ENGLISH
10 އޮކްޓޯބަރު 2025
އަޤްޞާ މިސްކިތުގެ އިމުގެ ތެރެއަށް އިސްރާއީލުގެ ބާރުތަކުން ވަދެ ހުރުމަތް ކަނޑާލުން ސަރުކާރުން ކުށްވެރިކޮށްފި
10 އޮކްޓޯބަރު 2025
|
މަސްޖިދުލް އަޤްޞާގެ އިމުގެ ތެރެއަށް އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުގެ އެހީގައި އިސްރާއީލުގެ ވަޒަންވެރިންނާއި އޮފިޝަލުން ވަދެ އެ މިސްކިތުގެ ހުރުމަތް ކަނޑާލުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
އިސްރާއީލުން ހުއްޓުމެއް ނެތި ކުރިއަށް ގެންދަމުންދާ ލާއިންސާނީ މި ޢަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނާއި، އިސްލާމީ މުޤައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީޚީ ހައިސިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިސްރާއީލުން ކުރަމުން ގެންދާ ނޭދެވޭ އަމަލެއްކަމުގައި ދިވެހި ސަރުކާރުން ދެކެއެވެ.
އިސްރާއީލުން ކުރަމުން ގެންދާ ޣައިރު ޤާނޫނީ އަމަލުތަކާއި، އިސްލާމީ މުޤައްދަސް ތަންތަނުގެ ހުރުމަތް ކަނޑާލުމަށް ހިންގޭ އެންމެހާ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ބައިނަލް އަޤްވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ވަނީ ގޮވާލައިފައެވެ. އަދި އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުރުމަށްވެސް ރާއްޖެއިން ވަނީ ގޮވާލައިފައެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ އަސާސީ އުސޫލުތަކާ ޚިލާފަށް އަދި އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކެނޑިނޭޅި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކީ އަޅާނުލާ ދޫކޮށްލެވިގެންވާނެފަދަ އަމަލުތަކެއް ނޫން ކަމަށް ދިވެހި ސަރުކާރުން ދެކެއެވެ.
ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ. އަދި ބައިނަލްއަގްވާމީ ގާނޫނުތައް ނަގަހައްޓައި އިސްރާއީލުގެ ލާއިންސާނީ ހަމަލާތައް ހުއްޓުވައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމުގެ އިތުރުން، ޕަލަސްތީނު ރައްޔިތުންގެ ސަލާމަތާއި، އިންސާނީ ކަރާމާތާއި، އިންސާފު ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ދިވެހި ސަރުކާރުން ވަނީ ގޮވާލައިފަ އެވެ.
މަސްޖިދުލް އަޤްޞާގެ އިމުގެ ތެރެއަށް އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ވަދެ ހުރުމަތް ކަނޑާލުމުގައި އެންމެ އިސްކޮށް ހުރީ އެ ގައުމުގެ ސެކިއުރިޓީ މިނިސްޓަރެވެ.