ENGLISH
13 އޮކްޓޯބަރު 2025
މާލެ ސަރަޙައްދުގައި ވަރަށް އަވަހަށް 12،000 ހައުސިން ޔުނިޓް އެޅުމުގެ މަަސައްކަތް ފެށޭނެ ކަމަށް އުންމީދުކުރަން: މިނިސްޓަރު
12 އޮކްޓޯބަރު 2025
|
މިއަދުގެ ނޫސްވެރީންގެ ބައްދަލްވުމުގައި މިނިސްޓަރު މައުލޫމާތު ދެއްވަނީ --
މާލެ ސަރަޙައްދުގައި ވަރަށް އަވަހަށް 12،000 ހައުސިން ޔުނިޓް އެޅުމުގެ މަަސައްކަތް ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގަ އެވެ. މިނިސްޓަރު މުއްޠަލިބް ވިދާޅުވީ ގެދޮރުވެރިކަމަށް އޮތް ބޮޑު ޑިމާންޑް ކުރުމަށް އެކަށީގެންވާ ރަނގަޅު ސިޔާސަތެއްގެ ދަށުން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އެގޮތުން ތަނަވަސްކަން ކުޑަ ފަރާތްތަކަށް އިޖްތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ފްލެޓް އިމާރާތްކުރުމުގެ މަޝްރޫޢުތަކެއް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާ އުންމީދަކީ މާލެ ސަރަޙައްދުގައި ވަރަށް އަވަހަށް 12،000 ހައުސިން ޔުނިޓް އެޅުމުގެ މަަސައްކަތް ފެށިގެން ދިއުން ކަމަށެވެ.
އެއީ މެދުފަންތީގެ އަދި ސޯޝަލް ހައުސިން ޔުނިޓްތަކެއްކަން ފާހަގަ ކުރައްވާ އެ ތަފްސީލް މިނިސްޓަރު ދެއްވި އެވެ.
* އިންޑިއަން އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ގުޅިފަޅުގައި 4000 ހައުސިން ޔުނިޓް
* ކޮންސެޝަނަލް ފައިނޭންސްގެ ތެރެއިން އިތުރު 5000 ހައުސިން ޔުނިޓް އެޅުން
* ބެންކު ފައިނޭންސްގެ ތެރެއިން އިމާރާތްކުރެވޭ 3,000 ހައުސިން ޔުނިޓް
މިނިސްޓަރު ވިދާޅުވީ އިންޑިއަން އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ގުޅިފަޅުގައި ތަރައްޤީ ކުރަން ނިންމާފައިވާ 4000 ހައުސިން ޔުނިޓްގެ ޑިޓެއިލް ޕްރޮޕޯސަލް މިހާރު ފޮނުވާފައިވާ ކަމަށެވެ. އަދި ކޮންސެޝަނަލް ފައިނޭންސްގެ ތެރެއިން އިތުރު 5000 ހައުސިން ޔުނިޓް އެޅުމަށް ބޭރުގެ އެކި ފަރާތްތަކާއި އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
"ސަރުކާރުން ލޯނު ނަގައިގެން ވީހާވެސް ބާޑަން ކުޑަކޮށްގެން އަޅުގަނޑުމެން ޤަބޫލުކުރަނީ މާލެ ސަރަޙައްދުގައި އަޅުގަނޑުމެންނަށް ވަރަށް އަވަހަށް 12,000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށިގެންދާނެ ކަމަށް," މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން އިމާރާތް ކުރާ ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު މިއަހަރުގެ ތެރޭގައި ހުޅުވާލައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެގޮތުން ފްލެޓާއި ގޯތި ދޫކުރާނޭ އުސޫލްތަކެއް މިހާރު އެކުލަވާލައި ނިމިފައިވާ ކަމަށާ އެ އުސޫލުތައް މިހާރު ވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހިޔާލު ހޯދުމަށް ފޮނުވާފައި ކަމަށް ވިދާޅުވި އެވެ.