ENGLISH
30 އޮކްޓޯބަރު 2025
ފެނަކައަށް އައު ޖަނަރޭޓަރުގެ އަގުގައި ބާ ޖަނަރޭޓަރު ގަނެފައިވޭ؛ ގަތީ %504 އަގު ބޮޑުކޮށް
27 ސެޕްޓެމްބަރު 2025
|
ފެނަކައިގެ ޖަނަރޭޓަރެއް ރާވަނީ، ފޮޓޯ: ފެނަކަ ކޯޕަރޭޝަން
ފާއިތުވި ދައުރުގައި ފެނަކަ ކޯޕަރޭޝަނަށް އައު ޖަނަރޭޓަރުގެ އަގުގައި ބާ ދިހަ ޖަނަަރޭޓަރު ގަނެފައިވާކަމާއި، އެ ޖަނަރޭޓަރުތައް ގަތީ ސަޕްލައިކުރި ކުންފުނިތަކުން ޖަނަރޭޓަރުތައް ގަތް އަގަށްވުރެ 504 އިންސައްތަ އަގުބޮޑުކޮށްކަން ފަޅާއަރައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުގެ ޕްރޮކިއުމެންޓާއި މާލީ ހާލަތުގެ އޮޑިޓު ރިޕޯޓެއް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާއްމުކޮށްފައިވާއިރު އެ ރިޕޯޓުގައި ފާހަަގަކުރި އެއްކަމަކީ ހަތް އެއްބަސްވުމެއްގެ ދަށުން އައު ޖަނަރޭޓަރު ގެނައުމުގެ މަސައްކަތް އެކްސްކޯ ޕްރައިވެޓް ލިމިޓެޑްއާއި އެމްބަރ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް ކިޔާ ދެ ކުންފުންޏާ ފެނަކައިން ހަވާލުކުރި ކަމެވެ.
އެކަމަކު އެ ކުންފުނިތަކުން ފެނަކައަށް ވިއްކަން ރާއްޖެއަށް ގެނައި ޖަނަރޭޓަރުތަކަކީ ބާ ޖަނަރޭޓަރުތަކެއްކަން ހާމަވީ، އެތަކެތި ރާއްޖެއަށް އެތެރެކުރުމަށް ކަސްޓަމްސްއަށް ހުށަހެޅި ލިޔެކިޔުންތަކުންނެވެ. އެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެ ޖަނަރޭޓަރުތަކަކީ ރިފަރބިޝްޑް ޖަނަރޭޓަރުތަކެވެ.
ނަމަވެސް ޖަނަރޭޓަރުތައް ލިބުމުން ފެނަކައިން ތައްޔާރުކުރި ޖަނަރޭޓަރ އިންސްޕެކްޝަން ރިޕޯޓުތަކުގައި މި ޖަނަރޭޓަރުތަކަކީ މުޅިން އައު "ބްރޭންޑް ނިއު" ޖަނަރޭޓަރުގެ ގޮތުގައި ހިމަނާފައިވާކަން އޮޑިޓު ރިޕޯޓުގައި ފާހަގަކުރިއެވެ.
އެ ދެ ކުންފުނިން 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރި ހުރިހާ ޖަނަރޭޓަރުތަކަކީ ރިފަރބިޝްޑް ޖަނަރޭޓަރެވެ.
އޮޑިޓު ރިޕޯޓުގައި ފާހަަގަކުރި ގޮތުގައި މި ޖަނަރޭޓަރުތަކުގެ އަގާއި ޑިއުޓީއާއެކު ހަރަދުވާނީ 2.8 މިލިއަން ރުފިޔާއެވެ. ނަމަވެސް އެ ޖަނަރޭޓަރުތައް ގަތުމަށް ފެނަކައިން 17.3 މިލިއަން ރުފިޔާ ހަރަދުކުރިއެވެ.
މި ކުންފުނިތަކާ ޖަނަރޭޓަރު ސަޕްލައިކުރަން ހަވާލުކުރީ ބީލަމަށް ހުޅުވައިނުލައި، ޑައިރެކްޓް ޕާޗޭސް ކޮމިޓީން މަސައްކަތް ހަވާލުކުރާ ގޮތަށް ކަނޑައަޅައިގެންނެވެ. އަދި މި ކުންފުނިތަކުން ޖަނަރޭޓަރުތައް ގަތްކަމަށް ކަސްޓަމްސްއަށް ހުށަހެޅި އަގާއި، އެތަކެއްޗަށް ދެއްކި ޑިއުޓީއަށް ބަލާއިރު ޖަނަރޭޓަރުތަކުގެ އަގަށް ޖެހޭ އަދަދަށްވުރެ 504 އިންސައްތަަ އިތުރަށް ފެނަކައިން ފައިސާ ދީފައިވެއެވެ.
އަދި މި ޖަނަރޭޓަރުތަކުގެ ތެރެއިން ގިނަ ޖަނަރޭޓަރުތައް އެތެރެކުރީ ފެނަކައިން ޖަނަރޭޓަރު އެތެރެކުރަން މި ކުންފުނިތަކާ ހަވާލުކުރުމުގެ މާ ކުރިންނެވެ. އެގޮތުން ޖަނަރޭޓަރު ގެނައުމުގެ މަސައްކަތް މި ކުންފުނިތަކާ ހަވާލުކުރުމުގެ ފަސް ދުވަހާއި 11 ދުވަހާ ދެމެދުގެ މުއްދަތެއްގެ ކުރިން އެ ޖަނަރޭޓަރުތައް ރާއްޖެއަށް ގެނައިކަން އޮޑިޓު ރިޕޯޓުން ހާމަވެެއެވެ.