ENGLISH
17 އޮކްޓޯބަރު 2025
15 އަހަރުގެ ދިގު އިންތިޒާރަށް ނިމުން، ދަރިވަރުންނަށް ކޭމްޕިންގ ސައިޓެއް ސަރުކާރުން ހަމަޖައްސައިދީފި
11 އޮކްޓޯބަރު 2025
|
ކޭމްޕިން ސައިޓް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް
މާލެ ސަރަޙައްދުގައި ދަރިވަރުން ކޭމްޕް ދާނެ ހަމަނުޖެހި ދިގުލައިގެން ދިޔަ 15 އަހަރަށް ފަހު، ދަރިވަރުންނަށް ހާއްސަކޮށްގެން ސަރުކާރުން ކްރޮސްރޯޑްސްގައި ތަރައްޤީކުރި ކޭމްޕިން ސައިޓް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ކޭމްޕިން ގްރައުންޑް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މާލެ ސަރަޙައްދުގައި ކުދިން ކޭމްޕުކުރަން މީގެކުރިން ބޭނުންކުރަމުން އައީ ފޭދޫ ފިނޮޅެވެ. މީގެ 8 ވަރަކަށް އަހަރު ކުރިން އެރަށް ވަނީ ރިސޯޓް ހަދަން ދޫކޮށްފައެވެ.
ކްރޮސްރޯޑްސްގައި ތަރައްޤީކުރި ކޭމްޕިން ގްރައުންޑް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަނީ. ފޮޓޯ: ރައީސް އޮފީސް
ކްރޮސްރޯޑްސްގެ ތިން ހެކްޓަރުގެ އެ ސަރަޙައްދުގައި، މިސްކިތަކާއި، ފަސްޓް އެއިޑް ކޮޓަރީގެ އިތުރުން އިދާރީ ކަންކަމަށް ހާއްސަ ޖާގައަކާއި ކުދިންނަށް ބޭނުންކުރެވޭނެ ތަންތަން ތަރައްޤީކޮށްފައިވެއެވެ. ކޭމްޕިން ސައިޓް ތަރައްޤީކުރީ ކްރޮސްރޯޑްސްގެ އިޖުތިމާއީ އެހީގެ ޒިންމާގެ ދަށުންނެވެ.
ރަސްމީކޮށް އެތަން ހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީޢު ވިދާޅުވީ، މާލެ ސަރަޙައްދުގައި ދަރިވަރުން ކޭމްޕުކުރާނެ ރަނގަޅު ތަނެއް ނެތި 15 އަހަރު ވޭތުވެފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ ކޭމްޕިން ސައިޓާއެކު ޔުނިފޯމް ބޮޑީސްގެ ގޮތުގައި ހަރަކާތްެރިވާ ކެޑޭޓާއި ސްކައުޓް އަދި ގާލް ގައިޑް ދަރިވަރުންނަށް އެ ސައިޓުގައި ހަރަކާތްތައް ކުރިއަށްގެންދެވޭނެ ކަމަށެވެ. ޔުނިފޯމް ބޮޑީސް ނޫނަސް ތައުލީމީ ދާއިރާގެ މުހިއްމު ކަންކަމުގައި އެތަން ބޭނުންކުރެވޭނެކަމަށް ވަޒީރު އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
ކޭމްޕިން ގްރައުންޑް ސަރަހައްދު ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަނީ. ފޮޓޯ: ރައީސް އޮފީސް
"ފަނަރަ އަހަރަށް ފަހުގައި ދަރިވަރުންނަށް އެކިއެކި ހުނަރާއި ގާބިލިއްޔަތުތައް ދީ، އެ ކުދިންނަކީ އެއީ އެކިއެކި ހުނަރުތައް ލިބިފައިވާ ކުދިންގެ ގޮތުގައި ބައްޓަން ކުރުމަށްޓަކައި އަޅުގަނޑުމެންގެ ޔުނިފޯމް ބޮޑީސް. ކެޑޭޓް، ސްކައުޓް އަދި ގާލްގައިޑް ހަރަކާތްތަކަކީ މުހިއްމު ހަރަކާތްތަކެއް ކަމަށް މަނިކުފާނު ގަބޫލުކުރައްވަނީ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ މުޚާތަބުކުރައްވައި ވަޒީރު ވިދާޅުވިއެވެ.
ކްރޮސްރޯޑްސްގައި ދަރިވަރުންނަށް ހާއްސަކޮށްގެން ކޭމްޕިން ސައިޓެއް ތަރައްޤީކުރުމާއެކު، ތަޢުލީމީ ދާއިރާގައި ދަރިވަރުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށް ކުރިއެރުން ލިބިގެންދާނެއެވެ. މާލެ ސަރަޙައްދުގައި އެފަދަ ތަނެއް ސަރުކާރުން ހަމަޖައްސައިދީފައި ނެތުމަކީ އެކަމުގައި މީގެކުރިން ގޮންޖެހުންތައް ބޮޑުވި ކަމެކެވެ.