ENGLISH
15 އޮކްޓޯބަރު 2025
ދެ އަހަރުތެރޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ގާއިމްކޮށް ނިންމާނަން: ރައީސް
13 އޮކްޓޯބަރު 2025
|
ނޫމަރާ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް މިއަދު ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް
ދެ އަހަރުގެ ތެރޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ސިއްހީ ޚިދުމަތްތޭ ތަންތަނުގައި ލެބޯޓަރީގެ ޚިދުމަތް ގާއިމްކޮށް ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ނޫމަރާ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ މި އަހަރާއި މި އަންނަ އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބްތައް ގާއިމްކޮށް ނިންމަވާނެ ކަމަށެވެ. އެގޮތުން ނޫމަރާ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ވަރަށް އަވަހަށް ގާއިމްކޮށް ޓެސްޓްތައް ހެދޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް އެމަނިކުފާން ވިދާޅުވި އެވެ.
"ރާއްޖޭގެ ހުރިހާ ރަށެެއްގައި ވެސް އަންނަ އަހަރު ނިމޭއިރު ނުހުންނާނެ، ހަމަ ޔަގީން އެންމެ ރަށެއް ވެސް ނުހުންނާނެ އެ ރަށެއްގެ ނިސްބަތުން ހެދޭނެ ޓެސްޓްތައް ގާއިމް ނުކުރާ ރަށެއް ނޯންނާނެ. ހެލްތު މިނިސްޓްރީން ކަނޑައަޅާ ސްޓެންޑަޑެއް އޮންނާނެ. އެ ޔަގީންކަން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އަޅުގަނޑު ދެން. އެގޮތަށް އެކަން ދާނެ. އަޅުގަނޑުމެންގެ ސިޔާސަތު މި އޮންނަނީ ހުރިހާ ރަށަކަށް ކަންތައް ކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާން ވިދާޅުވީ ސިއްހީ ދާއިރާ ކުރިއެރުވުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށާއި އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ މުވައްޒަފުން ހޯދައިދިނުމަކީ އެންމެ އިސްކަން ދެއްވައިގެން ކުރައްވާނެ ކަންތައް ކަމަށެވެ.
އެމަނިކުފާން ވިދާޅުވީ ކުޑަކުދިންގެ ޕާކުތައް ނެތް ރަށްރަށުގައި ޕާކްތައް ހެދުމާއި ޕާކްތައް އާ ކުރަން ޖެހޭ ރަށްރަށުގައި އެކަން ކުރައްވާނެ ކަމަށެވެ. މި އަހަރާއި އަންނަ އަހަރު ހުރިހާ ރަށެއްގެ ވެސް ކުޑަކުދިންގެ ޕާކްތަކާއި އައުޑްޑޯ ޖިމްތައް ހަަދައިދޭނެ ވާހަކަ އާއި ފިޓްނެސް ރިކްރޭޝަން ސެންޓަރުތައް ހަދައިދޭނެ ވާހަކަ ވާނީ މި އަހަރުގެ ފެބްރުއަރީ މަހު މަޖިލީހަށް އިއްވި ރިޔާސީ ބަޔާނުގައި ވަޢުދުތަކެއްގެ ގޮތުގައި ވިދާޅުވެފައި ކަމަށާއި މިހާރު ގެންދަވަނީ އެމަސައްކަތް ކުރައްވަމުން ކަމުގައި ވިދާޅުވި އެވެ.
ގިނަ ރަށްރަށުގައި އެ މަޝްރޫއުތައް ފެށިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ބާކީ ހުރި ރަށްތަކުގައި އެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމުގަ އެވެ. މީގެ އިތުރުން ކޮންމެ ރަށެއްގައި ވެސް ކުނި މެނޭޖްކުރުން ފަދަ އަސާސީ ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ސްކޫލްތަކަށް ބޭނުންވާ މަލްޓިޕާޕަސް ހޯލްތަކާއި ސިއްހީ މަރުކަޒުތަކުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވަނީ ދެ އަހަރަށް ބަހާލައިގެން ކަމުގައި ރައީސް ވިދާޅުވި އެވެ.
ނޫމަރާ އަށް ބޭނުންވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އެ ރަށުގެ އިންޖީނުގެ ރިލޮކޭޓް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެނަކައިން ފަށާނެ ކަމަށެވެ. އަދި އަންނަ ރަމަޟާން މަސް ފެށުމުގެ ކުރިން އެކަން ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ފެނަކަ އެމްޑީ ދެއްވާފައިވާކަމަަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ނޫމަރާ އަށް އޮންނަ އާރްޓީއެލްގެ ފެރީގެ ރޫޓް ދިގުވުމުގެ މައްސަލަ ހައްލުކޮށްދިނުމަށް އެމްޓީސީސީއަށް ދަންނަވާފައިވާ ކަމަށް ވިދާޅުވި އެވެ.
ނޫމަރާގައި މިއަދު ފެށި މަސައްކަތްތަކުގެ އިތުރުން އެ ރށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ތެރޭގައި އެރަށުގެ ބަނދަރު ހަދަމުންދާއިރު ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަން ހިމަނައިގެން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެެވެ. ބަނދަރުގެ ޑިޒައިނަށް ބަދަލު ގެނެސް ދޯނި އެހެލާތަނެއް ހައްދަވައިދެއްވާނެ ކަމަށާއި ބަނދަރު ހަދާ ނިމޭ އިރު މޫދަށް އެރޭ ސަރަހައްދެއް ވެސް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ. ނޫމަރާގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ ބާކީ ހުރި ކަންކަން ނިންމަން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
ނޫމަރާގައި ޒަމާނީ ފެންވަރުގެ ރަނގަޅު ފުޓުބޯޅަ ދަނޑެއް އެޅުމާއި ވޮލީ ކޯޓެއް އެޅުން އަންނަ އަހަރުގެ ބަޖެޓުގެ ތެރޭގައި ހިމަނުއްވާނެ ކަަމަށް އެމަނިކުފާން ވިދާޅުވިއެވެ. އަދި އާ މަޝްރޫއުތަކުގެ ތެރޭގައި ނޫމަރާ ސްކޫލަށް މަލްޓިޕާޕަސް ހޯލެއް އަންނަ އަހަރު އިތުރުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ނޫމަރާގައި މިއަދު ވަނީ 300 މީހުންގެ ޖާގައިގެ މިސްކިތަކާއި ފުލުހުންގެ މަރުކަޒުގެ އިތުރުން ފިޓްނެސް ސެންޓަރުގެ ބިންގާ އަޅައިފަ އެވެ.