ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ދެ ގައުމުގެ އެކުވެރިކަން ބްރިޖާ އެއްވަރަށް ދެމިއޮންނާނެ: ޗައިނާ ސަފީރު

30 އޯގަސްޓު 2025

|

ޝާމަ ޝުޢައިބު

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ - ފޮޓޯ: ރައީސް އޮފީސް

ސިނަމާލެ ބްރިޖަކީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ބަދަހި އަދި ދެމެހެއްޓެނިވި އެކުވެރިކަމުގެ ރަމްޒެއް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުއްވެއްޖެއެވެ.

ސިނަމާލެ ބްރިޖު ހުރަސްކޮށް ކޮންމެ ދުވަހަކު ކުރައްވާ ދަތުރުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާ ސަފީރު ވިދާޅުވީ އެ ބްރިޖަކީ ދިވެހިންގެ ދިރިއުޅުމަށް އައިސްފައިވާ ކުރިއެރުން ރަމްޒުކޮށްދޭ ބިނާއެއް ކަމަށެވެ. މީގެ ކުރިން މާލެ އާއި ހުޅުލެ އާއި ހުޅުލެއާ ދެމެދު ދަތުރުފަތުރުގެ ހަމައެކަނި ވަސީލަތަކީ ފެރީ ކަމަށާ، ބްރިޖުގެ ސަބަބުން ކަނެކްޓިވިޓީގެ އާ ޒަމާނެއް ފެށި، ޓްރެފިކް ތޮއްޖެހުން ކުޑަވެ، އާބަން ކުރިއެރުމަށް މަގުފަހިވެ، އިގްތިސާދު ކުރިއަރާފައިވާ ކަން ސަފީރު ފާހަގަކުރެއްވިއެވެ.

ސަފީރު ކޮންގް ވަނީ އިމާރާތް ކުރުމުގައި ދިމާވާ ދަތިތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ބްރިޖުގެ މަޝްރޫއު ކުރިއަށް ދިޔައިރު ގާދޫކޮލުގެ ރާޅުތަކާ ހުޅަނގު މޫސުމުގައި ތިން މީޓަރުގެ އުސްމިނަށް ނަގާ ރާޅުތަކާ ކޮރަލް ރީފް ޖިއޮލޮޖީ އާއި އެ ނޫން ވެސް މައްސަލަތަކަށް އިންޖިނިއަރުންނަށް ހައްލު ހޯދަން ޖެހުނުކަން ސަފީރު ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް، ޓެކްނޮލޮޖީގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ޗައިނާގެ އިންޖިނިއަރުން ބްރިޖުގެ މަސައްކަތް ނިންމީ އެންމެ 33 މަސް ދުވަހުގެ ތެރޭގައި ކަމަށް ސްފީރު ވިދާޅުވިއެވެ.

މި މަޝްރޫއު އިއުލާނުކޮށްފައިވަނީ 2014 ވަނަ އަހަރު ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައެވެ. ގާތްގަނޑަކަށް 300 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރި ބްރިޖުގެ މަސައްކަތް 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވަނީ ނިމިފައެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ޗައިނާގެ ހިލޭ އެހީގެ ގޮތުގައި ދީފައިވާއިރު ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިން ޓެކްނިކަލް ހަރަދުގެ ގޮތުގައި އިތުރު 100 މިލިއަން ޑޮލަރު ވަނީ ކަވަރުކޮށްފައެވެ.

ސަފީރު ކޮންގް ސިނަމާލެ ބްރިޖްގެ މަޝްރޫއު ސިފަކުރެއްވީ "ސައިޒަކަށް ބެލުމެއް ނެތި ގައުމުތަކަކީ ހަމަހަމަ ބައެއް" ކަމަށް ދެކޭ ގޮތް ދައްކުވައިދޭ ކަމެއްގެ ގޮތުގައެވެ. އަދި ބްރިޖުގެ މަޤްޞަދަކީ ހަމައެކަނި ރަށްތައް ގުޅުވާލުމުގެ އިތުރުން ފުޅާވެ ތަރައްގީ ވަމުންދާ ގައުމާ ދެގައުމުގެ ގުޅުން ރަމްޒޔ ކޮށްދިނުން ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

އޭގެ އިތުރުން "ހިތްތަކާއި ފުރުޞަތުތަކާއި މުސްތަޤްބަލު" ގުޅުވާލުން ވެސް މި ބްރިޖުން ރަމްޒުކޮށްދޭކަން ސަފީރު ފާހަގަކުރެއްވިއެވެ. އަދި މި ޕްރޮޖެކްޓަކީ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރުއައި) އަށް ޗައިނާއިން ކުރާ މަސައްކަތާއި، އެއް އަމާޒަކަށް، ސަރަހައްދީ މުޖުތަމައުތައް އުފެއްދުމާއި، ދުނިޔޭގެ ސުލްހަ އާއި ތަރައްގީއަށް އޮތް އެއްބާރުލުން ރަމްޒުކޮށްދޭ ޕްރޮޖެކްޓެއް ކަމަށް ސަފީރު ވިދާޅުވިއެވެ.

ރައީސް ޝީއާ ހަވާލާދެއްވައި ސަފީރު ދެއްކެވި ވާހަކަފުޅުގައި، ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން "އިންކްލޫސިވް އެންޑް ބެނިފިޝަލް އިކޮނޮމިކް ގްލޯބަލައިޒޭޝަން" އަދި އިތުރު އެކިއެކި އެއްބާރުލުން ދިނުމަށް ޗައިނާއިން ތާއީދުކުރާކަން ފާހަގަކުރެއްވިއެވެ.

ސަފީރު ކޮންގް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަން ބްރިޖާ އެއްވަރަށް ދެމިއޮންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. "ޒަމާނާ އެކު ދުނިޔެ ކިތަންމެ ވަރަކަށް ކުރިއަރަމުން ދިޔަ ނަމަވެސް، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ފަދައިން، ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ދެމިއޮންނާނެ،" ސަފީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު