ENGLISH
17 އޮކްޓޯބަރު 2025
އިލްމު ފޯރުކޮށްދިނުމަކީ ޙިކުމަތްތެރިކަމާއި ޒިންމާދާރުކަން އަށަގަންނުވާ ކަމަކަށް ވާންޖެހޭ: ނައިބު ރައީސް
11 އޮކްޓޯބަރު 2025
|
ރައީސުލްޖުމްހޫރިއްޔާގެ ނައިބު "ސެމިނަރ އޮން އިސްލާމިކް ލީޑަރޝިޕް އެންޑް އިންޓަރގްރޭޝަން އޮފް ނޮލެޖް" އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
ޢިލްމު ފޯރުކޮށްދިނުމަކީ ހަމައެކަނި މަޢުލޫމާތު ބަދަލުކުރުން ނޫން ކަމަށާ، އެއީ އެކަމުގެ ތެރެއިން ޙިކުމަތްތެރިކަމާއި ޒިންމާދާރުކަން އަށަގަންނުވާ ކަމަކަށްވެސް ވާންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިފަދައިން ވިދާޅުވީ މިއަދު ރަސްމީކޮށް ފެށި، "ސެމިނަރ އޮން އިސްލާމިކް ލީޑަރޝިޕް އެންޑް އިންޓަރގްރޭޝަން އޮފް ނޮލެޖް" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ތިން ދުވަހުގެ މުއްދަތަށް ސެމިނަރ ކުރިއަށްދަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައެވެ.
ސެމިނަރ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތަޢުލީމީ ދާއިރާ ހަރުދަނާ ކުރެއްވުމަށާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީ ކުރެއްވުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި، ޢިލްމާއި ރިވެތި އަޚްލާޤުގެ މައްޗަށް ބިނާވެފައިވާ މުޖްތަމަޢެއް ބިނާކުރުމަކީ، ޤައުމު ކުރިއެރުވުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގައި އިތުރަށް ވިދާޅުވީ، ސެމިނަރއަކީ، ޚުލްޤު ހެޔޮ، ޤާބިލު ލީޑަރުން ބިނާކުރުމުގެ ޤައުމީ ތަޞައްވުރާއި ވަރަށް ބޮޑަށް ގުޅިފައިވާ، އަދި އީމާންކަމާއި، ޢިލްމާއި، އަޚްލާޤު ޝާމިލުވަނިވި ތަޢުލީމަށް ހިތްވަރު ދޭ ސެމިނަރއެއް ކަމަށެވެ.
އިސްލާމީ ލީޑަރޝިޕްގެ މައުލޫމާތު އިތުރުކުރުމާއި، ޢިލްމާއި ޒުވާނުންގެ ލީޑަރޝިޕް އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި ބާއްވާ މި ސެމިނަރގައި ދިވެހިރާއްޖެއާއި ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.
ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް)، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައި.އައި.ޔޫ.އެމް) އާއި، އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް (އައި.އައި.އައި.ޓީ) ގުޅިގެން މިފަދަ ސެމިނަރއެއް ކުރިއަށް ގެންދެވުމަކީ، އިސްލާމީ ޤައުމުތަކުގެ އެއްބައިވަންތަކަމާއި، އެއް އަމާޒަކަށް މިޞްރާބު ހިފާފައިވާކަމުގެ ރަމްޒެއް ކަމުގައި ވިދާޅުވިއެވެ.
އިސްލާމީ އަދި އިންސާނީ އުޞޫލުތައް ކުރިއަރުވައި، ޖަމާޢަތްތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރާ މިފަދަ މަސައްކަތްތަކަކީ ރާއްޖެއިން ބަލައިގަންނަ ކަމެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.