ENGLISH
10 އޮކްޓޯބަރު 2025
ވޯލްޑް ކޮންޒަރވޭޝަން ކޮންގްރެސް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ޚަލީލް ބައިވެރިވެވަޑައިގެންފި
10 އޮކްޓޯބަރު 2025
|
އިންޓަރނޭޝަނަލް ޔޫނިއަން ފޯރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައިޔޫސީއެން) އިން ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި ބޭއްވި ވޯލްޑް ކޮންޒަވޭޝަން ކޮންގްރެސް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ.
ވޯލްޑް ކޮންޒަވޭޝަން ކޮންގްރެސް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ދުނިޔޭގެ އެކި ގައުމުތަކުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން މި ރަސްމިއްޔާތުގައި ޕަލާއުގެ ރައީސް ސުރަންގެލް ވިޕްސް، އެކުވެރި ޔޫއޭއީގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަމަންޓް ޑރ. އަމީނާ ބިންތި އަބްދުﷲ އަލް ދައްހަކް، ޕެނަމާގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޚުއާން ކަރލޯސް ނަވާރޯ އަދި އައި.ޔޫ.ސީ.އެން.ގެ ރައީސް ރަޒާން އަލް މުބާރަކް ތަޤްރީރުކުރެއްވިއެވެ. އަދި މީގެ އިތުރުން މި ރަސްމިއްޔާތުގައި އަބޫ ދާބީގެ ވަލީ އަޙްދު ޝެއިޚް ޚާލިދު ބިން މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އައި.ޔޫ.ސީ.އެން. އަކީ 1400 އަށްވުރެ ގިނަ މެމްބަރު ޖަމްޢިއްޔާތަކާއި 1700 އަށްވުރެ ގިނަ ތަޖުރިބާކާރުން ހިމެނޭ، ދުނިޔޭގެ އެންމެ ބޮޑު އެއް ތިމާވެށީގެ ނެޓްވޯކެކެވެ. މި ޖަމުޢިއްޔާގެ ސްޓޭޓް މެމްބަރަކަށް ދިވެހިރާއްޖެ ވެފައިވަނީ 2022 ވަނަ އަހަރެވެ.
އައި.ޔޫ.ސީ.އެން. ވޯލްޑް ކޮންޒަވޭޝަން ކޮންގްރެސްއަކީ ޤައުމުތަކުގެ ސަރުކާރުތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، އަމިއްލަ ޖަމާޢަތްތަކާއި، އަދި މި ދާއިރާގެ ތަޖުރިބާކާރުން އެއްތަނަކަށް އެއްވެ، މުހިންމު މައުޟޫޢުތަކަށް މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ މުހިންމު ފަސް ދާއިރާއަކަށެވެ. އެއީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލަތަކާއި، ބަޔޯޑައިވަރސިޓީ ރައްކާތެރިކުރުމާއި، އިޖްތިމާޢީ-އިޤްތިޞާދީ ގޮންޖެހުންތަކަށް ހައްލު ހޯދުމާއި، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމާއި މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމެވެ.