ENGLISH

17 އޮކްޓޯބަރު 2025

Advertisement

އޭއައި ބޭނުންކޮށްގެން ކިޔަވައިދޭން ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށަނީ

11 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ޕްރިންސިޕަލުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގައި ކުރިއަރާފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކިޔަވައިދޭނެ ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް އަންނަ އަހަރު ފެއްޓެވުމަށް ނިންމަވާފައިވާކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. 

ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު މިފަދައިން ވިދާޅުވީ މިއަދު ކްރޮސްރޯޑްސްގައި ފެށި ޕްރިންސިޕަލުންގެ މަހާސިންތާގައި ވާހަކަދައްކަވަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފްވެރިކޮށްދެއްވި މަހާސިންތާ ހުޅުވުުމުގެ ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ، އަންނަ އަހަރު ފަށާ އެ ބޮޑު ޕްރޮގްރާމާއެކު ހުރިހާ މާއްދާއެއް އޭއައި ބޭނުންކޮށްގެން ކިޔަވައިދެވޭގޮތަށް ޓީޗަރުން ތަމްރީނުކުރައްވާނެ ކަމަށެވެ. 

ކްރޮސްރޯޑްސްގައި ކުރިއަށްދާ ޕްރިންސިޕަލުންގެ ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

މުވައްޒަފުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، އަންނަ އަހަރު އޭއައި ބޭނުންކޮށްގެން އެކި މާއްދާތައް ކިޔަވައިދިނުމަށް ބޭނުންވާ އުކުޅުތަކާއި ފަންނީ ޤާބިލްކަން މަތިކުރުމަށްޓަކައި ޓްރެއިނިންތައް ދޭން ފައްޓަވާނެ ކަމަށެވެ. 

"އަންނަ އަހަރު އޭއައި ދާއިރާ އިން ޓީޗަރުން ތަމްރީނު ކުރުމަށްޓަކައި ބޮޑު ކެމްޕޭނެއް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ރޯދަ މަހު ޕްރޮފެޝަނަލް ޑިވެލޮޕްމެންޓަށް އެކަށީގެންވާ ކަންކަން ހިމަނާފައި ވާނީ" ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ. 

ވަޒީރު އިތުރަށް ވިދާޅުވީ، މުސްތަގްބަލުގެ ޖީލު ބައްޓަންކުރަންވާނީ ޓެކްނޮލޮޖީއަށް އަހުލުވެރި ބައެއް ގޮތުގައި ކަމަށެވެ. 

ސަރުކާރުގެ އަމާޒަކީ ތަޢުލީމީ ނިޒާމުގެ ތެރެއިން އެއްވެސް ކުއްޖަކު ބާކީ ނުވުންކަމަށާއި، ތަޢުލީމީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކުގެ މަސައްކަތް މިހާރު ކުރައްވަމުންގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކަރިކިއުލަމް ތަކަށް ގެންނަންޖެހޭ ބަދަލުތަކުގެ މެޕިން މަސައްކަތް ނިމިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، ތަޢުލީމީ ނިޒާމުގައި ދިމާވެފައިވާ ފެންވަރު ރަނގަޅު ޓީޗަރުން ނުލިބުމުގެ މައްސަލައަށް ހައްލު ގެނައުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މަސައްކަތް ކުރައްވާ ޕްރިންސިޕަލުންނަށް ހާއްސަކޮށްގެން ބާއްވާ "ޕްރިންސިޕަލް ކޮންފަރެންސް 2025" ގައި 210 ޕްރިންސިޕަލުން ބައިވެރިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު