ENGLISH
19 ސެޕްޓެމްބަރު 2025
ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތް: ފުރަތަމަ ދެ މެޗުން ރާއްޖެ މޮޅުވެއްޖެ
19 ސެޕްޓެމްބަރު 2025
|
މުބާރާތުގައި ރާއްޖެއާ ދެކުނު އެފްރިކާ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި ރާއްޖޭގެ ޤައުމީ ޓީމު ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށްފިއެވެ.
މިއީ ބައިނަލްއަގުވާމީ ހޭންޑްބޯޅައިގައި ރާއްޖޭން އަމިއްލަ ފަސްގަނޑު މޮޅުވި ފުރަތަމަ މެޗުތަކެވެ.
މި މަހުގެ 18 އިން 24 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް ހަ ޤައުމަކުން ވާދަކުރެއެވެ. މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް އިއްޔެ ހަވީރު ބޭއްވިއިރު، މި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ކޮމަންވެލްތުގެ އިސްވެރިންގެ އިތުރުން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އިއްޔެ ބޭއްވި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ކުޅުދުއްފުށީ ސިޓީ ބީޗް ހޭންޑްބޯޅަ ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ މެޗުގައި ރާއްޖޭން ވަނީ 2-1 އިން ސްރީ ލަންކާ ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓުގައި ވާދަވެރި ކުޅުމަކަށްފަހު 28-24 އިން ރާއްޖޭން ކުރިހޯދާފައިވަނިކޮށް، ލަންކާ އިން ވަނީ ދެވަނަ ސެޓުން 34-26 އިން ކާމިޔާބުކޮށްފައެވެ.
މިއާއެކު، ނަތީޖާ ނެރުމަށް ކުޅުނު ޝޫޓްއައުޓް ސެޓުން ރާއްޖެ ވަނީ 7-4 އިން ކުރިހޯދާފައެވެ. މެޗުގައި ރާއްޖެ މޮޅުކޮށްދިނުމުގައި އަހުމަދު ރަޒްނީ މުޙައްމަދު ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ.
މުބާރާތުގައި ރާއްޖެއާ ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
މުބާރާތުގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި މިއަދު ހެނދުނު ވަނީ ދެކުނު އެފްރިކާ ބަލިކޮށްފައެވެ. މި މެޗުން ރާއްޖެ މޮޅުވީ 2-0 އިންނެވެ. މި މެޗުގެ ފުރަތަމަ ސެޓުން 32-9 އިން ރާއްޖެ މޮޅުވިއިރު، ދެވަނަ ސެޓުން ކުރިހޯދީ 22-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރާއްޖޭގެ އަހުމަދު ރައުލް އައްސަދު އެވެ.
މި މުބާރާތުގައި ވާދަކުރަނީ ރާއްޖެ އާއި ދެކުނު އެފްރިކާގެ އިތުރުން ސްރީ ލަންކާ، ބަންގްލަދޭޝް، ޕާކިސްތާން އަދި އިންޑިއާ އެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް އެއް ފަހަރު ބައްދަލުކުރުމަށްފަހު، އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. މި ބުރުގެ އެންމެ ފުލުގައި ނިންމާ ދެ ޓީމު ރޭންކިންގ މެޗެއް ކުޅޭނެ އެވެ.
މުބާރާތުގައި ރާއްޖެ ދެން ނުކުންނާނީ މިރޭ 8 ޖަހާއިރު ޕާކިސްތާނާ ދެކޮޅަށެވެ. އެއަށްފަހު، ހަތަރުވަނަ މެޗުގައި މާދަމާ ހަވީރު ބަންގްލަދޭޝްއާ ބައްދަލުކުރާއިރު، ލީގު ބުރުގެ ފަހު މެޗުގައި މާދަމާ ރޭ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.