ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

އިހުތިޖާޖުން ހާމަވީ ނޫސްވެރިންނަށް އޮތް މިނިވަންކަން

28 އޯގަސްޓު 2025

|

މުޙައްމަދު ސަދާދު

ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި މަދަނީ ހައްޤުތަކަކީ އަދިވެސް ފައްކާވަމުން އަންނަ ހައްގުތަކެކެވެ. އެއްވެ އުޅުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަމަކީ މިކުޑަކުޑަ ރާއްޖޭގައިވެސް ދީފައި އޮތަސް އިހުގެ ސަރުކާރުތަކުން އަބަދުވެސް ހިފަހައްޓާ "މިނިވަންކަމެކެވެ."

ސަބަބުތަކެއް ނެތި އެއްވެސް ނޫނެވެ. އެއްވެ އުޅުމާއި މުޒާހަރާކުރުމުގެ މިނިވަންކަމުގެ ނަމުގައި ދައުލަތާއި އާއްމު ފަރުދުންގެ މުދަލަށް ގެއްލުން ދީފައިވަނީ ކިތައް ފަހަރުތޯއެވެ. ސިޔާސީ ހަރަކާތުގެ ނަމުގައި ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގައި ހުޅުޖެހި ހަނދާނެއް ދިވެހީން އަދި ނުނެތޭނެއެވެ. މަސައްކަތްތެރިންގެ ހައްޤުގައި ނިކުމެ ސަލާމަތީ ބާރުތަކާ ކުރިމަތިލައި ހަމަނުޖެހުން އުފެއްދިއެވެ. އާޚިރުގައި އެކަމުގެ ހިތިކަން ތަހައްމަލު ކުރަންޖެހުނީ އެ މަޅީގައި ޖެހި ކުށްކުށަށް އަރައިގަނެވި އަދަބު ލިބުނު އާއްމު މީހާއެވެ. މިފަދަ އެކި ސަބަބުތަކަށްޓަކައި، ސަލާމަތީ ގޮތުން މުހިއްމު ސަރަހައްދުތަކުގައި މުޒާހަރާކޮށް އެއްވެ އުޅުމުގެ ކަންކަން، އެހެން ޤައުމުތަކެކޭވެސް އެއްފަދައިން، މިޤައުމުގައިވެސް މަނާވެފައި އޮންނަތާވެސް ޒަމާންތަކެއް ވެއްޖެއެވެ.

ކަންމިހެން އޮތް ނަމަވެސް ސަރުކާރުތަކުން ކުރާ ކަންކަމާ ހިތްހަމަނުޖެހުމުން އިހުތިޖާޖުކުރުމުގެ ހައްޤަކީވެސް ރައްޔިތުންނަށް ލިބިދީފައި އޮންނަ ހައްޤެކެވެ. ގޯހުން ކަންކުރީމާ ގޯހޭ ބުނާ އަޑު ވެރިމީހާއަށް އިވެންޖެހެއެވެ. ޑިމޮކްރަސީގެ ރީތި ހަމައަކީ ވެސް އެއީއެވެ.

ހިތާމައަކީ ޑިމޮކްރަސީގެ ޗެމްޕިއަނުންގެ މެޑަލް ޖަހައިގެން ވެރިކަމަށް އައި ވެރީންނަށް މިއަޑު އަހާލަން ނުކެރުމެވެ. ކެމްޕޭނުތަކުގައި ހޮށުއައްޓަށް ވަޑައިގެން ވެރީން ރައްޔިތުންނާ ޒުވާބުކުރައްވާ ދުވަސް ދިވެހީން ދެކެފިއެވެ. ހުޅަނގުގެ ހައްދެއް ނެތް މިނިވަންކަން ގެނައުމަށް ފޫގަޅާލާފައި ތިބި ބަޔަކު، އިންތިޚާބުތައް ކުރިމަތިވުމުން ހޮޓާތަކާއި މަގުތައް މަތިން ކިތަންމެ ތިޔާގިވިޔަސް އެނޫން ދުވަސްވަރު ވަރަށް ތަދެވެ. ވެރިކަމުގެ ބޮޑުބައިގައި ވެރީން މީޑިއާއާއި ރައްޔިތުންނަށް ފިއްލަވައިގެން އުޅުއްވާ މަންޒަރަކީ ދިވެހީންނަށް އާ މަންޒަރެއް ނޫނެވެ. ފާޑެއް ކިޔާ އަޑު އިވިދާނެތީ ރިޔާސީ ކެމްޕޭނުވެސް ކުރެއްވެވީ ޖަލްސާ ބާއްވާ ސަރަހައްދުގައި ފިލާ ޖަހައި ބަންދުކޮށްގެންނެވެ. ފިއްލަވައިގެންނެވެ.

މިފަދަ ވެރީން ކަމުނުގޮސްގެން ދިވެހީން ހޮއްވެވީ ތަފާތު ދައްކަވާ ވެރިޔެކެވެ. ރައްޔިތުންގެ އަޑުއައްސަވަން މިވަރަށް ޝައުޤުވެރިވާ ދެވަނަ ރައީސަކު މި ދިވެހި ފަސްގަނޑުން ދިވެހީން އަދި ނުދެކެއެވެ. ކިރިޔާ ވަގުތުފުޅެއް ވިޔަސް ރައްޔިތުންގެ އަރިހަށް ވަޑައިގަންނަވަނީ ޚުދު ވަލިއްޔުލްއަމްރެވެ. އިންތިޚާބީ ދުވަސްވަރެއް އެހެން ދުވަސްވަރެއް ތަފާތެއް ނުވެއެވެ. މީހަކު ފާޑެއް ކިޔާނަމަ އެ އަޑު އައްސަވައެވެ. ކިތަންމެ ބޭއަދަބީކޮށް އެ ޚިޔާލު ފާޅުކުރި ކަމުގައިވީނަމަވެސް، ރައްޔިތެއްގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެންމެ އިންޗިއެއްވެސް ހަނިނުކުރައްވައެވެ.

މީޑިއާގެ ސުވާލުތައް ހުސްވަންދެން ޖަވާބުދެއްވަން ކުރިމަތިލައްވައެވެ. އެމޭރުމުން ވަޑައިގެން ދުނިޔޭގެ ރެކޯޑެއްވެސް މުގުރާލައްވައިފިއެވެ. ބާރުގަދަ ވިޔަފާރިވެރިންނާއި ނުފޫޒުގަދަ ފަރާތްތަކުގެ އަތްދަށުން ހަޤީޤަތުގައިވެސް މީޑިއާތައް މިނިވަންކުރައްވަން ބޭނުން ފުޅުވާތީ ދައުލަތުން މީޑީއާތަކަށް ޚަރަދުކުރައްވަން ފައްޓަވަން އިޢުލާނުކުރައްވައިފިއެވެ. ރައްޔިތުންގެ ހައްޤުގައެވެ. ޤައުމުގެ ހައްޤުގައެވެ.

ނަމަވެސް، މިމަސައްކަތްތަކުގެ ތެރޭން މިއަދު މިވަނީ އެހެން އަޑެއް އަނެއްކާވެސް ގުގުމާލާފައެވެ. މީޑިއާތައް ޒިންމާދާރުކަމާއެކު ހިނގާކަން ރެގިއުލޭޓްކުރުމާއި ދާއިރާ ހަރުދަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ހުށަހެޅުއްވި ބިލާމެދު ބައެއް މީޑިއާތަކުން ހިތްހަމަ ނުޖެހިގެން ގަދަވެގެން އުޅޭ އަޑެކެވެ. މިއީ މިފަދައިން މީޑީއާތަކުން އިހުތިޖާޖު ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ފުރަތަމަ ރިޔާސީ ދައުރެއް ނޫނެވެ. ނަމަވެސް މިއަދު ފެނުނު މަންޒަރެއް ދިވެހީން އަދި ނުދެކެއެވެ.

ކުރީގައި ނަމަ ސަލާމަތީގޮތުން މުހިއްމު ސަރަހައްދު ކަމުގައިވާ ގްރީންޒޯނުގައި ނޫސްވެރިން އިހުތިޖާޖުކުރުމުން ޖެހީ ޕެޕަރ ސްޕްރޭއާއި ފެނެވެ. ދެއްކީ ބިރެވެ. ކުރީ އަނިޔާއެވެ. ފަހައި ނުލެވުނު ނަމަ ލީ ޖަލަށެވެ.

ނަމަވެސް، މިއަދު ނޫސްވެރިން އިހުތިޖާޖުގައި ތިބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް ކަމުގައިވާ މީޑިއާ ފެންޑާގައެވެ. ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވަން ދައުލަތުގެ ވަޒީރުން ވަޑައިގެންނެވިއެވެ. ނޫސްވެރިންނާ ވާހަކަފުޅުދައްކަވައި މަޝްވަރާކުރެއްވެވި މަންޒަރު ވަގުތުން ދުރަށް ދައްކައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅު ނިންމަވައިލައްވާ އޮފީހުން ނިކުމެ ވަޑައިގެންނެވި ވަގުތު ވެސް ނޫސްވެރިންނަށް އިހުތިޖާޖު ކުރުމުގެ ފުރުސަތު ލިބުނެވެ. ރައީސްގެ ފަހަތްޕުޅުން ގޮސް ދިމާކޮށްލުމުންވެސް ޖަވާބުދެއްވީ ހިނިތުންވުމަކުންނެވެ.

އިއްޔެ ނޫސްވެރިން ފައްސާލަން ވެރީން ފުލުހުންގެ އަތަށް މުގުރުދީފައި ފޮނުވިޔަސް، މިއަދު ނޫސްވެރިޔާ އެއްކައިރި ކުރަން މަސައްކަތް ކުރުމުން ފުލުސް މީހާ ހުއްޓުވީ ޚުދު ރައީސުލްޖުމްހޫރިއްޔާއެވެ. ނޫސްވެރިޔާއަށް އެޅުނު ހުރަސް ވަގުތުން އެއްކައިރި ކުރެއްވީއެވެ. އަބަދުވެސް އަމަލުކުރައްވާ ގޮތަށެވެ.

ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ދެން އޮތީ ތާރީހުން ފެންނަން އޮތް މަންޒަރާއި އަދުގެ ޙާލަތެވެ. 2023 ވަނަ އަހަރު އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު އެންމެ ފަހުން ނެރުނު ބައިނަލްއަޤްވާމީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ އޮތީ 13 ދަރަޖަ ފަހަތަށް ވެއްޓިފައެވެ. މި ސަރުކާރުގެ ފުރަތަމަ 20 މަސްދުވަހުގެ ތެރޭގައި މީޑިއާތަކަށް ދިން ސަމާލުކަމާއި ފަހިކޮށްދިން ފުރުޞަތުގެ ސަބަބުން، ބައިނަލްއަޤްވާމީ ޕްރެސް ފްރީޑަމް އިންޑެކްސްގައި މިހާރު ރާއްޖެވަނީ 2 ދަރަޖަ ކުރިއަށް ޖެހިފައެވެ. 

ވެރިކަމަށް ހޮވިވަޑައިގެން އިންތިޤާލީ މަރްޙަލާގައި، ރާއްޖޭގެ ހުރިހާ ނޫސްމީޑިއާ ތަކާއެކު "މީޑިއާ ގުންޒަރު"ގެ ނަމުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވަވައި، މީޑިއާގެ ކަންކަން ގެންދާނެގޮތުގެ ޚިޔާލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހޯއްދެވިއެވެ. 

ރާއްޖޭގައި މުޅިން އަލަށް، މީޑިއާތަކުން މަސައްކަތްކުރާނެ ޖާގައާ ވަސީލަތް އަގުހެޔޮކޮށް ހޯއްދަވައިދެއްވުމަށް މީޑިއާ ވިލެޖެއް ޤާއިމުކުރާނެތަނެއް ހުޅުމާލެއިން ކަނޑައަޅައި އެ މަސައްކަތް ފެއްޓެވީވެސް އަދުވެސް ސަރުކާރުންނެވެ. އެވަރުން އަދި ނުނިމެއެވެ. ރައީސް އޮފީހުގެ ކުރިމަތީގައި އަބަދުވެސް ނޫސްވެރީންނަށް ސުވާލުކުރަން ތިބެވޭނެހެން ވަސީލަތްތައް ފަހިކޮށްދީ މީޑިއާ ފެންޑާ ޤާއިމުކުރުމަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު ފެއްޓެވި މުހިއްމު ކަމެކެވެ. 

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް 2025 މެއި 3 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ރައީސަކު ބޭއްވެވި އެންމެ ދިގު ޕްރެސްއެވެ. އެއީ ދުނިޔޭގެވެސް ރެކޯޑެކެވެ. ޖުމަލް 15 ގަޑިއިރު ނޫސްވެރިންގެ ސުވާލުތަކަށް ވަރުބަލިކަމެއް ނެތި އިތުބާރާ ޔަގީންކަމާއެކު ރައީސް ޖަވާބުދާރީވެވަޑައިގެންނެވިއެވެ. 

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް "ރައީސްގެ ޖަވާބު" ސިލްސިލާއާ، "ރައްޔިތުންނާ އެކު" ޕޮޑްކާސްޓް ސިލްސިލާކޮށް ކުރިއަށްގެންދިއުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޢުލޫމާތު ހާމަކުރެއްވުމަށް ބަހައްޓަވާ ޝައުގުވެރިކަމެވެ. ރާއްޖޭގެ އިތުރުން ބައިނަލްއަޤްވާމީ މީޑިއާތަކަށް މިހާރުވެސް 30 އަށް ވުރެ އިންޓަވިއު ދެއްވައިފިއެވެ. 

މިފަދަ ކިތަންމެ މަންޒަރެއް ފެނިއްޖެއެވެ. މިފަދަ ކިތަންމެ ވާހަކައެއް އަދިވެސް އިވޭނެއެވެ. ހަޤީޤީ މިނިވަންކަމާއެކު ޒިންމާދާރު ނޫސްވެރިކަމެއް މިދީބުން ފެނިގެންދާނެއެވެ. އެއީ، ވަލީއުލްއަމްރަކު ރައްޔިތުންގެ ފަޅީގައި އިޚްލާސްތެރިކަމާއެކު ކެނޑިނޭޅި ހުންނަވާތީއެވެ. އެ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ކިޔުންތެރިންގެ ހިޔާލު