ENGLISH
17 އޮކްޓޯބަރު 2025
ޕްރައިވެޓް ހޮސްޕިޓަލްތަކަށް ސެޕްޓެމްބަރު މަހު އެންސްޕާއިން 8.59 މިލިއަން ރުފިޔާގެ އެހީ ހަމަޖައްސައިދީފި
11 އޮކްޓޯބަރު 2025
|
ރާއްޖޭގައި ހިންގާ ޓްރީޓޮޕް ޕްރައިވެޓް ހޮސްޕިޓަލް - ފޮޓޯ: ޓްރީޓިޕޮޕް
ބޭސްފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން، ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން އެނދުމަތިކޮށްގެން ހޯދާފައިވާ ފަރުވާތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން 8.59 މިލިއަން ރުފިޔާގެ އެހީ މިދިޔަ ސެޕްޓެމްބަރު ހަމަޖައްސައިދީފައިވާކަން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އެންމެ ފަހުގެ ތަފާސްހިސާބުން ދައްކައިފިއެވެ.
އެ އިދާރާއިން އިއްޔެ އާއްމުކުރި ތަފާސްހިސާބުގައި ވަނީ ސެެޕްޓެމްބަރު މަހު ރާއްޖޭގެ ޕްރައިވެޓް އެންމެ ބޮޑު ދެ ހޮސްޕިޓަލް ކަމަށްވާ އޭޓީކޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލުގައި ކުރި ފަރުވާއަށް ހަމަޖައްސައިދީފައިވާ ފައިސާގެ އަދަދުތައް ހާމަކޮށްފައެވެ.
އެންސްޕާގެ ތަފާސްހިސާބުގައި ބުނެފައިވާގޮތުން އޭޑީކޭ ހޮސްޕިޓަލުން ކުރި ފަރުވާއަށް މިދިޔަ މަހު 3،603،816.41 (ތިން މިލިއަން ހަ ލައްކަ ތިން ހާސް އަށްސަތޭކަ ސޯޅަ ރުފިޔާ / ސާޅީސް އެއްލާރި) ހަމަޖައްސައިދީފައިވެއެވެ. އަދި، ޓްރީޓޮޕް ހޮސްޕިޓަލުން ކުރި ފަރުވާގެ ޚަރަދަށް 4،991،166.41 (ހަތަރު މިލިއަން ނުވަ ލައްކަ ނުވަދިހަ އެއްހާސް އެއްސަތޭކަ ފަސްދޮޅަށް ހަ ރުފިޔާ / ސާޅީސް އެއްލާރި) ވަނީ ހަމަޖައްސައިދީފައެވެ.
އެންސްޕާގެ ތަފާސްހިސާބުގައި ވާގޮތުން ޕްރައިވެޓް ދެ ހޮސްޕިޓަލަށް ޖުމްލަ 8،594،982.82 (އަށް މިލިއަން ފަސް ލައްކަ ނުވަދިހަ ހަތަރު ހާސް ނުވަސަތޭކަ އަށްޑިހަ ދެ ރުފިޔާ / އައްޑިހަ ދެލާރި) ހަމަޖައްސައިދީފައިވެއެވެ.
ސެޕްޓެމްބަރު މަހުގެ 8.59 މިލިއަން ރުފިޔާގެ ހަމަޖައްސައިދިނީ 479 ކޭސްއަށެވެ. އެއީ އޭޑީކޭގެ 170 ކޭސް އާއި ޓްރީޓޮޕްގެ 309 ކޭސް އެވެ.
ޓްރީޓޮޕް ހޮސްޕިޓަލަށް އެންމެ ގިނައިން އެހީ ހަމަޖައްސައިދިނީ ކުޑަކުދިންގެ ބަލިތަކަށެވެ. އެގޮތުން ކުޑަކުދިންގެ 25 ކޭސްއަށް 1.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަމަޖައްސައިދިނެވެ. ޓްރީޓޮޕް ހޮސްޕިޓަލަށް ހަމަޖައްސައިދިން އެހީގެ ތެރެއިން ދެން އެންމެ ގިނައީ 9 ލައްކަ ހަރަދުވި ކަށީގެ ބަލިތަކާއި 6.7 ލައްކަ ހަރަދުވި ވިހެއުމާ ގުޅޭ ކޭސްތަކެވެ.
އޭޑީކޭ ހޮސްޕިޓަލަށް ބަލާއިރު، ކާޑިއޯވެސްކިއުލަރ 16 ކޭސްއަށް 1.08 މިލިއަން ރުފިޔާގެ އެހީ ހަމަޖައްސައިދިނެވެ. އޭގެއިތުރުން ހައްލައްކައަށް ވުރެ ބޮޑު އަދަދެއް، މައިބަދަ / ނާރުގެ ބަލިތަކަށް ހަމަޖައްސައިދިންއިރު ކަށީގެ ބަލިތަކަށް 4.8 ލައްކަ ރުފިޔާގެ އެހީ ހަމަޖައްސައިދިނެވެ.
އިތުރު ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު، ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް އެސިސްޓިވް ޑިވައިސްތަކުގެ ގޮތުގައި 3.3 މިލިއަން ރުފިޔާގެ އެހީ އެންސްޕާއިން ވަނީ ހަމަޖައްސައިދީފައެވެ. އެގޮތުން އެންސްޕާއިން ހާމަކޮށްފައިވާ ތަފާސްހިސާބުގައި ބުނެފައިވަނީ އެސިސްޓިވް ޑިވައިސްތަކަށް 3،323،632.39 (ތިން މިލިއަން ތިންލައްކަ ތޭވީސް ހާސް ހަސަތޭކަ ތިރީސް ދެ ރުފިޔާ / ތިރީސް ނުވަ ލާރި) ހަމަޖައްސައިދީފައިވާ ކަމަށެވެ.
މާލީ އެހީގެ އެ ޚަރަދުގައި ގޮތުގައި އެންމެ ގިނައިން ހޭދަކޮށްފައިވަނީ ހިއަރިން އެއިޑަށެވެ. ދެން އެންމެ ބޮޑު ޚަރަދެއް ކުރީ ބައިޕެޕް މެޝިން އަދި މާސްކުގެ އިތުރުން ވީލްޗެއަރ އަށެވެ.
އެންސްޕާއިން އަންނަނީ ކޮންމެ މަހަކު ވެސް ބޭސްފަރުވާގެ އެހީ ފޯރުކޮށްދޭ އަދަދުތައް ހާމަކުރަމުންނެވެ. ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރުވާއަށް ކޮންމެ މަހަކު ވެސް މާލީ ބޮޑު އެހީތެރިކަމެއް އެންސްޕާއިން އަންނަނީ ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ.