ENGLISH
03 ސެޕްޓެމްބަރު 2025
ރައީސަށް ޗައިނާއިން ހޫނު މަރުހަބާއެއް؛ ދައްކުވައިދިނީ ދެ ގައުމުގެ ގުޅުމަށް އޮތް އިހުތިރާމު
30 އޯގަސްޓު 2025
|
ރައީސް ޑރ.މުއިއްޒު ޗައިނާއަށް ވަޑައިގަތުމުން މަރުހަަބާ ދެންނެވުން، ފޮޓޯ: ރައީސް އޮފީސް
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމަށް ވަޑައިގަތުމުން ޗައިނާއިން ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް އެ ގައުމުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ޗައިނާ އިސްވެ އޮވެ އުފައްދާފައިވާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަނުގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރަައީސް ޝީ ޖިންޕިން އެރުވި ދައުވަތު ގަބޫލުކުރައްވައި ރައީސް ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޑރ.މުއިއްޒު ޗައިނާއަށް ވަޑައިގަތުމުން އެ ގައުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އެ ގައުމުގެ އެމަޖެންސީ މެނޭޖުމެންޓު މިނިސްޓަރ ވަން ޝިއަންޝީ އެވެ.
މިނިސްޓަރ ވަންގެ އިތުރަށް ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ.ފަޒީލް ނަޖީބާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮން ޝިންހުއާވެސް ރައީސަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓުގައި އެމަނިކުފާނުގެ އިސްތިގުބާލުގައި ތިއްބެވިއެވެ.
ޗައިނާއަށް ވަޑައިގެންނެވި ދަތުރުފުޅުގައި އެ ގައުމުގެ ވެރިރަށް ބެއިިޖިންއަށް ވަޑައިގަތުމުން އެއާޕޯޓުން އެމަނިކުފާނުގެ ޝަރަފުގައި އޮނާ ގާޑެއް އެރުވިއެވެ. އަދި އެމަނިކުފާނުގެ ރަސްމީ ދަތުރުފުޅުގައި ވަޑައިގަތުން ފާހަަގަކުރުމަށް އެއާޕޯޓުގައި ސަގާފީ ހަރަކާތްތަކެއް ބާއްވާފައިވެއެވެ.
މިއީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޗައިނާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ވަޑައިގެންނެވީ ޗައިނާއަށެވެ. އެ ގައުމުގެ ރައީސް ޝީއާއެކު ރަސްމީ ވާހަކަތައް ކުރިއަށްގެންދެވުމުގެ އިތުރަށް، މުހިއްމު ބައެއް އެއްބަސްވުންތަކުގައި އެ ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވުނެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާއެވެ. އަދި އެ ގައުމަކީ ރާއްޖޭގެ އުމްރާނީ އިގުތިސާދީ ތަަރައްގީގައި އެންމެ ބޮޑަށް އެހީތެރިވާ އެއް ގައުމެވެ.