ENGLISH
03 ސެޕްޓެމްބަރު 2025
އޮޑިޓަރ ޖެނެރަލް ފަހަތުން ދުވުން ކުށްވެރި، ގައުމުގެ ވެރިމީހާ ފަހަތުން ދުވަން އޯކޭ؟
29 އޯގަސްޓު 2025
|
މިނިވަން ނޫސްވެރިކަމަކީ، ދިމިގްރާތީ ނިޒާމެއްގައި އަސާސީ އަދި މުހިއްމު ތަނބެކެވެ. ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމާއި، ސަރުކާރުގެ މަސައްކަތްތައް ބަލައި މޮނިޓަރކޮށް، ޖަވާބުދާރީކުރުވުމަކީ ނޫސްވެރިކަމުގެ މުހިއްމު މަސައްކަތެކެވެ. ނަމަވެސް، މި މިނިވަންކަމާއި އެކު ޒިންމާތަކެއް އަންނަކަން ހަނދާންކުރަންޖެހެއެވެ. މިއަދު މި ދެކެމުންދާ ނޫސްވެރިކަމަކީ މިނިވަންކަމުގެ ނަމުގައި، އިންސާނިއްޔަތުކަމާއި އަޚުލާގީ ހަމަތައް ވަޅުލާފައި ނުކުމެފައިވާ ނޫސްވެރިކަމެއްބާވައޭ ސުވާލު އުފެދެއެވެ.
މިނިވަން ނޫސްވެރިކަމަކީ، ސަރުކާރާއި އެހެނިހެން ބާރުތަކުގެ ނުފޫޒުން އެއްކިބާވެފައިވާ، ހަގީގަތް ހޯދައި ރައްޔިތުންނާ ހިއްސާކުރުމުގެ ފުރުސަތު ލިބިފައިވާ ނޫސްވެރިކަމެކެވެ. އިންސާފު ގާއިމުކުރުމާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި މިނިވަން ނޫސްވެރިކަން އަދާކުރާ ދައުރު ބޮޑެވެ. ނަމަވެސް، ކޮންމެ ހައްގެއްގެވެސް ހައްދެއް އޮންނާނެކަން އިސްލާމީ އަދަބުތަކާއި މުޖުތަމައުގެ ހަމަތަކުން ހާމަވެއެވެ. އެއްވެސް މީހަކަށް، އެއީ ނޫސްވެރިއަކަށް ވީނަމަވެސް، ހިތުހުރިހާ ގޮތަކަށް އުޅުމުގެ ނުވަތަ ހިތުހުރި އެއްޗެއް ކިޔުމުގެ ހުއްދައެއް ނޯންނާނެއެވެ. އެހެނީ، އިންސާނީ ހައްދުތައް ފަހަނަހަޅައި، އެހެން ފަރާތްތަކުގެ ކަރާމަތަށް އުނިކަން އަންނަ ގޮތަށް އަމަލުކުރުމަކީ، މިނިވަންކަމުގެ ނަމުގައި ކުރެވޭ ހުތުރު އަމަލެކެވެ. އެއީ އަދި ތިމާ ކިތަންމެ ރުޅި އަންނަ މީހަކަށް ވީނަމަވެސް ހެވެވެ.
އެކި މީހުންނާ މުޚާތަބު ކުރާއިރު ދޭންޖެހޭ އަދަބު އިހުތިރާމު ހަނދާން ނެތުމަކީ ނޫސްވެރިކަމުގެ އަގު ވެއްޓޭ ކަމެކެވެ. ޚާއްސަކޮށް، މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި، އާއްމު ރައްޔިތުންނާ ވާހަކަ ދައްކާއިރު، އަނބުރާ ލިބޭ އޯގާތެރިކަމާއި އިހްތިރާމް ގެއްލިގެންދަނީ އެފަދަ ނޫސްވެރިންގެ ފަރާތުންނެވެ. ބައެއް ނޫސްވެރިން، ނޫސްވެރިކަމުގެ ކާޑު ކުޅެނީ އަމިއްލަ މަންފާއަށް ނުވަތަ ވަކި ފަރާތެއްގެ އެދުމަށްކަމީ މިއަދު ފެންނަމުންދާ ހަގީގަތެވެ. ނޫސްވެރިކަމުގެ ހުރުމަތް ކެނޑިގެންދަނީ މިފަދަ އަމަލުތަކުގެ ސަބަބުންނެވެ. އެހެން ނޫންނަމަ، ނޫސްވެރިކަމުގެ މަގްސަދަކީ ހަމައެކަނި ފިނޑިކަމާއި ނިކަމެތިކަން ފަތުރާ، މުޖުތަމައު ބައިބައިކޮށްލުން ކަމަށް ވެގެންދާނެއެވެ.
މީހުންގެ އަގު ވައްޓާލައި، އެމީހުންނަށް ދުއްތުރާކުރުމަކީ ނޫސްވެރިކަމުގެ އެއްވެސް އުސޫލެއް ނޫނެވެ. ނޫސްވެރިކަމުގެ އަސާސީ ހަމައަކީ ހަގީގަތް ހޯދައި، އެއްވެސް ޖެހިލުމެއްނެތި އެ ހަގީގަތް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. ނަމަވެސް، މި ހަގީގަތް ހޯދައި ހިއްސާކުރުމުގައި، މީހުންނަށް އިހުތިރާމު ކުރުމާއި، އެމީހުންގެ އަމިއްލަ މިނިވަންކަމަށް އަރައިގަތުމުން ދުރުހެލިވުމަކީ ކޮންމެ ނޫސްވެރިއެއްގެ ވެސް ވާޖިބެކެވެ. ނަމަވެސް މިއަދު ބައެއް ނޫސްވެރިންގެ ފަރާތުން ފެންނަމުންދަނީ މި އަސާސީ އުސޫލުތަކާ މުޅިން ޚިލާފު އަމަލުތަކެވެ. އެމީހުންގެ އަމިއްލަ ނަފްސުގެ މަންފާއަށް ނުވަތަ ވަކި ސިޔާސީ ފަރާތެއްގެ ބޭނުމަށް، ނޫސްވެރިކަމުގެ ކާޑު ބޭނުންކޮށް، މީހުންނަށް ހުތުރު ބަސްތައް ބޭނުންކޮށް، އެމީހުންގެ އަގު ވައްޓާލަން މަސައްކަތްކުރާ މަންޒަރު ފެންނަނީ ނޫސްވެރިކަމަށް ލިބިފައިވާ އިތުބާރު ކަނޑުވާލާ ކަމެއްގެ ގޮތުގައެވެ.
ދެހާސް ތޭވީސް ވަނަ އަހަރުގެ ތެރޭގައި، ނޫސްވެރިއަކު ކުރީގެ އޮޑިޓަރ ޖެނެރަލްގެ ފަހަތުން ސުވާލު ކުރުމުގެ ނަމުގައި ދުވެ، ހަޑިހުތުރު ބަސްތައް ބޭނުންކޮށްފައިވެއެވެ. އެކަން އެތައް ބަޔަކު ކުށްވެރިކޮށް، ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑުތަކާ އެއްގޮތް ނޫންކަމަށް ބުނެފައިވެއެވެ. ނަމަވެސް މިއަދު ހަމަ އެފަދަ މީހުން، މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ ފަހަތުން އެއަށްވުރެ އުތުރުކޮށް ދުވެ، ސުވާލުކުރުމުގެ ނަމުގައި ފުރައްސާރަކުރުމަކީ ކޮންފަދަ ކަމެއްތޯއެވެ؟
މިކަމުން ދައްކުވައިދެނީ ނޫސްވެރިކަމަށްވުރެ ބޮޑަށް، ވަކި ފަރާތެއްގެ ބޭނުމަށް މަސައްކަތްކުރާ ބައެއްގެ އަމަލުތަކެވެ. މިއީ ހަމައެކަނި ސިޔާސީ މަންފާއަކަށްޓަކައި، ނޫސްވެރިކަމުގެ ފައިދާ ނަގާ، އަމިއްލަ ހަޔާތާއި މުޖުތަމައުގެ ހަމަޖެހުމާ ކުޅޭ ބަޔެއްގެ އަމަލުތަކެއްކަމަށް ދެބަސްވެވޭކަށް ނެތެވެ. އޭރު ކުރިއަސް މިހާރު ކުރިއަސް، އެ ސަރުކާރުން ކުރިއަސް، މި ސަރުކާރުން ކުރިއަސް، ގޯސް ކަމެއް ރަނގަޅު ކަމަކަށް ނުހެދޭނެއެވެ. ކުރިން އޭރުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި ޖަވާބުދާރީ ކުރުވުމުގެ ނަމުގައި މުއައްސަސާތަކުގެ ވެރިންނަށް ފުރައްސާރަކުރި ކުރުން ގޯހެވެ. މިއަދު ނޫސްވެރިކަމުގެ ހައްގުގައި ކަމަށް ބުނެ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އައްޑަނައަކަށް ހަދައިގެން ގައުމުގެ ވެރިމީހާއަށް ފުރައްސާރަކުރުން ވެސް ގޯހެވެ.
ނޫސްވެރިއަކަށް ވުމަކީ ހިތުހުރިހާ ގޮތަކަށް އުޅެ، ހިތުހުރި އެއްޗެއް ކިޔުމުގެ ފްރީ ޕާސް ލިބޭ ކަމެއް ނޫނެވެ. ނޫސްވެރިކަމަކީ ވަކި އުސޫލުތަކާއި އަޚުލާގީ މިންގަނޑުތަކެއް ހިފަހައްޓަންޖެހޭ މުހިއްމު މަސައްކަތެކެވެ. އިސްލާމީ އަދަބުތަކާއި، ދިވެހި މުޖުތަމައުގެ ހަމަތަކުގައި، މީހުންނަށް އިހުތިރާމު ކުރުމާއި، އެއްވެސް މީހަކަށް ދޮގު ތުހުމަތު ނުކުރުން އަދި ހަޑިހުތުރު ބަސް ބޭނުންނުކުރުން ހިމެނެއެވެ. ނޫސްވެރިން މިފަދަ އުސޫލުތަކާ ޚިލާފުވުމުގެ ސަބަބުން، ނޫސްވެރިންގެ އަގު ވެއްޓިއްޖެއެވެ. ނޫސްވެރިކަމަށް އޮންނަ އިތުބާރު ކެނޑި، ރައްޔިތުންގެ މެދުގައި ނޫސްވެރިންނާމެދު އޮންނަ އިހުތިރާމު ގެއްލިއްޖެއެވެ. މިނިވަން ނޫސްވެރިކަމުގެ ހަގީގީ މަގުސަދު ހާސިލުވާނީ އިންސާނިއްޔަތުކަމާއި އަޚުލާގީ މިންގަނޑުތައް ހިފަހައްޓައިގެންނެވެ. އެހެން ނޫންނަމަ، މިއީ ހަމައެކަނި ފިނޑިކަމާއި ނިކަމެތިކަމުގެ ނިޝާނަކަށް ވާނެއެވެ.
އަޚްލާގީ ހަމަތަކާއި އިންސާނީ ކަރާމަތަށް އިހުތިރާމު ކުރުމަކީ، ނޫސްވެރިކަމުގެ މަސައްކަތް ކުރިއެރުވުމަށްޓަކައި ކޮންމެހެންވެސް ބޭނުންވާ ކަންކަމެވެ. އެހެން ނޫންނަމަ، މައުލޫމާތު ފޯރުކޮށްދިނުމުގެ ނަމުގައި، މުޖުތަމައުގައި ފަސާދަ ފެތުރި، އަޑުގަދަކޮށް ހަޅޭއްލެވުމަކީ އެއްވެސް ފައިދާއެއް ކުރާ ކަމަކަށް ނުވާނެއެވެ. މިއަދު ނޫސްވެރިންގެ އަގު ވެއްޓި، އެމީހުންނަށް އޮންނަ އިތުބާރު ކެނޑިފައިވަނީ، މިފަދަ ހައްދުފަހަނައަޅާފައިވާ އަމަލުތަކުގެ ސަބަބުންކަން ހަގީގަތެވެ. މިނިވަން ނޫސްވެރިކަމުގެ ނަމުގައި، އިންސާނިއްޔަތުކަން ވަޅުލާފައި ނޫސްވެރިކަން ކުރިއެރުވުމަކީ، އަސްލު މިނިވަންކަމުގެ ރޫހާ ޚިލާފު ކަމެކެވެ.
ނޫސްވެރިކަމުގެ ހަގީގީ މަގުސަދު ހާސިލުކުރެވޭނީ، ހަގީގަތް ހާމަކުރުމާއި، އިންސާފު ގާއިމުކުރުމަށް މަސައްކަތްކުރަމުން، އެއްވެސް މީހެއްގެ އަގު ވައްޓާނުލައި، އިންސާނީ ކަރާމަތަށް އިހުތިރާމު ކުރުމުންނެވެ. އެހެން ނޫންނަމަ، މިނިވަން ނޫސްވެރިކަމުގެ ނަމުގައި ހަގީގީ މިނިވަންކަން ގެއްލި، މުޖުތަމައުގައި ފަސާދަ ފެތުރި، އިންސާނިއްޔަތުކަން ވަޅުލެވިގެން ދާނެއެވެ.