ENGLISH
30 އޮކްޓޯބަރު 2025
ފެނަކައަަށް ވަގުތީ ގޮތުން ނެގި ބައެއް މުވައްޒަފުންގެ އެކައުންޓުތަކަށް 26.4 މިލިއަން ރުފިޔާ ޕެޓީ ކޭޝްގެ ގޮތުގައި ޖަމާކުރި
28 ސެޕްޓެމްބަރު 2025
|
ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދު، ފޮޓޯ: މިހާރު
އެމްޑީޕީގެ ވެރިކަމުގައި ހިންގި އެންމެ ބޮޑު އެއް ހިޔާނާތް ކަމުގައިވާ ފެނަކަ ކޯޕަރޭޝަނުގެ ހިޔާނާތުގެ ތެރެއިން، އެ ކުންފުނިން ހިންގަމުން އައި މަޝްރޫއުތަކުގައި މަސައްކަތްކުރުމަށް ކަމުގައި ބުނެ ވަޒީފާއަށް ނެގި މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޕެޓީ ކޭޝްގެ ގޮތުގައި 26.4 މިލިއަން ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެއެވެ.
2019 ވަނަަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ފެނަކައިގެ ޕްރޮކިއުމެންޓާއި އެ ކުންފުނީގެ މާލީ ކަންކަން ކުރިއަށްގެންދިޔަ ގޮތާ ގުޅޭ ގޮތުން އޮޑިޓަރ ޖެނެރަލް އޮފީހުން ތައްޔާރުކުރި ތަފުސީލު އޮޑިޓު ރިޕޯޓުގައިވާ ގޮތުން ފެނަކައިން ހިދުމަތް ފޯރުކޮށްދޭ ގިނަ ރަށްރަށުގައި ތިޖޫރިއާއި ކުންފުނީގެ ދާއިމީ މުވައްޒަފުންނާއި، ބްރާންޗްތަކުގެ ބޭންކު އެކައުންޓު ފަދަ ވަސީލަތްތައް ގާއިމުކުރެވިފައި ހުއްޓެވެ.
ނަމަވެސް އިން-ހައުސްކޮށް ފެނަކައިން ހިންގަމުން އައި މަޝްރޫއުތަކުގެ ޕެޓީކޭޝް ފައިސާ އެ ކުންފުނީގެ ބްރާންޗްތަކުގެ މުވައްޒަފުންނާ ހަވާލުނުކުރެއެވެ. އަދި ފައިސާ ބަލަހައްޓަމުންއައީ ރަށްރަށުގައި ހުންނަ ފެނަކަ އޮފީހުގެ ބަދަލުގައި މަޝްރޫއުތަކަށް ހާއްސަކޮށް ގާއިމުކުރި ޕްރޮޖެކްޓް އޮފީސްތަކުގައެވެ.
މަޝްރޫއުތައް ހިންގުމަަށް ވަގުތީ ގޮތުން ގާއިމުކުރި އޮފީސްތަކުގައި ރައްކާތެރިކަމާއެކު ފައިސާއާއި ލިޔެކިޔުން ބެލެހެއްޓޭނެ އިންތިޒާމުތަ ގާއިމުކޮށްފައި ނުވެއެވެ. މި ޕްރޮޖެކްޓު އޮފީސްތަކުގައި ދުވަހުން ދުވަހަށް ހިނގާ ކަންކަން ބެލެހެއްޓުން ކޮންޓްރެކްޓު އުސޫލުން ވަގުތީ ގޮތުން ވަޒީފާއަށް ނެގި މުވައްޒަފުންނާ ހަވާލުކުރިއެވެ. އަދި މި މުވައްޒަފުންނަށް ގިނަ އަދަދެއްގެ ޕެޓީ ކޭޝް ހަވާލުކުރީ އެ ފައިސާ ބެލެހެއްޓުމާ ގުޅޭ އެއްބަސްވުމެއްވެސް ނެތިއެވެ.
އެގޮތުން މަޝްރޫއުތައް ހިންގުމަށް ނެގި މުވައްޒަފުންގެ އެކައުންޓުތަކަށް 21،368،039 (އެކާވީސް މިލިއަން ތިންލައްކަ ފަސްދޮޅަސްއަށްހާސް ތިރީސް ނުވަ) ރުފިޔާ ޖަމާކުރިއެވެ. އަދި އެ މުވައްޒަފުންގެ އަތަށް ނަގުދު ފައިސައިން 5،125،130 (ފަސް މިލިއަން އެއްލައްކަ ފަންސަވީސްހާސް އެއްސަތޭކަ ތިރީސް) ރުފިޔާ ދީފައިވެއެވެ.
މިގޮތަށް މުވައްޒަފުންގެ އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއެކު، މުވައްޒަފުންގެ އަތަށްވެސް ގިނަ އަދަދެއްގެ ފައިސާ ދެމުންދިޔައިރު އެ ފައިސާ ބޭނުންކުރަނީ ކުންފުނީގެ ބޭނުންތަކަށްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކޮށްފައިނުވެއެވެ.