ENGLISH

19 އޮކްޓޯބަރު 2025

Advertisement

އދ. އޮމަދޫގައި އައުޓްޑޯ ވޮލީ ކޯޓެއް ތަރައްޤީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

05 އޮކްޓޯބަރު 2025

|

މުޙައްމަދު އަދުހަމް

އދ. އޮމަދޫގައި އައުޓްޑޯ ވޮލީ ކޯޓެއް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން. --ފޮޓޯ: އެމްޓީސީސީ

އދ. އޮމަދޫގައި އައުޓްޑޯ ވޮލީ ކޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހުމަދު ސަޢުދީ އެވެ. ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

މި މަޝްރޫޢުގެ ދަށުން، ކޮންކްރީޓް މަސައްކަތާއި، ދަގަނޑު މަސައްކަތްތަކާއި، ކަރަންޓުގެ މަސައްކަތްތަކާއި، ޓާރފް އެޅުމާއި، އިކުއިޕްމެންޓް ހަރުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށް، 1.24 މިލިއަން ރުފިޔާ އަށެވެ.

ގާތްގަނޑަކަށް 1200 އެއްހާ މީހުންގެ އާބާދީއެއް އޮންނަ އދ. އޮމަދޫގައި ވޮލީ ކޯޓެއް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ ރަށުގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫޢެކެވެ. މި ވޮލީ ކޯޓުގެ މަސައްކަތް ނިމުމުން ރަށުގެ ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ކުރިއެރުންތަކެއް ލިބި، އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ އެވެ.

ދެ އަހަރުގެ ތެރޭގައި ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް އުފާވެރިކަން ގެނެސްދީ، ދުޅަހެޔޮ ހަށިހެޔޮ މުޖުތަމަޢުއެއް ބިނާކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ނިންމައި ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ރަށްރަށުގައި ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު