ENGLISH
10 އޮކްޓޯބަރު 2025
ތަޖިކިސްތާން އަތުން ރާއްޖެ ބަލިވެއްޖެ
09 އޮކްޓޯބަރު 2025
|
ތަޖިކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: އޭއެފްސީ.ކޮމް
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ކުޅުނު މެޗުގައި ތަޖިކިސްތާން އަތުން 2-0 އިން ދިވެހިރާއްޖެ ބަލިވެއްޖެއެވެ.
މިއީ މި ފަހަރުގެ ކޮލިފައިންގައި ރާއްޖޭން ކުޅުނު ތިންވަނަ މެޗެވެ. މި ތިން މެޗުން ވެސް ރާއްޖެ ވަނީ ބަލިވެފައެވެ. މި ތިން މެޗުވެސް ކުޅެފައިވަނީ ރަށުން ބޭރުގައެވެ. ފުރަތަމަ މެޗުގައި ފިލިޕީންސް އަތުން 4-1 އިން ބަލިވިއިރު، ދެވަނަ މެޗުގައި ޓިމޯ ލެސްޓޭ އަތުން ބަލިވީ 1-0 އިންނެވެ.
ތަޖިކިސްތާންގެ ހިސޯރް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމުން ޖެހި ދެ ލަނޑުގައިވެސް ރާއްޖޭގެ ޑިފެންސަށް ވަނީ ގޯސްތަކެއް ހެދިފައެވެ.
މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ތަޖިކިސްތާނުން ލީޑުނެގީ ރުސްތަމް ސޮއިރޯވް ދިން ބޯޅައަކުން ޝަހްރޮމް ސަމިއެވްގެ ލަނޑުންނެވެ.
މެޗުގައި ލަނޑުޖެހުމަށްފަހު ތަޖިކިސްތާންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އޭއެފްސީ.ކޮމް
އެއަށްފަހު، މެޗުގެ 30 ވަނަ މިނެޓުގައި ތަޖިކިސްތާންގެ ދެވަނަ ލަނޑަކީ ރާއްޖޭގެ ގޯލްކީޕަރު، މުޙައްމަދު ފައިސަލް ސަލާމަތްކުރަން އުޅުނު ބޯޅައެއް ޕެނަލްޓީއޭރިޔާ ތެރޭގައި ހުރި ޝެރްވޯނީ މަބަޓްޝޮއޭވް އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ތަޖިކިސްތާނުން ޓެމްޕޯ ހިފަހައްޓާފައިވާއިރު، ރާއްޖޭން ބޮޑަށް ޑިފެންސަށް އިސްކަންދީގެން ކުޅުނު މި ހާފުގައި ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އިތުރުވަގުތުގެ ތެރޭގައި ހަސަން ރާއިފް ހަސަން (ހަންނަ) ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.
މިއީ މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ ކޯޗުކަމާ ހަވާލުވި މުޙައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން ބަލިވި ފުރަތަމަ ފަހަރެވެ. އޭނާގެ ކޯޗުކަމުގައި ރާއްޖޭން ކުޅުނު ފުރަތަމަ ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކުރިއިރު، އަނެއް މެޗުން ވަނީ އެއްވަރުވެފައެވެ. އެއީ، މިދިޔަ މަހު ސްރީ ލަންކާގައި އެ ޓީމާ ދެކޮޅަށް ސައުތު އޭޝިއަން ސުޕަރ ކަޕްގައި ކުޅުނު މެޗުތަކެވެ.
ކޮލިފައިންގައި ރާއްޖެ ދެން ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި ނިކުންނާނީ ތަޖިކިސްތާނާ ދެކޮޅަށެވެ.