ENGLISH
15 އޮކްޓޯބަރު 2025
ކަނޑިތީމުގައި އިމާރާތްކުރާ ބީއެމްއެލް ބްރާންޗާއި ފުލުހުންގެ މަރުކަޒު އަދި އެފްއާރުސީގެ ބިންގާ އަޅައިފި
13 އޮކްޓޯބަރު 2025
|
ކަނޑިތީމުގައި އިމާރާތްކުރާ ބީއެމްއެލް ބްރާންޗުގެ ބިންގާ އެޅުން. ފޮޓޯ: ރައީސް އޮފީސް
ށ. ކަނޑިތީމުގައި އަލަށް އިމާރާތްކުރާ ބޭންކް އޮފް މޯލްޑިވްސްގެ އާ ބްރާންޗާއި އެރަށުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒު އަދި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ގެ ބިންގާ މިއަދު އަޅައިފިއެވެ.
ކަނޑިތީމުގައި މުހިއްމު ތިން މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ށ. އަތޮޅަށް ކުރައްވާ ދަތުުފުޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ކަނޑިތީމުގައި ޤައުމީ ބޭންކުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން އެރަށުގައި އަލަށް އިމާރާތްކުރާ ބީއެމްއެލް ބްރާންޗުގެ ބިންގާ އަޅުއްވައިދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް އެވެ.
ކަނޑިތީމުގައި މިހާރު ވެސް އޭޓީއެމްގެ ޚިދުމަތް ލިބެއެވެ. އަލަށް އިމާރާތްކުރާ ބީއެމްއެލް ބްރާންޗާއެކު ބީއެމްއެލްއިން ދޭ މުހިއްމު ހުރިހާ ޚިދުމަތެއް އެރަށުން ލިބިގެންދާނެއެވެ.
ކަނޑިތީމުގަ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރިކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
ކަނޑިތީމުގައި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލަމާތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން އެވެ.
ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިން ރާއްޖޭގެ ހުރިހާ ރަށެއްގައި އެފްއާރުސީ އިމާރާތްކުރުމުގެ ބޮޑު މަޝްރޫޢެއް ވެސް ސަރުކާރުން އަންނަނީ ހިންގަމުންނެވެ. އެގޮތުން ކަނޑިތީމުގައި އަލަށް އިމާރާތްކުރާ އެފްއާރުސީގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.
ކަނޑިތީމުގައި އެފްއާރުސީގެ ބިންގާ އެޅުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ކަނޑިތީމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ރަށަށް ބޭނުންވާ މުހިއްމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި، ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރައްވަން ޖަލްސާއެއް ބާއްވަވައި، ވާހަކަފުޅުދައްކަވާފައިވެއެވެ.
ށ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށަށް ކުރައްވާ ދަތުރުފުޅު ރައީސުލްޖުމްހޫރިއްޔާ ފެއްޓެވީ މިއަދެވެ. އެ އަތޮޅުގެ ރަށްތަކަށް ވަޑައިގެން ނިމިފައިވާ މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވުމުގެ އިތުރުން ރަށްރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވާ މަޝްރޫތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވާނެއެވެ.