައީސް ނިޒާރަށް ރުހުން ހޯއްދެވުމަށް ފޮނުވި މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް(އެސްއޯއީ) ކޮމިޓީއަށް ފޮނުވާފައިވެއެވެ.
މުޙައްމަދު ނިޒާރަކީ ބައިނަލްއަޤުވާމީ ވިޔަފާރި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާއަކީ ދައުލަތުގެ ކުންފުނިތައް ކޯޕަރަޓައިޒް ކުރުމާއި، އެ ކުންފުނިތަކުގެ ހިންގުން މޮނިޓަރކޮށް ބެލެހެއްޓުމުގެ ފަންނީ މާހިރެކެވެ.
މީގެ ކުރިން 2014 އިން 2019 އަށް ވެސް ނިޒާރު ވަނީ ޕީސީބީ ގެ ރައީސްކަމުގެ މަޤާމު ފުރުއްވާފަ އެވެ. އެ މުއްދަތުގައި ސަރުކާރުގެ ޕްރައިވެޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން އެޖެންޑާ ކުރިއެރުވުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ. ދައުލަތުގެ ކުންފުނިތައް ހިންގުމުގެ ނިޒާމުތައް (ގަވަރނަންސް ފްރޭމްވޯކް) ހަރުދަނާކޮށް، މަސައްކަތުގެ ހިންގުން ހަލުވިކުރުމުގައި ނިޒާރުގެ އިސްނެންގެވުން ފާހަގަކޮށްލެވެ އެވެ.
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، އެ ކުންފުނީގެ އިމްޕޯޓް، އެޑްމިނިސްޓްރޭޝަން، އައި.ޓީ، އަދި ސޭލްސް ފަދަ މުހިންމު ދާއިރާތަކުގެ ޖެނެރަލް މެނޭޖަރުކަމާއި ޑެޕިއުޓީ ޑިރެކްޓަރުކަން ފަދަ އިސް އެގްޒެކެޓިވް މަޤާމުތައް ވެސް އޭނާ ވަނީ ފުރުއްވާފައެވެ. އެސްޓީއޯ ގައި އުޅުއްވި މުއްދަތުގައި އީއާރްޕީ (ERP) ނިޒާމު ޤާއިމުކުރުމާއި، ސަޕްލައި ޗެއިން ހަރުދަނާކުރުމާއި، ބައިނަލްއަޤުވާމީ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުން ފަދަ އިސްތިރާޖީ މުހިންމު މަޝްރޫޢުތަކުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.
މީގެއިތުރުން، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑް އަދި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ކުރެއްވުމުގެ އިތުރުން، ރިސްކް މެނޭޖްމަންޓް، ޕްރޮކިއުމަންޓް، އަދި ކޯޕަރޭޓް ގަވަރނަންސްއާ ގުޅޭ ޤައުމީ ފެންވަރުގެ އެކި ކޮމިޓީތަކުގައިވެސް ނިޒާރު ވަނީ ޢަމަލީގޮތުން މަސައްކަތް ކުރައްވާފައެވެ.
މުޙައްމަދު ނިޒާރަކީ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (MBA) އަދި ގްރެޖުއޭޓް ސެޓްފިކެޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، ކޯޕަރޭޓް ގަވަރނަންސް އާއި ދައުލަތުގެ ކުންފުނިތައް ހިންގުމާ ގުޅޭ ބައިނަލްއަޤުވާމީ ގިނަ ތަމްރީނު ޕްރޮގްރާމްތަކާއި މަތީ ފަންތީގެ ފޯރަމްތަކުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.