ENGLISH
19 ސެޕްޓެމްބަރު 2025
ޕާކިސްތާން އަތުން ރާއްޖޭގެ ޒުވާން ޓީމު ބަލިވެއްޖެ
19 ސެޕްޓެމްބަރު 2025
|
ޕާކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ސްރީ ލަންކާ ފުޓްބޯލް
ސަތާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ދެވަނަ މެޗުގައި ޕާކިސްތާން އަތުން 5-2 އިން ދިވެހިރާއްޖެ ބަލިވެއްޖެއެވެ.
މިއީ މި ފަހަރުގެ މުބާރާތުގައި ރާއްޖެ ކުޅުނު ދެވަނަ މެޗެވެ. މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ރާއްޖެ ވަނީ ބަލިވެފައެވެ. މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އަތުން ބަލިވީ 6-0 އިންނެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖެ އާއި އިންޑިއާގެ އިތުރުން ގްރޫޕް ބީ ގައި ދެން ހިމެނެނީ ޕާކިސްތާނާއި ބޫޓާނެވެ.
ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޕާކިސްތާނުން ޖެހި ފަސް ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ހަތަރު ގޯލް ކާމިޔާބުކޮށްފައެވެ.
މެޗުގައި ޕާކިސްތާންގެ މަންސޫރް އަހުމަދު ހެޓްރިކް ހެދިއިރު، އެ ޓީމުގެ އަނެއް ދެ ލަނޑުޖަހައިދިނީ މުޙައްމަދު ޢަބްދުﷲ އެވެ. މި މެޗުގައި ރާއްޖޭގެ ލަނޑުތައް ޖެހީ އަލީ އިލާން އަހުމަދު އާއި މުޙައްމަދު ޝަޔާން ޝިފާޢު އެވެ.
މި މުބާރާތުގައި ދެކުނު އޭޝިއާ ސަރަހައްދުން މުޅިއެކު ހަތް ޤައުމު ވާދަކުރެއެވެ. މި ޓީމުތައް ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭ ގައި ހިމެނެނީ؛ ސްރީ ލަންކާ އާއި ބަންގްލަދޭޝް އަދި ނޭޕާލް އެވެ.
މިއީ 17 އަހަރުން ދަށަށް ހާއްސަކޮށް މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ. މީގެކުރީން ބޭއްވީ ދެ ފަހަރު ވެސް ޗެމްޕިއަންކަން ހޯދާފައިވަނީ އިންޑިއާ އެވެ.