ENGLISH
26 އޮކްޓޯބަރު 2025
އައްޑޫ ސިޓީގައި ނަގާ ވޯޓުގެ ވޯޓާސް ލިސްޓު އާއްމުކޮށް، ޝަކުވާއަށް ހުޅުވާލައިފި
11 އޮކްޓޯބަރު 2025
|
އޮކްޓޫބަރު 25 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ އާއްމު ވޯޓުގައި ވޯޓުދިނުމަށް ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ އާއްމުކޮށް ޝަކުވާއަށް ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓާސް ލިސްޓް ގެޒެޓުކޮށް، އެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓް އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ އަވަށްތަކުގެ އޮފީސްތަކުގައި އާއްމުން ފެންނަން ހުންނާނެ ކަމަށެވެ.
ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހުން ފެށިގެން އޮކްޓޫބަރު 12 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ޝަކުވާ ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުން ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ބޭނުންވާ ކަމަށް އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން، އައްޑޫ ސިޓީގެ ރައްޔިތުން އެދޭ ގޮތާއި، ރައްޔިތުންގެ ޚިޔާލު ހުރިގޮތް ދެނެގަތުމަށްޓަކައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން، އައްޑޫ ސިޓީގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފަ އެވެ.
ވޯޓާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ވޯޓްގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށެވެ. އަދި ސަރުކާރުން އިޚްތިޔާރު ކުރާ ވަކި ނަތީޖާއެއް ނެތް ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ ރައްޔިތުންގެ މެޖޯރިޓީ އިން ނިންމަވާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން އެ ސިޓީގެ ބައެއް ރައްޔިތުން ވަކާލާތު ކުރާތާ އަހަރުތަކެއް ވެއްޖެއެވެ.