ENGLISH
13 އޮކްޓޯބަރު 2025
ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެންމެ އިސްކަން ދޭން ޖެހޭނީ ގުރުއާންގެ ޢިލްމަށް: ރައީސް
12 އޮކްޓޯބަރު 2025
|
ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެންމެ އިސްކަން ދޭން ޖެހޭނީ ކީރިތި ގުރުއާން ކިޔެވުމަށް ހިތްވަރު ދިނުމަށާއި އެކަމަށް ބާރު އެޅުމުގެ އިތުރުން އެ ދާއިރާއިން ކުރިއަށް ދިއުމަށް ހުރިހާ މަގުތަކެއް ފަހިކޮށްދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ޝަރަފުވެރިކޮށްެދެއްވާ، ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގުރުއާން ކިޔެވުމަށް ބާރު އެޅުމަށް، ހިތްވަރު ދިނުމަށް އަދި އެ ދާއިރާ އިން ކުރިއަށް ދިއުމަށް ހުރިހާ މަގުތަކެއް ފަހިކޮށްދޭން ޖެހޭނެ ކަމަށެވެ.
"ކީރިތި ގުރުއާން ކިޔެވުމަށް އަޅުގަނޑުމެންގެ ތުއްތު ކުދިންނާއި ހުރިހާ ކިޔަވާ ކުދިންނަށް އަދި ޖުމްލަކޮށް ހުރިހާ ފަރާތްކަށް ވެސް އަޅުގަނޑުމެންވާނެ ހިތްވަރުދޭން. އަޅުގަނޑުމެންގެ އުޅުމާއި ގުޅުން ބައްޓަން ކުރަންޖެހޭނީ ގުރުއާނުން މާތްﷲ އަންގަވާފައިވާ ގޮތަށް. މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތުގެ މަތިން. އެ މަގުގައި ކުރިއަށް ދިއުމަށް. ސަރުކާރުން އެންމެ އިސްކަމެއް ދެނީ ގުރުއާން ކިޔެވުމުގައި ރީތި ރާގުތަކަށް، ހަމަތަކާ އެއްގޮތަށް ކިޔެވުމަށް. އެކަމަށް ކުރެވެން ހުރި، ހުރިހާ ކަމެއް ކޮށްދިނުމަށް. އަޅުގަނޑުމެން ބޭނުން ވަނީ އަޅުގަނޑުމެންގެ ދަރިންނަކީ ގުރުއާން ކިޔަވަން ބޭނުންވާ އަދި އެއީ ފަޚުރެއްގެ ގޮތުގައި ދެކޭ ދަރިންނަށް ވާން. ސްކޫލްތަކުން އެންމެ އިސްކަމެއް ދޭ ކަމަކީ މިއީ ކަމަށް ކަނޑައަޅަން އަޅުގަނޑު އެދެން،" އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ. "މި ގައުމުގައި އެންމެ އިސްކަން ދޭން ޖެހޭނީ ކީރިތި ގުރުއާން ކިޔެވުމަށް. އެންމެ މަތިވެރި އިނާމު ލިބެން ޖެހޭނީ ކީރިތި ގުރުއާން ރީތި ގޮތުގައި ކިޔެވުމަށް. އެގޮތުން މިއަދު މިތަނުގައި އަޅުގަނޑުމެން ފާހަގަކުރީ ވަރަށް މުހިންމު ފެށުމެއް."
ރައީސް ވިދާޅުވީ ދިވެހި ސަރުކާރުން ވަރަށް މަތިވެރި އިސްކަމެއް މި މުބާރާތަށް ދިނީ ވަރަށް މަތިވެރި މަގްސަދެއްގައި ކަމަށާއި އެއީ މި ގައުމު ތަރުބިއްޔަތު ކުރުމަށް ކަމަށެވެ. އެހެންވެ އެމަނިކުފާން އުއްމީދު ކުރައްވަނީ ރާއްޖޭގެ ކިޔަވާ ކުދިން އަދި ހުރިހާ ފަރާތްތަކުން ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ބޮޑަށް ގަދައަޅައި، ވަރަށް ފޯރީގައި ތައްޔާރުވެގެން، ވަރަށް ގިނަ ފަރާތްތަކެއް ބައިވެރިވެގެން ވަނަތައް ހޯދުމަށް މަސައްކަތް ކުރާނެ މުބާތާތަކަށް ވާނެ ކަމަށެވެ.
އަޅުގަނޑުމެންނަށް ފަލާހާއި ކާމިޔާބު ދެ ދުނިޔޭގައި ވެސް ލިބެން އޮތީ ކީރިތި ގުރުއާންގައި އަންގަވާފައިވާ ގޮތަށް ކުރިއަށް ގޮސްގެންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ހުރިހާ ކަމެއް އެގޮތުގައި ކުރަން މަސައްކަތް ކޮށް، އެންމެ މުހިންމު ކަމަކީ ގުރުއާން ރީތިކޮށް ކިޔެވުން، އެއީ އަޅުގަނޑުމެންގެ ތެރޭގައި ފަޚުރުވެރިވާ ކަމަކަށް ހަދަން ޖެހޭ ކަމަށެވެ.
ރައީސް ވަނީ އަޅުގަނޑުމެންގެ ތެރޭގައި ކުރީގައި އޮތް ގުރުއާން ކިޔެވުމުގެ ރީތި އާދަތައް އަނބުރާ ގެނައުމަށް އިލްތިމާސް ކުރައްވައިފަ އެވެ. އޭގެތެރޭގައި ދެނަމާދު ދޭތެރޭގައި ގޭގަ އާއި މިސްކިތްތަކުގައި ގުރުއާން ކިޔެވުން ފަދަ އާދަތައް އަޅުގަނޑުމެން، ބިޒީކޮށް އުޅުނު ނަމަވެސް އެފަދަ އާދަތަކަށް ވަގުތު ހޯދުމަށް އެމަނިކުފާން އެދިވަޑައިގެންނެވި އެވެ. އިސްލާމް ދީނުގައި އިސްކަން ދީފައިވާ ކަންކަން ވަގުތު ނެތިގެން ނުކުރެވިއްޖެ ނަމަ މި ގައުމުގައި އުފާ ފާގަތި ކަމާއި އަމާންކަން ނޯނާންނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިފަދަ ރީތި އާދަތައް ކުރިއެރުމަކީ ގައުމަށް ހަގީގީ ކުރިއެރުން ލިބޭނެ މަގު ކަމުގައި ވިދާޅުވި އެވެ.
އަޅުގަނޑުމެން އެންމެ އިސްކަން ދޭން ޖެހޭނީ އަތުން ހިފޭ ތަރައްގީއަށް ވުރެ ދެން ދާން އޮތް ދުނިޔެ އަށް ތައްޔާރުވުމަށް ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އެއަށް ވުރެ ބޮޑު ނިއުމަތެއް ނެތް ކަމަށާއި ވަށާ ޖެހޭ ތަރައްގީ އަކީ ސިކުނޑިތަކާއި ވިސްނުން ތަރައްގީވުން ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ ރާއްޖޭގެ މުސްތަގްބަލް އޮތީ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ކުރިއަށް ދިއުމުންކަން ހަނދާންކޮށްދެއްވަމުންނެވެ.
ކީރިތި ޤުރްއާން ކިޔެވުމަށާއި ކީރިތި ޤުރްއާން ހިތުދަސްކުރުމަށާއި ކީރިތި ޤުރްއާނުގެ ޢިލްމު ދިވެހި އިސްލާމީ އުންމަތުގައި ފެތުރުއްވުމަށާއި ޤުރުއާނަށް ޚިދުމަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިސްކަމާއެކު، ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ވަރަށް މުހިންމު ބަދަލުތަކެއް ވަނީ ގެންނަވައިފައެވެ. އެގޮތުން މިއަހަރުން ފެށިގެން ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ، މުޅި މުބާރާތުން އެއްވަނަ ހޯދާ ފަރާތްތަކަށް ޚާއްޞަ އިނާމުތަކެއް ދެއްވުމަށާއި، މުބާރާތުގެ އެހެން ވަނަތަކަށް ދޭ އިނާމުވެސް އިތުރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިދިޔަ މަހު ނިންމެވި ނިންމެވުމާ އެއްގޮތަށް މިއަދު މިވަނީ މި މުބާރާތަކީ ސަރުކާރުން އެންމެ އިސްކަމެއްދޭ، ރާއްޖޭގައި ބާއްވާ އެންމެ ފަޚުރުވެރި މުބާރާތަށް ހައްދަވާފައެވެ.
އެގޮތުން މިފަޚުރުވެރި ވަނަތަކަށް މިއަހަރު ދެވުނު އިނާމުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލަޔާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި، ރައީސުލްޖުމްހޫރިއްޔާދެއްވާ ޚާއްޞަ އިނާމުތަކާއި، ބޭނުން ރޮނގަކުން ބޭނުން ޤައުމަކުން ޕީ.އެޗް.ޑީއަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސް އާއި އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑު ހިމެނޭހެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދޭ 75 ހާސް ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި، ޓްރޮފީ އާއި އަދި މޯލްވިސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދިން ޢުމްރާ ދަތުރު ހިމެނެއެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ނިންމުމަށް، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންބައިވެރިވެވަޑައިގެން، މުބާރާތުގެ އެކި ވަނަތައް ހާސިލުކުރެއްވި ބައިވެރިންނަށް އިނާމާއި ހަނދާނީ ލިޔުމާއި ފިލާ ބައްސަވައިދެއްވިއެވެ.
ސެޕްޓެންބަރު 18ވަނަ ދުވަހުރޭ ރަސްމީކޮށް އިފުތިތާޙުކުރެވުނު ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ކިޔެވުން ކުރިއަށް ދިޔައީ ސެޕްޓެންބަރު މަހު 19 އިން ފެށިގެން 26 ވަނަ ދުވަހުގެރޭގެ ނިޔަލަށް، ސަލްމާނު ރަސްގެފާނު މިސްކިތުގެ ދެ ފަންގިފިލާއެއްގައި، އެއްފަހަރާ ދެ ގޮފީގެ ކިޔެވުމަށް އިންސާފުކުރެވޭ އުސޫލޫންނެވެ. އަތޮޅު ކައުންސިލްތަކާއި ސިޓީ، ސްކޫލުތަކުގެ އިތުރަށް، ކްލަބު ޖަމްޢިއްޔާތަކާއި، ޤުރްއާންކުލާސްތަކާއި ކޮލެޖް/ޔުނިވަރސިޓީތަކުގެ ގޮތުގައި 119 މުއައްސަސާއަކުން ޖުމުލަ 1،023 ބައިވެރިން މުބާރާތުގައި ކިޔަވައިފައިވެއެވެ.