ENGLISH
10 އޮކްޓޯބަރު 2025
މާތްﷲ އިންސާނާ އަށް ދެއްވި މުދަލަކީ ޙުރުމަތްތެރިވެގެންވާ އެއްޗެއް: ޚުޠުބާ
10 އޮކްޓޯބަރު 2025
|
މާތް ﷲ އިންސާނާ އަށް ދެއްވި މުދަލަކީ ޙުރުމަތްތެރިވެގެންވާ އެއްޗެއް ކަމަށާއި، އެއްވެސް މީހަކު އަނެކާގެ މުދަލަށް ޙައްޤަކާ ނުލައި އަރައިގަތުމަކީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ކަމެއް ކަމަށް ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"މުދަލުގެ ޙުރުމަތް" މި މަޢުޟޫއަށް މިއަދު ދިން ޚުޠުބާގައި ވަނީ، އެއްވެސް އިންސާނަކު، އެ އިންސާނަކަށް މާތްﷲ ކަނޑައަޅުއްވާފައިވާ ރިޒުޤު ފުރިހަމަވުމުގެ ކުރީން އޭނާގެ އަޖަލާ ބައްދަލު ނުކުރާނެކަން ހަނދާންކޮށްދެއްވައިފައެވެ. ރިޒުޤު ހޯދުމަށް ރިވެތި ގޮތުގައި އެދުމަށާއި، އެއްވެސް ނަފުސެއް ރިޒުޤު ލިބުނު ލަސްވިކަމުގައި ވިޔަސް، އެ ނަފުސަކަށް ކަނޑައެޅިފައިވާ ރިޒުޤު ފުރިހަމަކޮށްފުމަށް ދާންދެން މަރުނުވާނެ ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.
މާތްﷲ އަށް ތަޤުވާވެރިވުމަށްފަހު، ރިވެތި ގޮތުގައި ރިޒުޤު ހޯދުމަށާއި، ޙަލާލު ތަކެތި ލިބިގަތުމަށްފަހު ޙަރާމް ތަކެއްޗާ ދުރުހެލިވުމަށް ވެސް ޚުޠުބާގައި ވަނީ ގޮވާލައިފައެވެ.
މުދަލުގެ ޙުރުމަތްތެރިކަމާ ގުޅޭގޮތުން ކީރިތި ރަސޫލާ صلى الله عليه وسلم ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ވިދާޅުވި ބަސްފުޅެއްގެ މާނަ މިއަދުގެ ޚުޠުބާގައި ގެނެސްދީފައިވާއިރު، އެ ބަސްފުޅުގެ މާނައިގައިވަނީ، "ހަމަކަށަވަރުން، ތިޔަބައި މީހުންގެ ލެޔާއި މުދަލާއި އަބުރަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. މިއަދު (އެބަހީ: ޢަރަފާތް ދުވަސް) ޙުރުމަތްތެރިވީ ފަދައިންނެވެ. މި މައްސަރު (އެބަހީ: ޛުލްޙިއްޖާ މަސް) ޙުރުމަތްތެރިވީ ފަދައިންނެވެ. މި ރަށް (އެބަހީ: މައްކާ) ޙުރުމަތްތެރިވީ ފަދައިންނެވެ."
މާތް ﷲ އެކަލާނގެ ދީނުގައި މުދާ ހޯދައި، އެ މުދާ މިލްކުކުރުމުގެ ހަރުދަނާ އުޞޫލުތަކެއް ކަނޑައަޅުއްވާފައިރު، ބާޠިލުގޮތުގައި މީސްތަކުންގެ މުދާ ނުކެއުމަށް އެކަލާނގެ އަމުރުކުރައްވާފައިވާ ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ. އަދި، ހެޔޮ ގޮތުގައި ވިޔަފާރިކޮށް ދިރިއުޅުން ބާއްޖަވެރިކުރާން މަސައްކަތްކުރުމަށް ވެސް އަންގަވާފައިވާކަން ވެސް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.
ޙަލާލު ގޮތުގައި މުދާ ހޯދުމަކީ، އަހަރެމެންގެ މުދަލުގައި މާތް ﷲ ބަރަކާތް ލައްވާނެ ކަމެއް ކަމަށާއި، އަދި އަހަރެމެންގެ ޢަމަލުތައް މާތް ﷲ ގެ ޙަޟުރަތުގައި ޤަބޫލުވެވޭނެ ކަމެއްގެ އިތުރުން ޙަޔާތަށް ބާއްޖަވެރިކަން ގެނެސްދޭނެ ކަމެއް ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.
ހަމައެފަދައިން، ޙަރާމްގޮތުގައި މުދާ ހޯދުމަކީ، އަހަރެމެންގެ މުދަލުގެ ބަރަކާތް ކެނޑިގެންދާނެ ކަމެއްގެ އިތުރުން ޢަމަލުތައް ޤަބޫލުވެވުމަށް ހުރަސްއެޅޭނެ ކަމެއް ކަމަށް ވެސް ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އަދި، އެކަމުގެ ސަބަބުން އެމީހެއްގެ ދިރިއުޅުމުގައި އުފާވެރިކަމާއި، ބާއްޖަވެރިކަން ނެތޭނެ ކަމަށް ވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.
ޙަރާމް ގޮތުގައި ހޯދާ ތަނަވަސްކަމަކީ، އެމީހެއްގެ ރިޒުޤު ކަމުގައި ވެއްޖެ މީހަކަށް ހުރި ގެއްލުމުގެ ވާހަކަ ބަޔާންކޮށް ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ހަރާމް ތަކެތި ކައިގެން ހެދިބޮޑުވެފައިވާ މީހަކު، ސުވަރުގެ ނުވަންނަހުއްޓެވެ. އޭނާއަށް އެންމެ އައުލާކަން ބޮޑީ ނަރަކައެވެ."
ޚުޠުބާ ނިންމާލަމުން ވަނީ، ޙަލާލު ގޮތުގައި ރިޒުޤު ހޯދާން މަސައްކަތްކުރުމަށް އިސްލާމްދީން ބާރު އަޅުއްވާފައިވާ ކަމަށާއި، މިއަދު އަހަރެމެންގެ މުޖުތަމަޢުގެ ޙާލާ މެދު ފިކުރު ހިންގާއިރު، އަހަރެމެންނާ ދިމާވާ ގިނަ ދަތިތައް ގުޅިފައިވަނީ މުދަލާ މެދު ދީނުގައި އަންގަވާފައިވާ އުޞޫލުތަކަށް އިހުމާލުވުން ކަމަށް ވެސް ބުނެފައިވެއެވެ.
އަދި، ކޮރަޕްޝަނާއި، ރިޝްވަތާއި، އަމިއްލަ މަޞްލަޙަތު އިސްކުރުމާއި، އާމްދަނީހޯދުމަށް މަސައްކަތްކުރުމަށް ފަސްޖެހުން ފަދަ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ދީނުގައި ބާރުއަޅުއްވައިފައިވާ ކަމަށް ވެސް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.