ENGLISH
17 އޮކްޓޯބަރު 2025
އުކުޅަހުގެ މަގު ހެދުމުގެ 64 އިންސައްތަ މަސައްކަތް ނިމިއްޖެ
10 އޮކްޓޯބަރު 2025
|
އއ. އުކުޅަހުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ 64 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރަމުން، މައްސަކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނީ މިހާރު ކުރިއަށް ދަނީ މި މަޝްރޫއުގެ ދަށުން، ތާރު އެޅުމުގެ ކުރިން އަޅާ އެގްރިގޭޓް ބޭސް ކޯރސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތް ކަމަށެވެ.
އުކުޅަހު މަގު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އޮކްޓޯބަރު 19، 2022 ގަ އެވެ. މި މަޝްރޫޢުގެ ދަށުން 2،678 މީޓަރުގެ 10 މަގު ތަރައްޤީކުރުމުގެ އިތުރުން، މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމްކޮށް ސެޓްލްމަންޓް ޓޭންކުތައް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޭބަލް ޖަންކްޝަން ފޮށި ވަޅުލުމާއި، 413 އަކަމީޓަރުގެ ފޭމަންޓް ހެދުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
މީގެ އިތުރުން، މި މަސައްކަތް ނިމޭއިރު 14،453 އަކަމީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމްކޮށް، މަގު ބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ވެސް ހަރުކުރާނެއެވެ. ހަމައެއާއެކު، ކަފިހި ހުރަސް ގާއިމްކޮށް، ސްޕީޑް ބްރޭކަރު ހަރުކޮށް، މަގުމަތީގެ ރައްކާތެރިކަމަށް ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢު ނިމޭއިރު ގާއިމްކުރެވޭނެއެވެ.
މި މަޝްރޫއުގެ ދަށުން މަގުތަކުގެ މަސައްކަތް އެއްކޮށް ނިމޭއިރު، ރަށުގައި ފެން ބޮޑުވާ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީވެގެން ދިއުމާއެކު އެރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެއެވެ.
މިއީ ސަރުކާރުން 56.11 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ބިމުގެ ބޮޑުމިނުގައި 23 ހެކްޓަރު ހުންނަ އުކުޅަހަކީ އއ. އަތޮޅުގައި ދެވަނައަށް އެންމެ ބޮޑު އާބާދީ ބޮޑު ރަށެވެ. އެރަށުގައި 1100 އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ.