ENGLISH

13 އޮކްޓޯބަރު 2025

Advertisement

"ކޮސް ގިނަ މިސްޓޭކް"ގެ ޓިކެޓް ބުކިންގ އަށް ހުޅުވާލައިފި

12 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ކޮސްގިނަ މިސްޓޭކްގެ ޕޯސްޓަރެއް --

ސެޓާން ސްޓޫޑިއޯ އާއި ޝައި ޕްރޮޑަކަޝަން ގުޅިގެން އުފައްދާފައިވާ ކޮމެޑީ ފިލްމް "ކޮސް ގިނަ މިސްޓޭކް" (ކޭޖީއެމް) ގެ ޓިކެޓް ބުކިންގ އަށް ހުޅުވާލައިފި އެވެ.

މި ނޮވެމްބަރ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވާ މި ފިލްމް އޮލިމްޕަސް ސިނަމާގައި ދެއްކުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 19ގެ ނިޔަލަށެވެ. އެގޮތުން މިހާރު މި ފިލްމްގެ ފަސް ޝޯއެއްގެ ޓިކެޓް ބުކިންގ އަށް ހުޅުވާލާފައިވާއިރު، 7743399 އަށް ވައިބަރ މެދުވެރިކޮށް ޓިކެޓް ބުކް ކުރެވޭނެ ކަމަށް ފިލްމްގެ ޕްރޮޑަކްޝަން ހައުސްއިން ވަނީ ބުނެފަ އެވެ.

މިފިލްގެ ޓްރެއިލަރ އަދި ޓްރެއިލާރ ލޯންޗް ކޮށްފައިވާއިރު، ފިލްމްގެ ޕޯސްޓަރުން އެކަނިވެސް ފިލްމްގެ މަޖާކަން ފެނިގެން ދާއިރު، ފިލްމްގެ ޓްރެއިލަރ އިން ވަނީ އެކްޓަރުންގެ މޮޅު އެކްޓިންގައި ކެމެރާ އަދި އެޑިޓިންގެ ފުރިހަމަކަން ދައްކުވައިދީފަ އެވެ.

"ކޮސް ގިނަ މިސްޓޭކް" ވެގެންދާނީ މިއަހަރު އޮލިމްޕަހުގައި ރަހަތަފާތު ކޮށްލާ ފިލްމަކަށެވެ. ލޯބީގެ އިތުރުން ހިތްދަތި ކަމާއި، އިޖްތިމާޢީ ފިލްމްތަކަށް ފަހު ބެލުންތެރިން ހެއްވާލާ މާޖާ ފިލްމެއްގެ ގޮތުގައި ކޮސްގިނަ މިސްޓޭކް އޮލިމްޕަސް ސިނަމާއަށް އަންނަ އިރު، މި ފިލްމްގެ އިންތިޒާރުގައި މިހާރުވެސް ގިނަ ބެލުންތެރިން ތިބިކަން ފާހަގަކޮށްލެވެއެވެ.

ދިވެހި ފިލްމީ ދުނިޔޭގައި ކޮމެޑީ ޖޯންރާގެ ފިލްމްތައް އުފެއްދުމުގެ އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސްގެ ގޮތުގައި ފާހަގަ ކޮށްލެވޭ ޝައި ޕްރޮޑަކްޝަންގެ ފިލްމްތަކުގެ ތެރޭގައި ހިމެނޭ ނޯޓީފޯޓީ އާއި ފޯޓީ ޕްލަސް ފަދަ ހިޓް ފިލްމްތަކަށް ފަހު މިފިލްމްވެސް ވެގެންދާނީ ބެލުންތެރިން ކޮސްކޮށްލާ ހެއްވާލާނެ ވަރުގެ ފިލްމަކަށް ކަމަށް ޝައި ޕްރޮޑަކްޝަންގެ ވެރިޔާ އަދި މި ފިލްމްގެ ޕޮރޮޑިއުސަރ އިސްމާއިލް ޝަފީޤުވަނީ ބުނެފައެވެ.

މީގެ އިތުރުން މިފިލްމް އުފައްދާ ސެޓާން ސްޓޫޑިއޯ އަކީ މިހާރު ރާއްޖޭގައި އެންމެ މަގުބޫލު ޕްރޮޑަކްޝަން ހައުސްގެ އިތުރުން، މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމް "ކަމަނާ" އާއި، މި އަހަރުގެ މިހާތަނަށް އެޅުވުނު އެންމެ ކާމިޔާބު ފިލްމް "ކަނބުލޮ"ފަދަ ފިލްމް އުފައްދާ، ބެލުންތެރިންގެ އިތުބާރު ހޯދާފައިވާ ޕްރޮޑަކްޝަން ހައުސްއެކެވެ. މި ދެ ސްޓޫޑިއޯ ގުޅިގެން މީގެ ކުރިންވެސް ފިލްމްތަކެއް ވަނީ ބެލުންތެރިންނާއި ހަމަޔަށް ގެނެސްދީފައެވެ.

ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ ވާހަކައަކަށް އުފައްދާ މި ފިލްމްގެ ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަންއެވެ. މިފިލްމް ޝޫޓް ކޮށްފައިވަނީ މިއަހަރު ކުރީކޮޅު މ.މުލަކުގައެވެ.

މި ފިލްމަކީ މި ފަހުގެ ތާރީޚެއްގައި ފިލްމީ ދާއިރާގެ އެންމެ ގިނަ ތަރިން އެއް ފިލްމަކުން ފެނިގެންދާނެ އެއް ފިލްމެވެ. އެގޮތުން ފިލްމުގެ ހުރިހާ ތަރިންގެ ރޯލުވެސް އެއްވަރަކަށް ފެނިގެންދާއިރު ތަރިންގެ ތެރޭގައި ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، އާމިނަތު ރިޝްފާ، މަރިޔަމް ޢައްޒަ، އަހްމަދު ނިމާލް، ޢަލީ ޢާޒިމް (ދޮން އައްޔަ)، ޖުމައްޔިލް ނިމާލް، ފުބޫ، ޝިފާ، ޑޯރާ، އަމަން ގެ އިތުރުން ޝާއްކޮ އަންމަޑޭ އާއި ގުލިސްތާނު އަދި ހާމިދު ފަދަ ކުޅަދާނަ ފަންނާނުން ހިމެނެއެވެ. މި ފިލްމްގެ ކެމެރާމަނަކީ ތަޖުރިބާކާރު އަދި ރާއްޖޭގައި އެފަދަ ދެވަނައެއް ނުވާ ކެމެރާމަން،އިބްރާހިމް ވިސާން (ކަނޑި) އެވެ. އަދި ފިލްމްގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކޮށްފައިވަނީ އަބްދުﷲ މުއާޒް ޕްރޮޑަކްޝަން އާއި، ބްލެކް މީޑިއާގެ އިތުރުން ޔޫއްޕެ ޕްރޮޑަކްޝަން އިންނެވެ.

މުހައްމަދު އަބްދު ޣަނީ (ތޭރަ) ހަދާފައިވާ ޅެންތަކަށް މި ފިލްމްގެ ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދު ޣަނީ (ތޭރަ)، މަރިޔަމް އަޝްފާ، އާއި ޖަލާލްގެ އިތުރުން ފުބޫއެވެ.

އިސްމާއިލް ޝަފީގް ޕްރޮޑިއުސް ކުރާ މި ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ އަލީ ޝާނިޒް މުހައްމަދުއެވެ

ކިޔުންތެރިންގެ ހިޔާލު