ENGLISH
03 ސެޕްޓެމްބަރު 2025
ރަނގަޅު ޢާއިލާއެއް ބިނާކުރެވޭނީ އިސްލާމީ ޢަޤީދާގެ މަތީގައި މުޅި ދިރިއުޅުން އާރާސްތުކޮށްގެން: ހުކުރު ޚުޠުބާ
29 އޯގަސްޓު 2025
|
ރަނގަޅު ޢާއިލާއެއް ބިނާކުރެވޭނީ އިސްލާމީ ޢަޤީދާގެ މަތީގައި މުޅި ދިރިއުޅުން އާރާސްތުކޮށްގެން ކަމަށާއި، ޢާއިލާގެ އެންމެ މުހިންމު ދެ ތަނބު ކަމުގައިވާ މައިންބަފައިންނަކީ ތައުޙީދާއި ކޮންމެހެން ބޭނުންވާ ދީނީ ޢިލްމު އުނގެނި، އެއަށް ޢަމަލުކުރާ ބަޔަކަށް ވެގެން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ރަނގަޅު ޢާއިލާއެއް ބިނާކުރުން" މި މައުޟޫޢަށް މިއަދު މުޅި ރާއްޖޭގައި ދިން ޚުޠުބާގައި ބުނެފައިވަނީ، އިންސާނާއަށް މާތްﷲ ދެއްވި ނިޢުމަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ނިޢުމަތަކީ ކައިވެނީގެ ނިޢުމަތް ކަމަށެވެ. އަދި ކައިވެންޏަކީ ﷲ ތަޢާލާގެ ޙިކުމަތްވަންތަކަން ދަލީލުކޮށްދޭ ހެއްކެއް ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ. މި މޭރުމުން، ރޫމް ސޫރަތުގެ 21 ވަނަ އާޔަތް ޚުޠުބާގައި ގެނެސްފައި ވެއެވެ. މި އާޔަތުގެ މާނައަކީ: "ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ نفس ތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ."
ﷲ ތަޢާލާ ދެއްވި ކައިވެނީގެ މި ބޮޑު ނިޢުމަތުގެ ފޮނި މޭވާއަކީ ޒަވާޖީ ޙަޔާތުގެ ގުޅުމުން ވުޖޫދުވާ ޢާއިލާއެއް ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ. އަދި މި ޢާއިލާއަކީ ދުނިޔަވީ ޙަޔާތުގެ މުޑުވައް ކަމަށާއި ޢާއިލާ ބަލިކަށިވެއްޖެނަމަ ދިރިއުޅުމުގެ ނިޒާމު ހަލާކުވެ، މުޖުތަމަޢުން އިންސާނިއްޔަތުކަން ނެތިދާނެކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި، ހަރުދަނާ ޢާއިލާއެއް ބިނާކުރުމަކީ މާތްﷲ ދެއްވި ކައިވެނީގެ ނިޢުމަތަށް ޝުކުރުވެރިވުމަށް އެޅޭ އެންމެ ފުރަތަމަ ފިޔަވަޅު ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.
ޚުޠުބާގައި އިތުރަށް ބުނެފައިވަނީ، ފަސާދައާއި މަގުފުރެދުމާއި ބައިބައިވުމާއި ހަމަނުޖެހުންތަކުން އިސްލާމީ އުންމަތް ސަލާމަތްކުރުމަށްޓަކައި ހަރުދަނާ ޢަޤީދާގެ މަތީގައި ދަރީން ތަރުބިއްޔަތުކުރަން ވަރަށް ބޮޑު އިސްކަމެއްދޭން ޖެހިފައިވާ ކަމަށެވެ. ދަރިންގެ ހިތްތަކުގައި އީމާންކަމުގެ އޮށް އިންދައިދީ، ތައުޙީދުގެ ޢިލްމު އުނގަންނައިދިނުމަކީ ހަރުދަނާ ތަރުބިއްޔަތެއް އެކުދިންނަށް ލިބި، ފައިދާހުރި އެތައް ޢިލްމަކަށް ހުޅުވޭނެ ދޮރެއް ކަމަށާއި މިކަމަކީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ އެންމެ އިސް ވާޖިބުކަމުގައި ހައްދަވާފައިވާ ކަންތައް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. މިކަމުގެ ދަލީލެއް ގޮތުން، އިބްރާހީމްގެފާނާއި ޔަޢުޤޫބުގެފާނު، އެބޭކަލުންގެ ދަރީންނަށް ކުރެއްވި ވަޞިއްޔަތްޕުޅު، ޚުޠުބާގައި ގެނެސްފައިވެއެވެ. " އެކަމަށް إبراهيم ގެފާނު އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް وصية ކުރެއްވިއެވެ. އަދި يعقوب ގެފާނު ވެސް މެއެވެ. އޭ އަހުރެންގެ ދަރިންނޭވެ! ހަމަކަށަވަރުން، اللَّه ތިޔަބައިމީހުންނަށްޓަކައި دين ހޮއްވަވައި خيار ކުރައްވައިފިއެވެ. ފަހެ، (އެކަލާނގެއަށް) ކިޔަމަންވެތިބޭ حال ގައި މެނުވީ، ތިޔަބައިމީހުން މަރުނުވާށެވެ!"
މީގެ އިތުރުން ލުޤްމާނުލް ޙަކީމްގެ ދަރިކަލުންނަށް ދެއްވި ނަޞޭޙަތުގެ ބަސްކޮޅެއް ވެސް ގެނެސްފައިވެއެވެ. " އަދި لقمان ގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް نصيحة ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! اللَّه އަށް ތިބާ شريك ނުކުރާށެވެ! ހަމަކަށަވަރުން، شريك ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ."
ހަރުދަނާ ޢާއިލާއެއް ބިނާކުރެވޭނީ ދީނާ ދުރު ފިކުރުތަކާއި ޢަމަލުތައް ގޭތެރޭގެ މާޙައުލުން ނައްތާލެވިގެން ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. މިކަމުގެ ތެރޭގައި، ދީނުގައި ޙައްދުފަހަނައަޅައި ދިއުމާއި ދީނަށް ޢަމަލުނުކުރުމާއި ދީނީ ޝިޢާރުތަކަށް މަލާމާތްކުރުން ފަދަ ކަންކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އަދި، ފުރާވަރަށް އެޅުމުން ހުރިހާކަމެއް ހުއްދަވީ ކަމަށް ކުދިންނަށް ހީވެފައި އޮންނަ ހީވުމާއި އެ މަގަށް ކުދިން ދިއުމަށް ދޫކޮށްނުލާ، އިސްލާމީ ޝަރީޢަތުގެ އިންތަކުން ބޭރުނުވެ، ޙަޔާތުގެ ބައިވެރިޔާ އިޚްތިޔާރުކުރުމަށް ދަރީންނަށް އިރުޝާދުދިނުމުގެ މުހިންމުކަން ވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
ދެވަނަ ޚުޠުބާގައި ބުނެފައިވަނީ، އިސްލާމީ އުންމަތުގެ ކުރިމަގު އުޖާލާކޮށް، އުންމަތުގެ ޢިއްޒަތާއި ކަރާމާތް އިޢާދަކުރެވޭނީ މާތްވެގެންވާ އިސްލާމްދީނުގެ ތަޢުލީމާއި ތަރުބިޔަތުގެ ހިޔަލުގައި ޢާއިލާތައް ބައްޓަންކޮށްގެން ކަމަށެވެ. އެހެންކަމުން، ކޮންމެ މަޔަކާއި ބަފައެއްގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ދަރިން ތަރުބިއްޔަތުކުރުމުގައި އިސްލާމްދީން ގެނެސްދީފައިވާ މަންހަޖާ އެއްގޮތަށް ޢަމަލުކުރުން ކަމަށެވެ. އަދި، ހަރުދަނާ ޢާއިލާއެއް ބިނާކުރެވޭނީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންވެ، އިސްލާމީ ޝިޢާރުތަކަށް މާތްކޮށް ހިތުމަށާއި މުންކަރާތްތަކުން ދުރުވެތިބުމަށް ވެސް ދަރީންނަށް ދަސްކޮށްދޭން ޖެހޭނެ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި، އިސްލާމީ ޙުކުމްތަތަކީ ރަމްޒީ ގޮތުން ހުންނަ ޙުކުމްތަކެއް ނޫން ކަމަށާއި، އެއަށް ފުރިހަމައަށް ޢަމަލުކުރަން ޖެހޭނެކަން، އެންމެ ކުޑައިރުން ފެށިގެންވެސް ދަރީންނަށް އުނގަންނައިދޭން ޖެހޭނެކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ޚުޠުބާ ނިންމާލާފައި ވަނީ، ތަޙުރީމް ސޫރަތުގެ ހަވަނަ އާޔަތުގެ އަލީގައި، ޢާއިލާގެ ކޮންމެ ފަރުދަކުވެސް ހެޔޮކަންކަމަށް އަމުރުކޮށް، މުންކަރާތްތައް މަނާކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލަމުންނެވެ. އާޔަތުގެ މާނައަކީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكة ންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمر އަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ."