ENGLISH
15 އޮކްޓޯބަރު 2025
ކަނޑިތީމަށްވީ ވަޢުދުތައް ރައްޔިތުންގެ އުއްމީދުތައް ހާސިލްވާނެ ގޮތަށް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
13 އޮކްޓޯބަރު 2025
|
ކަނޑިތީމުގައި ރައީސް މިއަދު ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް
ށ. ކަނޑިތީމުގެ ރައްޔިތުންނަށްވީ ވައުދުތައް، ރައްޔިތުންގެ އުއްމީދުތައް ހާސިލްވާނެ ގޮތަށް ބާރު ސްޕީޑުގައި ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފި އެވެ.
ށ. އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި ކަނޑިތީމުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ އެމަނިކުފާން ވިދާޅުވީ އެ ރަށަށް ކޮށްދެއްވަން ވައުދުވެވަޑައިގެންނެވި ބައެއް ކަންކަން ފެށުމުގައި ލަސްތަކެއް ދިމާވީ ކަންކަން ތަރުތީބު ކުރުމަށް ވަގުތުކޮޅެއް ނަގަން ޖެހުމުން ކަމަށެވެ.
"ކޮންމެ ކަމެއް ވެސް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމައިދޭނަން. އެކަންކަން މި ފަށަނީ ކަންކުރެވޭނެ ހުރިހާ ކަމެއް ހަމަޖައްސާފައި. އެކަން ކުރެވޭނެ މަގާއި ވަސީލަތްތައް ވެސް ހަމަޖައްސާފައި. މިކަމުގައި ރައްޔިތުންގެ އެއްވެސް ކަންބޮޑުވުމެއް އޮތަކަ ނުދޭނަން. ކަމާބެހޭ މިނިސްޓްރީތަކާއި ކުންފުނިތަކުން ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރަމުންދާނެ. މިއަދު މި ފެށި މަޝްރޫއުތައް ވެސް ހުއްޓުމެއް ނެތި ކުރިއަށްދާނެ،" އާބާދީގައި 1،500 އެއްހާ މީހުން ހިމެނޭ ކަނޑިތީމުގެ ރައްޔިތުންނާ މުޚާތަބު ކުރައްވާ ރައީސް ވިދާޅުވި އެވެ.
އެމަނިކުފާން ވިދާޅުވީ ރަށުގެ ތަރައްގީއަށް ކުރަންޖެހިފައި ހުރި އިތުރު ކަންކަން ވެސް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ފެށިފައި، މާބާރު ސްޕީޑުގައި ކުރިއަށް ނުދާ ކަންކަމާއި ހުއްޓިފައި ހުރި ކަންކަން ހިމެނޭ ކަމަށެވެ. އެ ހުރިހާ ކަމަކީ ވެސް ރަށުގެ ތަރައްގީގައި މުހިންމު ކަންކަމަށްވާތީ ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސް ނިންމަވައިދެއްވާނެކަމުގައި ރައީސް ވިދާޅުވި އެވެ.
ކަނޑިތީމުގައި ހުއްޓިފައިވާ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތް ހަމަޖައްސަވައި އެ ރަށުގެ ސިއްހީ މަރުކަޒުގެ މަސައްކަތް ވެސް ކުރިއަށް ނުދާތީ މި މަސްތެރޭ އާ ކޮންޓްރެކްޓަރަކާ ހަވާލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ސިއްހީ މަރުކަޒުގެ މަޝްރޫޢުގެ ތެރޭން ދެ ބުރީގެ އިމާރާތެއް އަޅައި ކޮންސަލްޓޭޝަން ރޫމްތަކާ އެކު ޖުމްލަ 20 އެނދު ހިމެނޭ އިމާރާތެއް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެ މަޝްރޫޢުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭ ފެށޭނެކަމުގެ ޔަގީންކަން ކަނޑިތީމުގެ ރައްޔިތުންނަށް ރައީސް ވަނީ ދެއްވައިފައެވެ.
ކަނޑިތީމުގެ ފުޓުބޯޅަ ދަނޑުގައި ފެންސްޖަހައި ރޭގަނޑު ކުޅެވޭނެ ގޮތަށް ލައިޓް ހަރުކޮށް ޒަމާނީ ފެންވަރުގެ ދަނޑެއްގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަލަށް އާބާދުވި ސަރަހައްދަށް ކަރަންޓު ދިނުމަކީ އެމަނިކުފާނުގެ ވައުދެއްކަން ހަނދާންކޮށްދެއްވަމުން ރައީސް ވިދާޅުވީ އެކަން ވަރަށް އަވަހަށް ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖައްސަވާފައިވާ ކަމަށެވެ. ކަނޑިތީމުގެ ބަނދަރު ހެދުން، ގޮނޑޮދޮށް ހިމާޔަތް ކުރުން އަދި މަގު ހެދުން ކުރިއަށް ގެންދާނީ ރައްޔިތުންގެ އުއްމީދުތައް ހާސިލްވާ މިންވަރަށް ކަމަށާއި ބޭންކުގެ ބްރާންޗުގެ މަސައްކަތް އަންނަ އަހަރުގެ މާޗު މަހާ ހަމައަށް ދާއިރު ނިމޭނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ ކަނޑިތީމުގެ ތަރައްގީއަށް ފެށި މަޝްރޫއުތައް ނިންމާލުމުގެ ރަސްމިއްޔާތަށް ތިން ވަނަ ފަހަރަށް އެ ރަށަށް ވަޑައިގަތުމުގެ އުއްމީދުގަ އެވެ.
ކަނޑިތީމުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށާއި ބަނދަރު އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. އަދި ކަނޑިތީމުގައި އަލަށް އިމާރާތްކުރާ ބޭންކް އޮފް މޯލްޑިވްސްގެ އާ ބްރާންޗާއި އެރަށުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒު އަދި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ގެ ބިންގާ ވެސް މިއަދު ވަނީ އަޅައިފައެވެ.