ENGLISH

17 އޮކްޓޯބަރު 2025

Advertisement

ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުމުގައި ވާގޮތަށް ފިޔަވަޅު އަޅާނަން: އެފްޑީސީ

11 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

އެފްޑީސީގެ ފްލެޓްތައް. ފޮޓޯ: ޕީއެސްއެމް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދޫކުރާ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ފިޔަވަޅު އަޅާނެކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ. 

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ  4000 ފްލެޓް ލިބުނު މީހުންނަށް މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން ވަނީ ތަޅުދަނޑި ހަވާލުކުރަން ފަށައިފައެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 78 މީހަކާ ތަޅުދަނޑި ހަވާލުކޮށްފައިވާކަމަށް އެފްޑީސީން ބުނެފައިވެއެވެ. 

ފްލެޓްތައް ކުއްޔަށް ދިނުމުގެ މައްސަލަ ބޮޑުވެފައިވާއިރު އެކަމާ ގުޅޭގޮތުން އެފްޑީސީން މިއަދު ވަނީ ނޫސްބަޔާނެއް އާއްމުކޮށްފައެވެ. އެފްޑީސީގެ ބަޔާނުގައި ބުނީ އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަށްޓަކައި މަސައްކަތްކުރާކަމުގެ މައުލޫމާތު އެ ކޯޕަރޭޝަނަށް ލިބިފައިވާ ކަމަށެވެ. އެއީ އެއްބަސްވުމުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އެއްބަސްވުމާ ޚިލާފު ކަމެއްކަމުގައި އެފްޑީސީން ބުނެފައިވެއެވެ. 

އެފްޑީސީން ބުނީ ލިބުނު ފްލެޓްތަކުގައި ދިރިއުޅެން ޖެހޭނީ ފްލެޓް ލިބުނު މީހުން ކަމަށެވެ. މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މިހާރު އަންނަނީ ބޮޑު އަގުގައި އެ ފްލެޓްތައް ކުއްޔަށްދޭން ޖަހަމުންނެވެ. އެ މައްސަލައާ ގުޅިގެން އާއްމުންގެ ފާޑުކިޔުން ވަނީ ބޮޑުވެފައެވެ. 

"އަދި، އެއާ ހިލާފަށް ޔުނިޓް ލިބޭ ފަރާތުން އަމަލުކޮށްފިނަމަ އެކަމެއް ބަލައި ޔުނިޓުގެ ވެރިފަރާތާ އެފްޑީސީއާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެފަރާތާމެދު ފިޔަވަޅު އަޅާނެކަމުގައި ދަންނަވަމެވެ" - އެފްޑީސީން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވެއެެވެ. 

ފްލެޓްތައް ކުއްޔަށްދޭނަމަ އެ ފްލެޓްތައް އަތުލާނެކަމަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވެސް މިއަދު ވަނީ ވިދާޅުވެފައެވެ. ހަމްދާން ވިދާޅުވީ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ދޫކުރަމުންދާ ފްލެޓްތަކަކީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަން ދީގެން ދޫކުރާ ފްލެޓްތަކެއް ކަމަށެވެ. 

"އެއްބަސްވުމާ ޚިލާފަށް ފުލެޓު ކުއްޔަށް ދޭ ނަމަ، ފްލެޓު ކުއްޔަށް ދޭ ފަރާތްތައް ހޯދާ އެއްބަސްވުމުގައި ވާ ގޮތުގެ މަތިން އެ ފަރާތްތަކާއި އެކު ހެދިފައިވާ އެއްބަސްވުން ބާޠިލްކޮށް ފްލެޓް އަތުލެވޭނެ ވާހަކަ ދަންނަވަން. " - އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް

އާއްމުވެފައިވާ ބައެއް ޕޯސްޓްތަކުން ފެންނަ ގޮތުގައި ތިން ކޮޓަރީގެ ފްލެޓެއް ވަނީ 25،000 ރުފިޔާއަށް ކުއްޔަށްދޭން އިޝްތިހާރުކޮށްފައެވެ. 

ބޮޑު އަގުގައި ފްލެޓްތައް ކުއްޔަށް ދޭން ޖެހިއިރު، ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް ސަރުކާރުން ނަގަނީ އެކު ޖުމްލަ 8000 ރުފިޔާ އެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު ދައްކަން ޖެހެނީ 10،500 ރުފިޔާއެވެ. 

އެފްޑީސީން ވަނީ އެއްބަސްވުމުގައި ވާގޮތަށް އަމަލުކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. އަދި، ސޯޝަލް ހައުސިން ސްކީމްތަކުގެ މަގްސަދު ހާސިލުކޮށް އެކަމުގެ ހައްގުވެރިންނަށް ފައިދާ ކުރާނެ ގޮތަކަށް ސްކީމްތައް ހިންގުމަށް އެފްޑީސީން އަބަދުވެސް މަސައްކަތް ކުރާނެކަމަށް އެ ކޯޕަރޭޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު