ENGLISH

26 އޮކްޓޯބަރު 2025

Advertisement

ފްލެޓް ލިބުމުން ބޮޑުއަގުގައި ކުއްޔަށް ދޭނަމަ އެއްބަސްވުން ބާތިލްކޮށް ދައުލަތަށް ނަގަނީ

11 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ އެފްޑީސީގެ ފްލެޓްތައް. އެއްބަސްވުމާ ހިލާފުވާނަމަ ފްލެޓްތައް އަތުލާނެ.

ސޯޝަލް ހައުސިން ސްކީމްގެ ދަށުން ސަރުކާރުން ދޫކުރާ ފްލެޓްތައް ބޮޑުއަގުގައި ކުއްޔަށް ދިނުންފަދަ އެއްބަސްވުމާ ޚިލާފު ކަންކަން ހިނގާ ނަމަ، އެފަދަ ތަންތަނާއެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށް، އެތަންތަން ދައުލަތަށް ނަގަން ސަރުކާރުން ނިންމާފައިވާކަމަށް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. 

ވަޒީރު މިފަދައިން ވިދާޅުވީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ދޫކުރާ ފްލެޓްތައް ކުއްޔަށްދޭތީ އެކަމާ ގުޅޭގޮތުން އާއްމުންގެ ފާޑުކިޔުން ބޮޑުވެފައިވަނިކޮށެވެ. 

ވަޒީރު "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ސަރުކާރުގެ އިޖްތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒްކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމުގައިވާތީ، އެތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށްވެސް އަދި އެހެން ބޭނުމަކަށްވެސް ބޭނުންކުރުމަކީ ސަރުކާރުން ޤަބޫލުކުރާ ކަމެއްނޫން ކަމަށެވެ. 

"އެހެންކަމުން އެއްބަސްވުންތަކާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތްނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން، ސޯޝަލް ހައުސިންގގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަކަށް ފެށުމަށް މިމިނިސްޓްރީން މިއަންނަނީ މަސައްކަތް ކުރަމުންނެވެ." - ވަޒީރު ޢަބްދުﷲ މުއްޠަލިބް 

މީސްމީޑިއާގައި އާއްމުވެފައިވާ ބައެއް ޕޯސްޓުތަކުން ފެންނަ ގޮތުގައި އެފްޑީސީން ދާދިފަހުން ދޫކުރި ތިން ކޮޓަރީގެ ފްލެޓެއް ވަނީ 25،000 ރުފިޔާއަށް ކުއްޔަށްދޭން އިޝްތިހާރުކޮށްފައެވެ. 

ބޮޑު އަގުގައި ފްލެޓްތައް ކުއްޔަށް ދޭން ޖެހިއިރު، ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް ސަރުކާރުން ނަގަނީ އެކު ޖުމްލަ 8000 ރުފިޔާ އެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު ދައްކަން ޖެހެނީ 10،500 ރުފިޔާއެވެ. 

ފްލެޓްތައް ކުއްޔަށްދޭ މައްސަލައާ ގުޅިގެން މިއަދު އެފްޑީސީން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ކޯޕަރޭޝަނުން އާއްމުކުރި ބަޔާނުގައި ބުނީ، އެއްބަސްވުމާ ހިލާފުވާ ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި، ސޯޝަލް ހައުސިންގެ ދަށުން ލިބިފައިވާ ފްލެޓްތައް ކުއްޔަށް ދިނުމަކީ އެއްބަސްވުމުގެ ދަށުން މަނާ ކަމެއްކަމުގައި ބުނެފައިވެއެވެ. 

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވެސް ވަނީ ފްލެޓްތައް ކުއްޔަށް ދޭނަމަ އެ ފްލެޓްތަކުގެ އެއްބަސްވުން ބާތިލްކޮށް ފްލެޓް އަތުލާނެކަމަށް ވިދާޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު