ENGLISH
03 ސެޕްޓެމްބަރު 2025
މީޑިއާ ބިލު އަނބުރާ ނަގާކަށް ނުފެނޭ، ދިރާސާކޮށްގެން ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެވޭނެ: އޭޖީ
28 އޯގަސްޓު 2025
|
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު އަނބުރާ ނަގަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށާ، ބިލު ދިރާސާކޮށްގެން ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ބަންޑާރަނައިބު އަލްއުސްތާޒް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު" އަނބުރާ ގެންދިއުމަށް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. އަދި އެ ބިލާ ދެކޮޅަށް ބައެއް ނޫސްވެރިން ވެސް ދަނީ އިހުތިޖާޖު ކުރަމުންނެވެ.
އެކަމާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން ހުރުމާ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދީ އެ ބިލުގެ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވިދާޅުވީ ބިލު ފުރިހަމަ ކުރަން ބޭނުންވާ އިސްލާހު ހުށަހެޅުމުން އެކަން ބަލައިގަންނާނެ ކަމަށެވެ.
އުޝާމް ވިދާޅުވީ މީޑިއާ ކައުންސިލުން ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅާފައި އޮތް ބިލާ، މިހާރު ހުށަހަޅާފައި އޮތް ބިލާ މާ ބޮޑެތި ތަފާތުތަކެއް ނެތް ކަމަށެވެ.
މިހާރު މަޖިލީހުގައި އޮތް ބިލާ މެދު ނޫސްވެރިންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް އައްޔަނު ކުރާ މެންބަރުންތަކެއް މީޑިއާ ކޮމިޝަނުގައި ތިބުން ކަމަށާއި، ކޮމިޝަނުގެ ރައީސަކަށް ވެސް ރައީސް އައްޔަނު ކުރާ މީހަކު ހުރުން ކަމަށް އުޝާމް ވިދާޅުވިއެވެ.
"ތިބޭފުޅުން ބޭނުންވާ އިސްލާހުތައް ބިލް ފުރިހަމަކުރުމަށް ޓަަކައި އިސްލާހު ހުށަހަޅަންވީ ނޫންތޯ. އިސްލާހު ހުށަހަޅޭނެ. ސަރުކާރުން ބޭނުމެއް ނުވޭ ކޮމިޝަނަށް ސަރުކާރުން މެމްބަރުން އައްޔަންކުރާނަން،" - ބަންޑާރަނައިބު އަލްއުސްތާޒް އަހުމަދު އުޝާމް
ބިލު ހުށަހެޅުއްވި މެންބަރު ވިދާޅުވި ގޮތުގައި ބިލް ހުށަހެޅީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަށާއި ބްރޯޑްކާސްޓިން މީޑިއާ ހިމެނޭ ގޮތަށް މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުމަށެވެ.