ENGLISH
30 އޮކްޓޯބަރު 2025
ހުޅުމާލޭގެ މާސްޓަރޕްލޭނަށް އާއްމުންގެ ޚިޔާލު ހޯދުމަށް ފޯރަމެއް ބާއްވަނީ
29 ސެޕްޓެމްބަރު 2025
|
ހުޅުމާލޭގެ ސޯޝަލް، ލޭންޑްސްކޭޕް، އަދި ޓްރާންސްޕޯޓާ ގުޅޭ މާސްޓަރޕްލޭނަށް އާންމުންގެ ޚިޔާލު ހޯދުމަށް 'ޚިޔާލުން ހުޅުމާލެގެ" ގެ ނަމުގައި ފޯރަމެއް ބާއްވަން ނިންމައިފިއެވެ.
މިއީ، ހުޅުމާލޭގެ ތަރައްގީގައި، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުކޮށް، ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް މާސްޓަރޕްލޭންތައް ބައްޓަންކުރުމަށް ކުރިއަށްގެންދާ ފޯރަމެކެވެ. އަދި ހުޅުމާލޭގެ ދުރު ރާސްތާ މަގުޗާޓަށް ހުޅުމާލޭގެ ރައްޔިތުން ހޭލުންތެރިކޮށް، ހުޅުމާލޭގެ ތަރައްގީއާ ގުޅޭގޮތުން އާންމުންނާ މައުލޫމާތު ހިއްސާކުރުމަކީ ވެސް މި ފޯރަމްގެ އަމާޒެކެވެ.
މި ފޯރަމްގައި ހުޅުމާލޭގެ ކޮމިއުނިޓީ ބައްޓަންކުރަންވީ ގޮތާއި (ސޯޝަލް ޕްލޭން)، ހުޅުމާލެތެރޭގެ ދަތުރުފަތުރުތައް (ޓްރާންސްޕޯޓް ޕްލޭން) ބައްޓަންކުރަންވީ ގޮތުގެ އިތުރުން، ހުޅުމާލެ ފެހިކުރުން (ލޭންޑްސްކޭޕް ޕްލޭން)އާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދާނެއެވެ.
ޚިޔާލު ހޯދުމުގެ މި ފޯރަމްތައް އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 13 އިން ފެށިގެން 15 ވަނަ ދުވަހަށެވެ. މި ފޯރަމްގައި އޮންލައިންކޮށް ރަޖިސްޓަރ ކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓަރ ކުރުމުގެ ސުންގަޑިއަކީ 7 އޮކްޓޯބަރު 2025 ވާ އަންގާރަ ދުވަހެވެ.
އެޗްޑީސީގެ އަމާޒަކީ ހުޅުމާލޭގެ ތަރައްގީގެ ހުރިހާ ހަރުފަތެއްގައިވެސް ރައްޔިތުންގެ ޚިޔާލު ހޯދައި، ރައްޔިތުންގެ ބައިވެރިވުމާއެކު ހިތްފަސޭހަ ހުޅުމާލެއެއް ބިނާކުރުމެވެ.