ENGLISH

15 އޮކްޓޯބަރު 2025

Advertisement

ނޫމަރާ ކައުންސިލްގެ އާ އިމާރާތް ހުޅުވައި، އިތުރު ތިން މަޝްރޫޢެއްގެ މަސައްކަތް ފަށައިފި

13 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ނޫމަރާ ކައުންސިލުގެ އާ އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު ނޫމަރާއަށް ވަޑައިގެން އެރަށުގައި ސަރުކާރުން އިމާރާތްކުރި ކައުންސިލް އިމާރާތް ހުޅުއްވައިދެއްވައި އިތުރު ތިން މަޝްރޫޢެއްގެ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ. 

ކައުންސިލް އިމާރާތް ހުޅުވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށުގައި ފައްޓަވައިދެއްވީ އަލަށް އިމާރާތްކުރާ މިސްކިތް ބިނާކުރުމުގެ މަޝްރޫޢާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު ގާއިމުކުރުމުގެ މަޝްރޫޢުގެ އިތުރުން އެރަށުގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަޝްރޫއެވެ. 

ނޫމަރާގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ކައުންސިލް އިމާރާތް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ކައުންސިލް އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އާ އިމާރާތް ބައްލަވާލައްވާފައެވެ. ރާއްޖޭގެ ރަށްތަކުގެ ކައުންސިލް އިމާރާތްތަކުގެ ހާލަތު ރަނގަޅުކުރުމުގެ ބޮޑު މަޝްރޫޢެއް ސަރުކާރުން އަންނަނީ ހިންގަމުންނެވެ. އެގޮތުން ބައެއް ރަށްރަށުގެ ކައުންސިލް އިމާރާތްތައް ނިންމައި މިހާރު ވަނީ ހުޅުވައިފައެވެ. 

ނޫމަރާގައި ސަރުކާރުން ތަރައްޤީކުރަނީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.

ނޫމަރާގައި ތަރައްޤީކުރާ ފިންޓެސް ސެންޓަރުގެ މަސައްކަތް ފެށުން. ފޮޓޯ: ރައީސް އޮފީސް

ނޫމަރާގައި ޤާއިމުކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. 

ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރަމުން އަންނަ ފުލުހުންގެ ޚިދުމަތް ނޫމަރާގައި ދިނުމުގެ މަސައްކަތް ވެސް މިއަދު ވަނީ ފަށައިފައެވެ. އެގޮތުން އެރަށުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން އެވެ. 

ވަޒީރު ޢަލީ އިޙްސާން ނޫމަރާގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

އެ މަޝްރޫޢުތައް ހަވާލުކުރީ ފެނަކަ ކޯޕަރޭޝަނާ އެވެ. ރަސްމިއްޔާތުތަކުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން ށ. ނޫމަރާ ކައުންސިލުގެ ނައިބު ރައީސް ބައިވެރިވަޑައިގެންނެވިއެވެ.

ނޫމަރާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލްގެ އާ އިމާރާތް ބައްލަވާލައްވައި، ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ. އަދި، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެރަށަށް ބޭނުންވާ މުހިއްމު ކަންކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން އެރުއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު