ENGLISH
17 އޮކްޓޯބަރު 2025
300 އަށް ވުރެ ގިނަ ބައިވެރިންނާއެކު "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް" ފަށައިފި
11 އޮކްޓޯބަރު 2025
|
އެކައުންޓެންޓްސް ފޯރަމް 2025 ފެށުން. ފޮޓޯ: ފަޔާޒް މޫސާ / މިހާރު ނިއުސް
އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ) އިން އިންތިޒާމުކުރާ "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2025"، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި މިއަދު ފަށައިފިއެވެ.
ފޯރަމްގައި ރާއްޖޭގައި މަސައްކަތްކުރާ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ އިތުރުން މާލީ އަދި ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުން ބައިވެރިވަޑައިގަންނަވައެވެ. ފޯރަމް ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަކަށެވެ.
އެކައުންޓެންޓުންގެ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރެވެ.
މިއަހަރުގެ ފޯރަމްގެ ޝިއާރަކީ "ސްޓްރެންތެނިން ފައިނޭންޝިއަލް ގަވަރނެންސް އެންޑް އެކައުންޓަބިލިޓީ" އެވެ.
ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، މާލީ ނިޒާމު ހަރުދަނާކޮށް ދަމަހައްޓައިދެނީ އިތުބާރު ކަމަށާއި، އެ އިތުބާރު ފެށިގެން އަންނަނީ އެކައުންޓެންޓުންނާ ހަމައިން ކަމަށެވެ. އިތުބާރާއެކު މަޢުލޫމާތު ޙިއްޞާކުރުމުން ބޭންކުތަކަށް ދަރަނި ދޫކުރަން މަގުފަހިވެ، އިންވެސްޓަރުންގެ ނިންމުންތައް ރަނގަޅަށް ނިންމަން ފަސޭހަވެގެންދާނެ ކަމަށެވެ.
ވަޒީރު ވިދާޅުވިގޮތުގައި "ސީއޭ މޯލްޑިވްސް" މުހިއްމުވަނީ އެއީ ހަމައެކަނި ރެގިއުލޭޓްކުރާ ބޮޑީއަކަށް ވުމުން ނޫންކަމަށާއި، އެއީ އިތުބާރާއި ނަޒާހާތްތެރިކަން ދަމަހައްޓާ ބެލެނިވެރިޔާކަމަށް ވުމުން ކަމަށެވެ.
މިއަހަރުގެ ފޯރަމްގައި ވެސް ފަންނީ ގިނަ މަޝްވަރާތަކެއް ކުރެވިގެންދާނެއެވެ. އޭގެތެރޭގައި އިންޓަރނަލް އޮޑިޓް ފަންކްޝަން ހަރުދަނާކުރުމުގެ އިތުރުން ސަރުކާރުގެ މާލީ ހިސާބުތައް އެކްރޫއަލް ބޭސިސްއަށް ބަދަލުކުރުމާއި، ލިކުއިޑިޓީ އަދި ފިސްކަލް މެނޭޖްމަންޓްގެ ގޮންޖެހުންތައް މަޝްވަރާކުރާއި، ސަސްޓެއިނަބިލިޓީ ރިޕޯޓިން، ޑިޖިޓަލް ޓްރާންސްފޮމޭޝަން އަދި އާޓިފިޝަލް އިންޓެލިޖެންސް އާއި ސައިބަރ ސެކިއުރިޓީއާ ގުޅޭ މަޝްވަރާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މުހިއްމު ދާއިރާތަކުގެ މަޝްވަރާގެ އިތުރުން، ދުނިޔޭގެ އިޤްތިޞާދުގައި ހިނގާފައިވާ މުހިއްމު ކަންކަމާއި ގުޅޭގޮތުން ފޯރަމްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފޯރަމްގެ ސްޕޮންސަރުންނަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ދިރާގު އަދި އެސްޓީއޯ އެވެ.