ENGLISH
19 އޮކްޓޯބަރު 2025
ހާއްޕެގެ ސާޖަރީގެ ހުރިހާ ޚަރަދެއް އެފްއޭއެމާއި އެންސްޕާއިން ހަމަޖައްސައިދެނީ
05 އޮކްޓޯބަރު 2025
|
އަލީ ހާފިޒް (ހާއްޕެ). ފޮޓޯ: ފޮޓޯ މާސްޓަރ / ކްލަބް މޯލްޑިވްސް
ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިޔާ، އަލީ ހާފިޒް (ހާއްޕެ) ގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުރުމަށް ހަމަޖެހިފައިވާ އޮޕަރޭޝަންގެ ހުރިހާ ޚަރަދެއް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި އެންސްޕާ އިން ހަމަޖައްސައިދީފައިވާ ކަމަށް އެފްއޭއެމްގެ ރައީސް އަހުމަދު ޠާރިޤު ވިދާޅުވެއްޖެއެވެ.
ހާއްޕެ އަށް އަނިޔާވީ، މިދިޔަ މަހު މިޔަންމާގައި ކުރިއަށްދިޔަ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި މިޔަންމާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި ހާއްޕެގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއާ ގުޅިގެން ވަނީ ބަދަލުކޮށްފައެވެ.
އޭނާގެ ފަރުވާއަށް ސަރުކާރުން އެހީ ނުވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓަކަށް ރައްދު ދެއްވާ ޠާރިޤު ވިދާޅުވީ، ހާއްޕެ އަށް ކުރިމަތިވީ އަނިޔާއަށް ފަރުވާ ހޯދުމަށް އިންޑިއާ އިން އޮޕަރޭޝަން ކުރަން އެއްބަސްވީ ބުރާސްފަތި ދުވަހު މަޝްވަރާއަށް ފަހު ކަމަށެވެ. އަދި އޮޕަރޭޝަނަށްދާނެ ޚަރަދާއި ކުޅުންތެރިޔާއާއި ދެ އެހީތެރިންގެ ޓިކެޓާއި، ތިބުމާއި ކެއުމުގެ ޚަރަދުކުރާނީ އެފްއޭއެމުންނާއި ސަރުކާރުގެ އެންސްޕާގެ އެހީތެރިކަމާއެކު ހަމަޖައްސާފައިވާ ކަމަށެވެ.
ޠާރިޤު ވަނީ، ކަންކަމުގައި އާއްމުންނަށް ޙަޤީޤަތް އޮޅޭ ގޮތަށް ދޮގު މަޢުލޫމާތު ފަތުރަމުންދާތީވެ، ކަމުގެ އަސްލު ޙަޤީޤަތް ހާމަކޮށްދިނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ ކަމަށްވާ، ހާއްޕެ އަށް ލިބުނު މި އަނިޔާއާ ގުޅިގެން މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ވަނީ ގެއްލިފައެވެ. ހާއްޕެ އަކީ އެ މުބާރާތުގެ ތާރީޚުގައި ވެސް ފެނިގެންދިޔަ އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.