ENGLISH

17 އޮކްޓޯބަރު 2025

Advertisement

ޓެކްސްގެ އާމްދަނީ އިތުރުވެއްޖެ، މިއަހަރުގެ ފުރަތަމަ ނުވަ މަހު 20 ބިލިއަން ރުފިޔާ

11 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

މިއަހަރުގެ ފުރަތަމަ ނުވަ މަހު ޓެކްސް އާމްދަނީގެ ގޮތުގައި 20 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

މީރާއިން އާއްމުކުރި މަޢުލޫމާތުން އެނގޭ ގޮތުގައި އަހަރުގެ މިހާތަނަށް ލިބުނު 20 ބިލިއަން ރުފިޔާއަކީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެ ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަހު ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނީ 18 ބިލިއަން ރުފިޔާއެވެ. 

ޓެކްސްގެ އާމްދަނީ އިތުރުވުމުގައި، ދައުލަތުގެ އާމްދަނީ ހިއްސާވާ ބައެއް ޓެކްސްތަކަށް ގެނައި ބަދަލުތަކާއި، އާމްދަނީ އިތުރުވާގޮތަށް ނިންމާފައިވާ ބައެއް ނިންމުންތައް ހިމެނެއެވެ. ސަރުކާރުން މިހާރު ވަނީ ގްރީން ޓެކްސް އާއި ޑިޕާޗާ ޓެކްސް އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޓީޖީއެސްޓީ ބޮޑުކޮށްފައެވެ. 

މުހިއްމު ޓެކްސްތަކުގެ ތެރެއިން ހުރިހާ ޓެކުހެއްގައި ވެސް މިދިޔަ އަހަރަށް ވުރެ މިއަހަރު ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފައެވެ. އެގޮތުން މިދިޔަ އަހަރު ޑިޕާޗާ ޓެކްސްގެ ގޮތުގައި 869 މިލިއަން ރުފިޔާ ލިބުނުއިރު، މިއަހަރު ވަނީ 1.4 ބިލިއަން ރުފިޔާ ލިބިފައެވެ. 

ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަހުން ލިބުނީ 808 މިލިއަން ރުފިޔާއެވެ. މިއަހަރު ވަނީ އެ އަދަދު 1.7 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. 

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ލިބިފައިވަނީ 887 މިލިއަން ރުފިޔާއެވެ. މިއަހަރު ވަނީ އެ އަދަދު 1.4 ބިލިއަން ރުފިޔާއަށް އަރައިފައެވެ. 

ދައުލަތަށް އެންމެ ގިނައިން ފައިސާ ވަންނަ ޓީޖީއެސްޓީގެ ގޮތުގައި އަހަރުގެ މިހާތަނަށް 8.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ މިދިޔަ އަހަރަށް ވުރެ އެއް ބިލިއަން ރުފިޔާ ބޮޑު އަދަދެކެވެ. 

މިދިޔަ ސެޕްޓެމްބަރު މަހަށް ބަލާއިރު ޓެކްސްގެ ގޮތުގައި ތިން ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ ޓެކްސްގެ އާމްދަނީއާއި އެހެނިހެން ފީތައް ހިމެނޭހެން ދައުލަތަށް ލިބިފައިވާ އަދަދެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 31 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. 

ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރެއިން މި އަހަރުގެ ފުރަތަމަ ނުވަ މަހު 851 މިލިއަން ޑޮލަރު މީރާއަށް ވަދެފައިވާކަމަށް އެ އިދާރާގެ ތަފާސްހިސާބުން ދައްކައެވެ. ދައުލަތަށް ލިބޭ އާމްދަނީގެ 79 އިންސައްތަ އާމްދަނީ ލިބެނީ ޑޮލަރުންނެވެ. 

ކިޔުންތެރިންގެ ހިޔާލު