ENGLISH

13 އޮކްޓޯބަރު 2025

Advertisement

ކެއްސާތީ ބޭނުންކުރާ ވިހަ މާއްދާ ހިމެނޭ ބޭސް ރާއްޖެ އެތެރެކޮށްފައެއްނުވޭ: އެމްއެފްޑީއޭ

12 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

އެމްއެފްޑީއޭ ހިންގަމުން އަންނަ ރޯޝަނީ ބިލްޑިން. ފޮޓޯ: އެމްވީ ޕްލަސް

އިންޑިއާގެ ތިން ކުންފުންޏަކުން އުފައްދާފައިވާ ކެއްސާތީ ބޭނުންކުރާ ތިން ބޭސް ރާއްޖެ އެތެރެކޮށްފައިނުވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ. 

އެމްއެފްޑީއޭއިން މިއަދު އާއްމުކުރި އިޢުލާނުގައި ބުނީ، އިންޑިއާގެ ތިން ކުންފުނިން އުފައްދާފައިވާ ކެއްސާތީ ބޭނުންކުރާ ތިން ބޭހެއްގައި ވިހަ މާއްދާއެއް ހުރެގެން ބޭސް ބޭނުންކުރުމާއި، ވިއްކުން މަނާކޮށްފައިވާކަމަށް ސައުތު އީސްޓް އޭޝިއާ ރީޖަން ނެޓްވޯކުން އެ އޮތޯރިޓީއަށް އެލާޓްކޮށްފައިވާކަމަށެވެ. 

އެލާޓުގައި ފާހަގަކޮށްފައިވާ ތިން ކުންފުންޏަކީ، އެމްއެފްޑީއޭއިން ބޭސް އިމްޕޯޓް ކުރުމަށް ހުއްދަ ދީފައިވާ ކުންފުނިތަކެއް ނޫންކަމަށް ބުނެފައިވެއެވެ. އެމްއެފްޑީއޭއިން ބުނީ އެކުންފުނިތަކުން އުފައްދާ އެއްވެސް ބޭހެއް، އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ޔަގީންކުރެވިފައިވާ ކަމަށެވެ. 

ވިހަ މާއްދާ ހިމެނޭ ކެއްސާތީ ބޯ ބޭސް ބޭނުންކޮށްގެން އިންޑިއާގައި ބައެއް ކުދިން މަރުވެފައިވާކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. 

އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސްފަރުވާއަށް ގޮސް އުޅޭ ގައުމަކަށްވާތީ، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާއިން ބޭސް އެތެރެކުރާއިރު އެކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. 

ރާއްޖެ އެތެރެކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ހާއްސަކޮށް ތުއްތު ކުދިންނަށްދޭ ބޭހުގައި މިހާރު ފާހަގަކުރެވެމުންދާ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ އޮތޯރިޓީން އަބަދުވެސް ފިޔަވަޅުތައް އަޅަމުންގެންދާ ކަމަށް އެމްއެފްޑީއޭގެ އިޢުލާނުގައި ބުނެފައިވެއެވެ. 

މިހާރު ގާއިމުކޮށް ތަންފީޒުކުރަމުންގެންދާ އެންމެ މުހިއްމު ފިޔަވަޅަކީ، ކެއްސުމާއި ރޯގާއަށް ބޭނުންކުރާ ކުޑަކުދިންނަށްދޭ ދިޔާ ބޭސް އެތެރެކުރާއިރު ބައެއް މާއްދާތައް ނުހިމެނޭކަން ކަށަވަރުކުރުން ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ. އެގޮތުން ލެބޯޓްރީ ތަހުލީލު ކުރުމަށްފަހު ރިޕޯޓް ލިބި އެފަދަ ކެމިކަލް ބޭހުގައި ނެތްކަން ކަށަވަރުކުރާ ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ. 

ވިހަ މާއްދާ އެކުލެވޭ ބޭހާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އެ އޮތޯރިޓީގެ ނަންބަރު 7200321 އަށް ގުޅުމަށް އެމްއެފްޑީއޭއިން ވަނީ އިރުޝާދުދީފައެވެ. 

ކިޔުންތެރިންގެ ހިޔާލު